ބޮޑެތި ޑިސްކައުންޓު ތަކާއެކު އެމްޑަބްލިއުއެސްސީން ކެމިކަލަށް ހާއްސަ ކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
"އެމްޑަބްލިއުއެސްސީ ސޮލިއުޝަންސް" ނަމުގައި ފޭސްބުކް ޕޭޖެއް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނިން ބުނީ އިއްޔެ އިން ފެށިގެން އެއްމަސް ދުވަހުގެ ނިޔަލަށް އެ ކުންފުނިން ވިއްކާ ހަތް ވައްތަރެއްގެ ކެމިކަލް އިން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި "މެމްބްރޭން"ގެ ހަތަރު ވައްތަރަކުން ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
މި ފޭސްބުކް ޕޭޖް ލޯންޗް ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.
ޕޭޖު ލޯންޗް ކޮށްދެއްވުމަށްފަހު ފަޒުލް ވިދާޅުވީ އެކުންފުނިން ލޯންޗްކުރި ފޭސްބުކް ޕޭޖަކީ އަސާސީ ހިދުމަތައް ހާއްސަ ކުންފުނީގެ ވިޔަފާރީގެ ދާއިރާއަށް ހުޅުވާލެވޭ އާ ދޮރެއް ކަމަށެވެ. އަދި މި ޕޭޖުގެ ޒަރިއްޔާއިން އެމްޑަބްލިއުއެސްސީގެ ތަފާތު ހިދުމަތްތަކުގެ މައުލޫމާތު ވެސް ކުންފުނީގެ ކަސްޓަމަރުންގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް ހިއްސާކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ޕޭޖް މެދުވެރިކޮށް ފެން ޓެސްޓްކުރުމުގެ ހިދުމަތާއި ގުޅޭ މައުލޫމާތާއި، ޕަންޕް ސާވިސްކޮށްދިނުމުގެ މައުލޫމާތާއި ކުންފުނީގެ ބައެއް އެސެޓް ކުއްޔަށް ދިނުމާ ގުޅޭ މައުލޫމާތާއި މަސްވެރިންނަށް ދޫކުރާ އައިސް އަދި ފެނާ ގުޅުން ހުރި ގިނަ ހިދުމަތްތަކެއް މައުލޫމާތު ލިބިގެންދާނެ ކަމަށްވެސް ފަޒުލް ވިދާޅުވި އެވެ.
ފަޒުލް އިތުރަށް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު އެމްޑަބްލިވްއެސްސީގެ ޝޯރޫމެއް ހުޅުވާފައިވާ ކަމަށާއި އަދި އޭގެ ކުރީ އަހަރު ހުޅުމާލޭގައި ހޮޅި އުފައްދަންވެސް ފެށިފައިވާ ކަމަށެވެ. އަދި މިހާރުވެސް އެކުންފުނިން 30 އަކަށް މަޝްރޫއު ކުރިއަށް ގެންދާ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.