ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަލަށް ތައާރަފްކުރި އޮންލައިން ބުކިން ނިޒާމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު ދޫކުރަން ފެށި ފަހުން މިދިޔަ ދެ ހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ވިއްކައިފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ މިމަހުގެ އަށްވަނަ ދުވަހު ބީއެމްއެލް އިން އެއާޕޯޓްގައި ޑޮލަރު ވިއްކަން ފެށި ފަހުން 2،500 ދަތުރުވެރިންނަށް ޖުމްލަ އެއް މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އެހެންކަމުން އަލަށް ތައާރަފްކުރި އޮންލައިން ބުކިން ނިޒާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަން ވެސް ބީއެމްއެލް އިން ވަނީ ފާޙަގަކޮށްފަ އެވެ.
ރާއްޖެއިން ބޭރަށް ފުރާ ދަތުރުވެރިންނަށް ބީއެމްއެލް އިން އެއާޕޯޓްގައި ޑޮލަރު ވިއްކަން ފެށިތާ ދެ އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ވަނީ އެއާޕޯޓްގައި ކުޑަ ހަފްލާއެއް ވެސް ބާއްވާފަ އެވެ.
މިހަފްލާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއާއި ބީއެމްއެލްގެ އިސްވެރިންނާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބީއެމްއެލް އިން ބުނީ ދަތުރުވެރިން ޑޮލަރު ގަތުމަށް ބީއެމްއެލްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމުން ފުރުމުގެ ކުރިން އެއާޕޯޓުން ޑޮލަރު ލިބޭނެ ކަމަށެވެ. އޮންލައިންކޮށް ޑޮލަރު ގަންނަން ފައިސާ ދައްކާ މީހުންނަށް ޑޮލަރު ދޫކުރަނީ ވެލާނާ އެއާޕޯޓުގެ ޑިޕާޗާ ގޭޓް ހަތަރެއްގެ ކުރިމަތީގައި ހަދާފައިވާ ކައުންޓަރުތަކުންނެވެ.
ބީއެމްއެލް އިން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިން ހަދާ އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިން ނުހެދޭ މީހުންނަށް އެއާޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް ހިދުމަތް ދިނުމުގައި އިސްކަންދޭނެ ކަމަށްވެސް ބުނެފއިވެ އެވެ.
އެއާޕޯޓުން ފުރާ ދަތުރުވެރިން ޑޮލަރު ގަންނަން ބޭނުންވާނަމަ ބައެއް ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ފުރަން ހަމަޖެހިފައިވާ ދުވަހުގެ ފަސް ދުވަސް ނުވަތަ 120ގަޑިއިރު ކުރިން ފެށިގެން ޑޮލަރު ގަތުމަށް ބުކިން ހެދުމުގެ ފުރުސަތު ހުޅުވިގެންދާއިރު ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ އަށް ގަޑިއިރު ކުރިން ބުކިން ހަދާ ނިންމުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.
އެއާޕޯޓުން ޑޮލަރު ދޫކުރާ ގަޑީގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ބުކިން ހަދާއިރު ދޭ މައުލޫމާތަކީ ރަގަޅު މައުލޫމާތުކަން ޔަގީން ކުރުމަށްވެސް ބީއެމްއެލް އިން ވަނީ އެދިފަ އެވެ. އަދި ޑޮލަރު ގަތުމަށް ހަދާފައިވާ ބުކިން އަކަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންނަމަ ނުވަތަ މިކަމާއި ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ ބޭންކްގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރަށް ގުޅައިގެން އެ މައުލޫމާތެއް ސާފުކުރުމަށް ވެސް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.