އައްޑޫ ސިޓީ ހިތަދޫގައި ބޭންކް އޮފް މޯލްޑިވްސްއިން އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރ އެއް މިއަދު ހުޅުވައިފި އެވެ.

ކުރިން ބީއެމްއެލް ހިތަދޫ ބްރާންޗްގެ ގޯތިތެރޭގައި ހިންގަމުން ގެންދިޔަ ކޮންޓެކްޓް ސެންޓަރ ގެ މަސައްކަތްތައް މިހާރު ކުރަމުން ގެންދާނީ މަސައްކަތް ކުރުމަށް ބޭނުންވާނެ އެންމެ ފަހުގެ ވަސީލަތްތަކާ އެކު މިއަދު ހުޅުވި ކޮންޓެކްޓް ސެންޓަރގައެވެ.

ބޭންކުގެ ޚިދުމަތްތައް ހޯދަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު އެފަރާތްތަކަށް ފަސޭހަކަމާއެކު އަވަހަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ސެންޓަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތްތާނގައި ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުކުރުމަށްވަނީ ހަމަޖެހިފައި ކަމަށް އެބޭންކުން މައުލޫމާތު ދެއެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، އެބޭންކުގެ ކަސްޓަމަރުންގެ އަދަދު 270,000 އަށްވުރެ ގިނަ، މިދިޔަ އަހަރު އެކަނިވެސް 20،000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅުނު ކަަމށާއި ކަސްޓަމަރ ސާވިސް އަކީ ބީއެމްލްގެ ޚިދުމަތްތައް ބައްޓަން ކުރުމުގެ އެންމެ މުހިންމު އެއް ތަނބު ކަަމށެވެ. އަދި ބީއެމްއެލްއިން ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަަމަށް ވެސް ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި އެވެ.

"ބޭންކުންގެ ފަރާތުން ކަސްޓަމަރުން ބޭނުންވަނީ އެންމެ ރަނގަޅު ޚިދުމަތް ލިބެން. މޮބައިލް އެޕް ފަދަ އޮންލައިން ޓެކްނޮލަޖީ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޚިދުމަތްތައް ކަސްޓަމަރުން ހޯދުމަށް ބޭންކުން ހިތްވަރު ދިން ނަމަވެސް އެފަރާތްތަކުން ބްރާންޗްތަކަށް ނުވަތަ ބިޒްނަސް ސެންޓަރތަކަށް ގޮސްގެން ނުވަތަ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ނަމަވެސް އަޅުގަނޑުމެންގެ މުވައްޒަފުންނާ ސީދާ މުއާމަލާތްކުރެވޭނެ ގޮތްތައް ހުރުން މުހިންމު. އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް މިދަނީ ކުރަމުން. އެގޮތުން މި ކޮންޓެކްޓް ސެންޓަރާއެކު ކަސްޓަމަރުންނަށް އެހީތެރިވުމަށް ޚާއްސަ ތަމްރީން ލިބިފައި ތިބި މުވައްޒަފުންތަކެއް ޚިދުމަތަށް ނިކުތުމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަން ޔަގީންވެގެންދާނެ." އެންޑްރޫ ހީލީ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.