ފޯވާޑިން އެޖެންސީތަކާއި ޝިޕިން ލައިންތަކުން މާލޭ ވިޔަފާރި ބަނދަރަށް މުދާ ގެންނަ އެކިއެކި ފަރާތްތަކުގެ އަތުން، ނަގަން ނުޖެހޭ ފީ ތަކެއް ނަގަމުންދާ ކަމަށް ބުނެ އެމްޕީއެލް އިން ކަންބޮޑުވެއްޖެ އެވެ.

އެމްޕީއެލް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފޯވާޑިން އެޖެންސީތަކާއި ޝިޕިން ލައިންތަކުން ޓާމިނަލް ހޭންޑްލިން އާއި ޕޯޓް ޗާޖަސް އަދި މުދަލުގެ ފްރައިޓް ނެގުމަށް ސްޓީވެޑޯރިން ޗާޖަސްގެ ގޮތުގައި ވެސް އިތުރު ފައިސާތަކެއް ނަގަމުންދާ ކަމަށެވެ.

އެމްޕީއލް އިން ބުނީ ކަނޑުމަގުން ރާއްޖެ އެތެރެކުރާ މުދަލުން ޝިޕިން އެޖެންޓުން އެކިއެކި ނަންނަމުގައި ޗާޖަސްތައް ނެގުމަކީ އާންމު ރައްޔިތުންނާއި ހަމައަށް މުދާ ފޯރާއިރު އެމުދަލުގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

"މިކުންފުނިން ނަގަމުން ނުދާ ފީތައް އެއީ މިކުންފުނިން ނަގާ ފީތަކެއްގެ ގޮތުގައި ކަސްޓަމަރުންނަށް ތަސައްވުރު ކުރެވޭ ފަދަ ނަންނަމުގައި ނުނެންގެވުން އެދެމެވެ،" އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ކަނޑުމަގުން އެތެރެކުރާ މުދާ ބޭލުމާއި ކުލިއާ ކުރުން އެތައް ތަނެއް ހަލުވިވެ ކުރިން ދިމާވަމުން ދިޔަ މައްސަލަތައް އެއްކޮށް ހައްލުވެގެން ދިއުމުން ބޯޓް ފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކުގެ އޮޕަރޭޓިން ކޮސްޓް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް އެމްޕީއެލް އިން ދެކޭ ކަމަށެވެ. އެހެންކަމުން އެމްޕީއެލް އިން ނަގަމުން ނުދާ ފީތަކެއް ތަފާތު ނަންނަމުގައި ޝިޕިން އެޖެންސީ ތަކުން ނަގަމުންދާ ފީތައް ނަގަންޖެހޭ ސަބަބެއް މިހާރު ނެތުމުން އެގޮތަށް ނަގަމުންދާ ފީ ތައް ނެގުން ހުއްޓާލުމަށްވެސް މި ބަޔާނުގައިވަނީ އެދިފަ އެވެ.