އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ޑޮނަލްޑް ޓްރަމްޕް ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވިފަހުން ވައިޓް ހައުސްގެ ހުރިހާ ކަމެއްވަނީ ބަދަލުވެފައެވެ.

އެމެރިކާއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރީންނާ ބައްދަލު ކުރެއްވުން ފިޔަވައި، ޓްރަމްޕް އިޚްތިޔާރު ކުރައްވާފައިވަނީ މުޅީން އެކަހެރިކަމެވެ. ގިނައިން އުޅުއްވަނީ ގިނިކަންޏާއެވެ. ގިނަ ވަގުތު ހޭދަ ކުރައްވަނީ ޓީވީ ބެއްލެވުމާއި، ޓްވީޓް ކުރެއްވުމުގައި ކަމަށް ވައިޓް ހައުސްގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ ސީ.އެން.އެންއިން ރިޕޯޓް ކޮށްފައި ވެއެވެ.

ރޭގަނޑު 10:00 ގެ ފަހުން މޮބައިލް ފޯނުވެސް ގިނައިން އޮންނަނީ ނިއްވާލާފައި ނުވަތަ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވެއެވެ.

މިކަންތައްގަނޑުގެ ތެރޭގައި އަނބިކަނބަލުން އަދި ފަރސްޓްލޭޑީ މެލާނިއާވެސް ވައިޓް ހައުސްއިން ނުކުމެވަޑައިގެން ނިއުޔޯކްގައި ހުންނަ ޓްރަމްޕް ޓަވަރަށް ބަދަލުވެވަޑައި ގެންފައިވާ ކަމަށް ވައިޓް ހައުސްގެ މަސްދަރުތަކާ ހަވާލާދީ ސީ.އެން.އެންއިން ބުނެފައި ވެއެވެ. ނަމަވެސް މެލާނިއާ ވައިޓް ހައުސްއިން ނުކުމެވަޑައިގެންނެވި ސަބަބާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.