ދިރާގަށް 2016 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް 1.1 ބިލިއަން ރުފިޔާ ބަހަން އެކުންފުނިން ނިންމައިފި އެވެ.

ދިރާގުން މިކަން ހާމަކުރީ އެކުންފުނީގެ ހެޑް އޮފީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ އެކުންފުނިން އެއް ބިލިއަން ނުވަދިހަ ދެ މިލިއަން އެއްލައްކަ ވިހި ހާސް ރުފިޔާ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހިއްސާދާރުންނަށް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށެވެ. އަދި މިއީ މިދިޔަ އަހަރު ދިރާގުން ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި ބެހި އަދަދަށްވުރެ 51 އިންސައްތަ އިތުރު ޢަދަދެއް ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ދިރާގުން މިގޮތަށް ނިންމާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ބަހުރެއިންގައި އެކުންފުނީގެ ބޯޑުން ބޭއްވި 92 ވަނަ ބައްދަލުވުމުގައެވެ. އެގޮތުން ވިޔަފާރި ފައިދާއިން ހިއްސާއަކަށް ސާދަ ރުފިޔާ ތިރީސް ހަތް ލާރި ޖެހޭއިރު ހިއްސާދާރުންނަށް ހުށަހަޅާ ހިއްސާއަކަށް ޖެހެނީ އަށްރުފިޔާ ސާޅިސް ފަސް ލާރި އެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ މިކާމިޔާބީގެ އަސްލަކީ ކުންފުނީގެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރާއި ހިއްސާދާރުންގެ މެދުގައި ކުންފުންޏަށް އޮންނަ ޔަގީންކަމާއި ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑުގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ފާސްކުރާ ފައިދާ ބަހަން ހަމަޖެހިފައިވަނީ ދިރާގުގެ އަހަރީ އާންމު ޖަލްސާއަށް އިއުލާންކުރެވޭ ބުކް ކްލޯޝަރ ޑޭޓްގައި ކުންފުނީގެ ރަޖިސްޓްރީގައި ލިސްޓްކޮށްފައިވާ ކުންފުނިތަކަށެވެ. ދިރާގުން އެކުންފުނިގެ އަހަރީ އާންމު ޖަލްސާ އޭޕްރީލް ނުވަތަ މެއި މަހުގެތެރޭ ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.