ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ދޭ ކާގޯ ހޭންޑްލިންގެ ހިދުމަތް އޮޓޮމޭޓް ކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ސެޓްސް ކުންފުންޏާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އެއްބަސްވުމުގައި ސެޓްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ވައިސް ޕްރެޒިޑެންޓް އޮފް ގޭޓްވޭ ސަޕޯޓް އެންޑް ޕްރޮޖެކްޓްސް ހައޮ ހޮކް އިންގެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.
މިއެއްބަސްވުމުގެ ދަށުން ގާއިމުކުރާ ނިޒާމަކީ އިންޑިއާގެ އެންއައިއައިޓީ ޓެކްނޮލޮޖީސް އާއި ސެޓްސް ގުޅިގެން އުފައްދާފައިވާ ކާގޯ އޮޕަރޭޝަންސް ސިސްޓަމް (ކޮސިސް) އެވެ.
އެމްއޭސީއެލް އިން ބުނީ މި ނިޒާމު ގާއިމުކުރެވި ހިދުމަތް ދޭން ފެށުމުން ކާގޯއާ ގުޅުންހުރި ހިދުމަތްތައް އަވަސް ކުރެވި މިހާރަށް ވުރެ ރަނގަޅަށް ކާގޯއާ ގުޅުންހުރި ހިދުމަތްތައް ބެލެހެއްޓިގެންދާނެ ކަމަށެވެ. މީގެ އިތުރުން ވައިގެ މަގުން ރާއްޖެ އެތެރެކޮށް އަދި ބޭރުކުރާ މުދާ ވަގުތުން ވަގުތަށް ބަލާލެވި، ކާގޯއާ ގުޅޭ މައުލޫމާތު ރައްކާކުރުމުގައި މި ނިޒާމުގެ ތެރެއިން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެ އެވެ.
ކޮސިސް ނިޒާމަކީ ދެކުނު އެމެރިކާއާއި އޭޝިއާގެ 16 ގައުމެއްގައި މިހާރުވެސް ބޭނުން ކުރަމުންދާ ނިޒާމެކެވެ.
ސެޓްސް ކުންފުންޏަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިދުމަތް ހޯދާ އެއާލައިންތަކަށް ކާނާ ސަޕްލައިކުރުމަށް އުފައްދާފައިވާ މޯލްޑިވްސް އިންފްލައިޓު ކޭޓަރިންގައި މިހާރުވެސް ހިއްސާވާ ކުންފުންޏެކެވެ. އެކުންފުނީގެ އަނެއް ހިއްސާދަރަކީ އެމްއޭސީއެލް އެވެ.