ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިހާރު ކުރިއަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން ބީއެމްއެލް ކޭޝްލެސް ރައިޑް އިފްތިތާހުކޮށްފި އެވެ.
ބޮޑުތަކުރުފާނު މަގު، ދަރުބާރުގޭ ފުރަގަހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި މިހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް އެވެ.
ބީއެމްއެލްގެ ކޭޝްލެސް ރައިޑްގެ ހިދުމަތް މިއަދު ފެށުމާ ގުޅިގެން ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިގެންދާނެ އެވެ.
މިހިދުމަތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ވިދާޅުވީ މިފަދަ ފަސޭހަ ހިދުމަތެއް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު އަވަހަށް ފައިސާ ދެއްކޭނެ ގޮތެއް ކަސްޓަމަރުންނަށް ހޯދައިދިނުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށެވެ. އަދި މި ހިދުމަތް ތައާރަފް ކުރުމުން، ޓްރެފިކް ބޮޑު މަގުތަކުގައި ޓެކްސީ ދަތުރަށްފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލް އިން މިއަދު މިހިދުމަތް ފެށީ ފަސް ޓެކްސީ އަކާ އެކު ކަމަށާއި އެހެންނަމަވެސް މިހިދުމަތް ދުވަސްކޮޅަކު ޓެސްޓް ކުރުމަށްފަހު އެއްމަސް ދުވަސްފަހުން އިތުރު ޓެކްސީތަކުގައި މިހިދުމަތް ފަށާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މިހިދުމަތް ހޯދާ ފަރާތްތަކުން ޓެކްސީ ދަތުރަށް ދައްކަންޖެހޭ އަދަދަށް ވުރެ އިތުރަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި ބޭނުމަކީ ފަސޭހަކަމާއެކު ފައިސާ ދެެއްކޭނެ ގޮތެއް ހަމަޖައްސައިދިނުން ކަމަށެވެ.
ބީއެމްއެލްއިން ބުނީ ކޭޝްލެސް ރައިޑްގައި ފައިސާ ދެއްކުމަށް ބޭނުންކުރަނީ ޓެކްސީތަކުގައި ހަރުކޮށްފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެއް ކަމަށެވެ. ބީއެމްއެލްއިން ގަބޫލުކުރާ ކޮންމެ ކާޑެއް ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކުމުން، ފައިސާ ދެއްކި ކަމުގެ ރަސީދެއް ލިބޭނެ ކަމަށާއި މީގެ އިތުރުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންޓެކްޓް ލެސް ޕޭމަންޓް ކަމަށްވާ މޮބައިލް ޕޭ ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްއިލް ބުނެ އެވެ.
ބީއެމްއެލް އިން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައު، ބީއެމްއެލްއާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އިޖުތިމާއީ ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ވަރު މިއަހަރު ދެގުނަ އިތުރުކުރާނެ ކަމަށާ އަދި ރާއްޖޭގެ ސަރަހައްދުތަކަށް ބޭންކްގެ ހިދުމަތްތައް ފުޅާކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަންވެސް ބޭންކުން މީގެ ކުރިން ވަނީ ބުނެފަ އެވެ.