ގައުމީ އެއާލައިން މޯލްޑިވިއަންގެ 11 ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ހެޑް އޮފް ފެސިލިޓީސް އެންޑް މެއިންޓެނެންސް އަލީ ނަޝާތު ހަމީދު ވިދާޅުވީ، ރޭ ރާއްޖެ ގެނައި މޯލްޑިވިއަންގެ 11 ވަނަ ސީޕްލޭނަކީ ޑީއެޗްސީ 6 ޓުވިން އޮޓާ މަރުކާގެ ބޯޓެއް ކަމަށެވެ. އަދި ވިދާޅުވީ މި ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ރޭ 19:45 ހާއިރު ކަމަށެވެ.

ނަޝާތު ވިދާޅުވީ ސީޕްލޭން ފްލީޓަށް އިތުރު ކުރެވުނު މި ބޯޓުގެ ދަތުރުތައް ހަފްތާއެއްހާ ދުވަސް ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް ރޭ ގެނެވުނު ބޯޓަކީ އެކުންފުންޏަށް ގެނެވުނު 11 ވަނަ ސީޕްލޭން ކަމަށްވީ ނަމަވެސް ކުރިން ކުއްޔަށް ގެނެސްގެން ބޭނުންކުރަމުން ދިޔަ ދެ ބޯޓެއްގެ އެއްބަސްވުމުގެ މުއްދަތު ހަމަވެ އެ ދެ ބޯޓް ދޫކޮށްލާފައިވާތީ ރޭ ގެނައި ބޯޓާ އެކު މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި މިހާރު އޮތީ ނުވަ ބޯޓެވެ.

ރާއްޖެއަށް ރޭގެ ވަގުތެއްގައި ގެނެވުނު ބޯޓާއި އެކު މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު ޖުމްލަ 19 ބޯޓެއް އެބައޮތެވެ. އެއީ ޑޭޝް އަށެއްގެ އަށް ބޯޓާއި، ނުވަ ސީޕްލޭންގެ އިތުރުން އެއާބަސް ދެ ބޯޓެވެ.

މޯލްޑިވިއަންގެ ސީޕްލޭންގެ ހިދުމަތް ދުވަހުން ދުވަހަށް ފުޅާކުރަމުންދާއިރު މޯލްޑިވިއަންގެ ސީޕްލޭންތައް މިހާރު ހަ ރިސޯޓަކަށް ދަތުރުކުރެ އެވެ.