ހުސްވި މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު 36 އިންސައްތަ އިތުރުވެއްޖެ އެވެ.
ކަސްޓަމްސް އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީމަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީމަހު މި ޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށެވެ. އަދި އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 18 އިންސައްތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިމްޕޯޓްކޮށްފައިވާއިރު، 13 އިންސައްތަ ސިންގަޕޫރުން އަދި 11 އިންސައްތަ އެތެރެކޮށްފައިވަނީ އިންޑިޔާއިން ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ބުނީ، އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހުސްވި ޖެނުއަރީ މަހު 25 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 226 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 181 މިލިއަން ރުފިޔާ ކާމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މީގެއިތުރުން ކަސްޓަމްސްއިން ބުނީ، ފާއިތުވި ޖެނުއަރީމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ވަނީ 137 އިންސައްތަ މަތިވެފައިވާ ކަަމށެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހު 265 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީމަހު މި ޢަދަދު ވަނީ 633 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖެނުއަރީމަހު އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ 69 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށް ކަަމށް ވެސް ކަސްޓަމްސްއިން ބުންޏެވެ.