އިއްތިހާދު އެއާވޭސް އިން ހަފްތާއަކު ރާއްޖެއަށް ދަތުރު ކުރާ މިންވަރަށް ވުރެ ހަތަރު ދަތުރު އިތުރު ކުރަން ނިންމައިފި އެވެ.
އިއްތިހާދު އެއާވޭސް އަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ދެވަނައަށް އެންމެ ބޮޑު އެއާލައިން އެވެ.
އިއްތިހާދު އެއާވޭސް އިން ބުނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމީ ކޮންމެ އަހަރަކު ވެސް ހޫނު މޫސުމާ ދިމާކޮށް ރާއްޖެ އަށް ދަތުރުކުރަން ބޭނުންވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ރަނގަޅު ޑިމާންޑެއް އޮންނާތީ ކަމަށެވެ.
އިއްތިހާދު އެއާވެސް އިން މިހާރު ރާއްޖެއަށް ކުރަނީ ހަފްތާއަކު ހަތް ދަތުރެވެ. އެހެންކަމުން އިއްތިހާދު އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމުން އެ އެއާލައިނުން ހަފްތާއަކު 11 ދަތުރު ރާއްޖެއަށް ކުރާނެ އެވެ.
އިއްތިހާދު އެއާވޭސް އިން ބުނީ ހޫނު މޫސުމާ ދިމާކޮށް އިތުރަށް ކުރަން ނިންމާފައިވާ ދަތުރުތައް ފަށަނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ފަހުން އިއްތިހާދު އެއާވެސް އިން ރާއްޖެ އަށް ދަތުރުތައް ކުރާނީ މިހާރުވެސް ކުރަމުންދާ ގޮތަށް ހަފްތާއަކު ހަތް ދަތުރުކަމަށްވެސް އެ އެއާލައިނުން ބުނެ އެވެ.
އިއްތިހާދު އެއާވޭސް އިން ބުނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރި ނަމަވެސް ޑިމާންޑާއި އެއްވަރަށް ހިދުމަތް ދިނުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ.
ރާއްޖެއަށް ދަތުރުކުރަމުން ގެންދާތާ ފަސް އަަހަރުވެފައިވާ އިއްތިހާދު އެއާވޭސްގެ މައި އިދާރާ ހުންނަނީ އަބޫދާބީގެ ހަލީފާ ސިޓީގަ އެވެ. މިމުއްދަތުގެ ތެރޭގައި އަބޫދާބީ މަގުން ރާއްޖެއަށް ހަތަރު ލައްކައެއްހާ ފަތުރުވެރިން އައިސްފައިވެ އެވެ.
ހޫނު މޫސުމުގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވަތީ އެ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ 320 މަރުކާގެ ދެ މަތިންދާ ބޯޓް ކަމަށްވެސް އިއްތިހާދު އެއާވޭސް އިން ބުނެ އެވެ. މިއިން ކޮންމެ ބޯޓެއްގައި ބިޒްނަސް ކްލާހުގެ 16 ޝީޓާއި އިކޮނޮމީ ކްލާހުގެ 120 ޝީޓް ހުރެ އެވެ.