ފަތުރުވެރިކަމުގެ ބޭނުމަށް ގެސްޓްހައުސް އެއް ތަރައްޤީކުރުމަށް، 72،000 އަކަފޫޓްގެ ބިމެއް ކުއްޔަށްދޫކުރުމަށް ހދ. ހަނިމާދޫ ކައުންސިލުން ނިންމައިފި އެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ގެެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ގެސްޓްހައުސް އެއް ތަރައްޤީކުރުމަށް 72،000 އަކަފޫޓްގެ ބިމެއް، ކުއްޔަށްދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓް ހައުސް އާއި ޓުއަރިޒަމާއި ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާއި ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް އަދި އެތަން އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 20 ވާ ހޯމަ ދުވަހު 11:00 ޖަހާއިރު، ހަނިމާދޫ ކައުންސިލް އިދާރާގައި އޮންނަ "ޕްރީ ބިޑް މީޓިންގ" ގައި ކަމަށް ބުނެފައި ވެއެވެ.
ހަނިމާދޫ ކައުންސިލުން ބުނީ، ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 5000ރ އަށް ކަމަށާއި، ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެ ކަމަށެވެ.
އަދި ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުވަނީ ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން ފަރާތެއްނަމަ ބިޑް ޑޮކިއުމަންޓް ގަތުމަށާއި، ޕްރީ ބިޑް މީޓިންގ ގައި ބައިވެރިވުމަށް ބިޑް ހުށަހަޅާފަރާތުން ދީފައިވާ ހުއްދައެއް އޮންނަންވާނެކަމަށާއި، އެފަދަ ލިއުމެއްނެތި ޙާޟިރުވާފަރާތްތަކަށް ބައްދަލުވުމުގައި ބައިވެރި ނުވެވޭނެ ކަމަށްވެސްވަނީ ބުނެފައެވެ.