ފާއިތުވި ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 32 އިންސައްތަ އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 17 އިންސައްތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިމްޕޯޓްކޮށްފައިވާއިރު، 12 އިންސައްތަ ޗައިނާ އަދި 12 އިންސައްތަ އެތެރެކޮށްފައިވަނީ ސިންގަޕޫރުން ކަަމަށް ކަސްޓަމްސްއިން މައުލޫމާތު ދެެވެ.
ކަސްޓަމްސްއިން ބުނީ، އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު ހުސްވި ޑިސެމްބަރ މަހު ނުވަ އިންސައްތަ އިތުރުވެފައި ވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 259 މިލިއަން ރުފިޔާ ލިބިފައިވާއިރު 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު ލިބިފައިވަނީ 237 މިލިއަން ރުފިޔާ ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ބުނީ، ފާއިތުވި ޑިސެމްބަރ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 56 އިންސައްތަ މަތިވެފައިވާ ކަމަށެވެ. އަދި 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު 161 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދު ވަނީ 251.2 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މީގެއިތުރުން ކަސްޓަމްސްއިން ބުނީ، ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޑިސެމްބަރމަހު އެކްސްޕޯޓްކުރި މުދަލުގެ 46 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށް ކަމަށެވެ.