އެއާޕޯޓް ސާވިސް ޗާޖު (އޭއެސްސީ)ގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2015 ވަނަ އަހަރު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި އެ އޮތޯރިޓީއަށް ލިބިފައިވަނީ 496.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް ނިމިގެންދިޔަ 2016 ވަނަ އަހަރު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 537.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 40.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ބިދޭސީ ޕެސެންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ނަގަމުން ދިޔަ 18 ޑޮލަރު 25 ޑޮލަރަށް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ އަދަދަށް އެއާޕޯޓް ސާވިސް ޗާޖު ނަގަން ފެށީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)ގެ ގޮތުގައި 25 ޑޮލަރު ނެގުމަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ފާސްކޮށްފަ އެވެ. އެބިލް ރައީސް ތަސްދީގުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ނަމަވެސް މިބިލް ގެޒެޓްކޮށް މިހާރު ގާނޫނަކަށް ވެފައިވީ ނަމަވެސް މި ގާނޫނުގެ ދަށުން އޭޑީއެފް ނަގާނީ ކުރިއަށް އޮތް މެއި މަހުގެ އެއްވަނަ ދުވަހު އެވެ.

އޭޑީއެފްގެ ގޮތުގައި މިއަހަރު ނަގަން ނިންމާފައިވަނީ ވެލާނާ އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު އަދި ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރާ ޕެސެންޖަރުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު އޭއެސްސީ އަދި އޭޑީއެފްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.