ގޯތިގެދޮރުގެ ވިޔަފާރި ކުރާ ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ މޯލްޑިވްސް ލިވިން އެކްސްޕޯ 2017 މިއަދު ފަށައިފިއެވެ.
ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މައުރަޒެކެވެ. އާޓް ގެލަރީގައި ކުރިއަށްދާ މިއެކްސްޕޯ ހުޅުއްވައިދެއްވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބުރައީސް އިސްމާއިލް އާސިފެވެ.
ފަސްވަނަ ލިވިން އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބުރައީސް އިސްމާއިލް އާސިފް ވިދާޅުވީ މިމައުރަޒުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުން އެޕާޓްމަންޓް ގަންނަން ބޭނުންވާ މީހުންނަށް ރާއްޖެއާއި އަވައްޓެރި ގައުމުތަކުގައި ހުރި ފަހި ފުރުސަތުތައް އެނގިގެންދާނެ ކަމަށެވެ.
އަދި މިމައުރަޒުގެ ސަބަބުން ރާއްޖޭގެ ގިނަ ބަޔަކަށް މި ސިނާއަތުގައި ވިއްކަން ހުރި އެޕާޓްމަންޓްތަކާއި ފްލެޓްތަކުގެ އަގުވެސް އެނގޭނެ ކަމަށެވެ.
އާސިފް އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އައުމުން ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެންދާ މިންވަރު ކަމަށެވެ.
ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން ލިވިން އެކްސްޕޯއަށް ޒިޔާރަތްކުރެއްވި އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާ ހަލުވިކަމާ މެދު ހަރާންވެވަޑައިގަންނަވާ ކަމަށެވެ.
"ރާއްޖޭގެ ގެދޮރު އިމާރާތްކުރުމުގެ ދާއިރާ އާއި މުވާސަލާތީ ދާއިރާ އަދި އިންފްރާސްޓްރަކްޗާގެ ދާއިރާގައި އަންނަނީ ބޮޑު ކުރިއެރުމެއް ހޯދަމުން. އަދި އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތުގެ ކޮލިޓީ ވަރަށް ރަނގަޅު" މިޝްރާ ވިދާޅުވިއެވެ.
މިމަހުގެ އަށާރަވަނަ ދުވަހުގެ ނިޔަލަށް އާޓް ގެލަރީގައި ކުރިއަށްދާ މިމައުރަޒުގައި ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖޭގެ ކުންފުނިތަކުގެ އިތުރަށް އިންޑިއާ އާއި ލަންކާގެ ކުންފުނިތަކުން ބައިވެރިވެއެވެ. މައުރަޒުގައި ބައިވެރިވާ ބައެއް ކުންފުނިތަކުން ބުނީ ބޭނުމަކީ ގޯތިގެދޮރާ ގުޅޭ ގޮތުން އެކުންފުނިތަކުން ލިބެން ހުރި ފަހި ފުރުސަތުތައް ރައިޔިތުންނަށް އަންގައިދީ އެފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.
ދިރިއުޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކާލުމަށް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިން އެކްސްޕޯއަށް މިދިޔަ އަހަރު ވަނީ ގޯތިގެދޮރުގެ ވިޔަފާރިއާއި، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސާވިސް އިންޑަސްޓްރީގެ ބަައިވެރިވުން އިތުރުކޮށްފައެވެ. މިއަހަރުގެ ލިވިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލްއެވެ. އަދި ކޯ ސްޕޮންސަރަކީ އެޕެކްސް ރިއަލިޓީއެވެ.