އަމިއްލަ ފަރުދުންގެ ވިޔަފާރިއާ ގުޅުންހުރި ހިދުމަތްތަށް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ލ. އަތޮޅު ކައުންސިލް އިދާރާ އާއި ގަމު ކައުންސިލް އިދާރާއިން މާދަމާ ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއާ ގުޅުން ހުރި ހިދުމަތްތައް ކަމުގައިވާ ވިޔަފާރިއާ ގުޅުންހުރި ނަން ފާސްކުރުމާއި، ވިޔަފާރި ރަޖިސްޓްރީކުރުމާއި، އިމްޕޯޓު ހުއްދަ ހޯދުމާއި، އެސްއެމްއީ ރެޖިސްޓްރީކުރުމުގެ ހިދުމަތް، ލ. އަތޮޅު ކައުންސިލްގެ އިދާރާއާއި ގަމުގެ ކައުންސިލްގެ އިދާރާއިން މާދަމާ ދޭން ފަށާނެ އެވެ.

މިނިސްޓްރީން ބުނީ ލ. އަތޮޅުން މި ހިދުމަތް ދޭން ބޭނުންވާ މީހުންނަށް ބޭނުންވާ މައުލޫމާތު، އަތޮޅު ކައުންސިލް އިދާރާއާއި ގަމު ކައުންސިލް އިދާރާއަށް މިނިސްޓްރީގެ ހާއްސަ ޓީމެއް ޒިޔާރާތްކޮށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. މި ޓީމުގެ ބޭފުޅުން ބިޒްނަސް ޕޯޓަލް ސިސްޓަމަށް އަހުލުވެރިކުރުވުމަށް އެ އަތޮޅުގެ ވިޔަފާރިވެރިންނަށް މިކަމާގުޅޭ މައުލޫމާތު ދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އާބާދީގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބިޒްނަސް ޕޯޓަލް ސިސްޓަމެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ހއ. އަތޮޅު ހޯރަފުށި، ދިއްދޫ، އިހަވަންދޫ، ހދ. ކުޅުދުއްފުށި، ޅ. އަތޮޅު ކުރެންދޫ، އޮޅުވެލިފުށި، ނައިފަރު، ހިންނަވަރުގައި، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ ހިދުމަތް ދެމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ. އަދި މީގެ އިތުރުން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ހިދުމަތް ޏ. ފުވައްމުލަކުގައި އަންނަ މާޗު މަހު ފަށާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.