އަތޮޅުތެރޭގައި ހިންގާ ސީއެސްއާރުގެ ހަރަކާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ސީއެސްއާރުގެ ހަރަކާތްތަކުގައި އެހީތެރިކން ފޯރުކޮށްދޭން ނިންމައި އެކަން އިއުލާން ކޮށްފައިވަނީ މިހާރު ބެންކް އޮފް މޯލްޑިވްސް އިން "އަހަރެންގެ ބޭންކް" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނުގެ ތެރެއިން ދ. ކުޑަހުވަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ބީއެމްއެލް ިއން ބުނީ ރަށްރަށުގައި އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމައުއަށް ފައިދާހުރި ހަރަކާތްތަކަށް ފަންޑު ހޯދުމަށް އަތޮޅުތެރޭގައި ހުންނަ އެ ބޭންކްގެ ބްރާންޗަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ. އަދި އެއަށްފަހު އެ ޕްރޮޕޯސަލް އެއް ރިވިއު ކުރުމަށް ފަހު މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބީއެމްއެލް އިން އެހީތެރިވެދޭން ކަމަށްވެސް ބޭންކުން ބުނޏެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ އަމާޒަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކުއަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.