ބޭންކް އޮފް މޯލްޑިވްސްއިން އައްޑޫ ސިޓީ ހިތަދޫ އަދި ގަން ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ ޚިދުމަތް ތައާރަފްކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ، ހިތަދޫ އަދި ގަން ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ ޚިދުމަތް ތައާރަފްކުރުމުން އެސަރަހައްދުގައި ބޭންކުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ދެގުނައަށް އިތުރުކޮށް، ޖުމްލަ 80 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް ހިތަދޫގައި ގާއިމްކޮށް މިއަދު އައްޑޫއަށް ބޭންކުން ކުރާ އިންވެސްޓްމަންޓް މިދަނީ އިތުރުކުރަމުން ކަަމަށެވެ. އަދި ހިތަދޫ އަދި ގަން ބްރާންޗްގައި އާ ސެލްފް ސާވިސް އޭޓީއެމްތަކެއް ބެހެއްޓުމުގެ އިތުރުން ގައުމުގެ މި މުހިންމު ސަރަހައްދުގައި މިހުރި ބޭންކްގެ ތިން ބްރާންޗަށް އިތުރު އިންވެސްޓްމެންޓްތައް ކުރަން ވަނީ ނިންމާފައި ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.
"މިހުރިހާ ކަމަކާއެކު މި ސަރަހައްދުގައި އަޅުގަނޑުމެންގެ ވަޒީފާތައް ގާތްގަނޑަކަށް ދެގުނަވެގެންދާނެ. މިއީ ހުރިހާ ބޭފުޅުންނަށްވެސް ލިބޭނެ ބޮޑު އުފަލެއް."ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލްއިން މި ހަރަކާތްތައް ކުރިއަށް މިގެންދަނީ ދިވެހި މުޖުތަމައަށް އެހީތެރިވުމަށްޓަކައި ކުރިޔަށްގެންދާނެ ގިނަ ހަރަކާތްތަކަކާއެކު ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގުރާމުގެ ދަށުންނެވެ.