އަހަރުގެ ފުރަތަމަ މަސް، ޖެނުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މީރާއަށް ލިބުނު އާމްދަނީއަށް ވުރެ 467 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު މީރާއަށް ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ.
ޖެނުއަރީ މަހު މީރާއަށް ލިބުނު 2.2 ބިލިއަން ރުފިޔާގެ ތެރެއިން 1.2 ބިލިއަނަކީ ދިވެހި ރުފިޔާ އިން ލިބުނު އާމްދަނީ އެވެ. މިމުއްދަތުގައި އެމެރިކާ ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 66.5 މިލިއަން ޑޮލަރުގަ އެވެ.
މީރާއަށް މިދިޔަ ޖެނުއަރީ މަހު ލިބުނު އާމްދަނީ އަކީ އެމަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 26.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެއީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 27.2 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއަށް މިދިޔަ ޖެނުއަރީ މަހު ބަލައިގެން އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ވިޔަފާރި ފައިދާ އިން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު 943.9 މިލިއަން ރުފިޔާ އެެވެ. އެއީ ޖެނުއަރީ މަހު މީރާއަށް ލިބުނު އާމްދަނީގެ 43.2 އިންސައްތަ އެވެ. ޖެނުއަރީ މަހު ލިބުނު އާމްދަނީގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ގުޑުސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 742.6 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ޖެނުއަރީ މަހު ލިބުނު އާމްދަނީގެ 34 އިންސައްތަ އެވެ. ޖެނުއަރީ މަހު ލިބުނު އާމްދަނީގެ ތެރެއިން ތިންވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ލޭންޑް އެކްއިޒިޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ލޭންޑް އެކްއިޒިޝަން ފީގެ ގޮތުގައި 191.7 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖެނުއަރީ މަހު މީރާއަށް ލިބުނު އާމްދަނީގެ 8.8 އިންސައްތަ އެވެ.
މީރާއަށް ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ އިތުރުވެގެން ދިޔައީ ވިޔަފާރި ފައިދާ އިން ނަގާ ޓެކްސްއާއި ޓޫރިޒަމްގެ ބޭނުމަށް ވިއްކާފައިވާ ބިން ތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީއާއި ފީގެ ގޮތުގައި ލިބުނު ބައެއް ކަހަލަ އާމްދަނީ އިތުރުވުމުން ކަމަށް މީރާ އިން ބުނެ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި 26.8 ބިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު ދައުލަތަށް މިއަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓުގައި އެ އަދަދު ޖަހާފައިވެ އެވެ.