"އައްޑޫ އިންވެސްޓާސް ފޯރަމް" އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
މިއީ އައްޑޫގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކަށް ހާއްސަކޮށްގެން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން ކުރިއާސްގެންދާ ފޯރަމެކެވެ.
އިންވެސްޓްމަންޓް ފޯރަމެއް އައްޑޫގައި ބާއްވާނެކަން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ޖެނުއަރީ މަހު އައްޑުއަށް ކުރެއްވި ދަތުރުގައިވަނީ ވިދާޅުވެފަ އެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ގަމުގެ އީކްއޭޓަ ވިލެޖްގައި ބާއްވާ "އައްޑޫ އިންވެސްޓާސް ފޯރަމް" އަކީ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫގެ މެދު ފަންތީގެ ޓޫރިޒަމަށް ބެޑް ކެޕޭސިޓީ އިތުރުކޮށް، ޓޫރިޒަމް ދާއިރާ ފުޅާކުރެވޭނެ ގޮތްތައް ފަހިކުރުމަށް ބާއްވާ ފޯރަމެކެވެ.
މި ފޯރަމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، ޓުއާ އޮޕަރޭޓަރުންނާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ބޭންކުތަކާއި ޓޫރިޒަމް ދާއިރާގެ ހަރަކާތްތެރިވާ މީހުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
އައްޑޫގައި ވަނީ އިންޓެގްރޭޓެޑް ޓޫރިޒަމާއި، ގެސްޓްހައުސް ވިޔަފާރި އަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ހާއްސަ ސަރަޙައްދުތަކެއް ކަނޑައަޅާއިފަ އެވެ. އޭގެ ތެރޭގައި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހިމެނޭ ސަރަހައްދާއި، ފޭދޫ ހިއްކި ސަރަހައްދާއި މީދޫ މުލިމަތޮ، ހިކިހެރަ ސަރަހައްދު ހިމެނެ އެވެ. މީގެ އިތުރަށް ހުޅުދު އާއި މަރަދޫން ވެސް ވަނީ ޓޫރިޒަމް ތަރައްގީކުރަން ބިންތަކެއް ކަނޑައަޅާފަަ އެވެ.