ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ މައްޗަށް އިއްވާފައިވާ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި ހުކުރު ދުވަހު އޭނަ ވަނީ މިނިވަންވެފައެވެ. ގިނަ ބަޔަކު މިއަދު ދެކޭ ގޮތުގައި މަހްލޫފަކީ ސިޔާސީ މަސައްކަތުގެ ސަބަބުން ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ޒުވާނުންގެ ލިޑަރެކެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާ މަހުލޫފްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މަހްލޫފު މައްޗަށް އިއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ އޭނާގެ ހަޔާތުގެ ދުވަސްތައް ޖަލުގައި ހޭދަކުރަން ފެށުނު ހުކުމެވެ. އެ ހުކުމް އޭނާގެ މައްޗަށް އިއްވީ 2015 ވަަނަ އަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 7:00 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ކޯޓަށް ހާޒިރު ކުރުމަށްފަހު އަނބުރާ ފުލުހުންގެ ވެހިކަލަށް އެރުވުމަށް މަސައްކަތް ކުރުމުން އެކަމާ ދެކޮޅު ހަދައި ފިލަން އުޅުނު ކަަމަށްބުނެ ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުންނެވެ. އެ ދައުވާއިން ދިފާއުވުމަށް ހުށަހެޅި ހެއްކާއި ދެއްކެވި ވާހަކަތައް ވެގެން ދިޔައީ "ބޭކާރު" އެއްޗަކަށެވެ.

ފުރަތަމަ ހުކުމަށްފަހު ދިހަ ދުވަސްވެސް ނުވަނީސް ޖުލައި މަހުގެ 25 ވަނަ ދުވަހު ހަމަސްދުވަހުގެ ހުކުމެއް އައީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދެވަނަ ދައުވާ ސާބިތުވުމުންނެވެ. މަހްލޫފުގެ މައްޗަށް ހަ މަސްދުވަހުގެ ޖަލު ހުކުމެއް ކުރީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނުމަގާއި މުހައްމަދު އިސްމާއީލް ދީދީގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑުތައް ކޮށްޕައި ދުރަށް ޖެއްސުމަށްފަހު، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެފައިވާ ކަމަށް ބުނެ ކުރި ދައުވާ ސާބިވުމުންނެވެ.

އެ ހުކުމް ބާތިލް ކުރުމަށް އެދި މަހުލޫފުގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް އިސްތިއުނާފުގެ އަޑުއެހުންތައް ފަށާފައިވަނީ އޭގެ ނުވަ މަސް ފަހުން މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް ނިމި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށް މިދިޔަ ބުރާފަތި ދުވަހު ހުކުމްކުރީ ދަށުކޯޓުގެ އެހުކުމް ތަންފީޒުކޮށް ނިމިފައި ވަނިކޮށެވެ. ހަމަސް ދުވަހުގެ ހުކުމް އިސްތިއުނާފަށް ހުށަހެޅި ނަމަވެސް 4 މަހާއި 24 ދުވަހުގެ ހުކުމް މަހުލޫފުގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައެއް ނުވެއެވެ.

މަހްލޫފު ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ކެއިންބައްލަވަން ހުރި ތަކެތީގެ ސަބަބުން އެލާޖިކްގެ މައްސަލަތަކާ ވަރަށް ބޮޑަށް ކުރިމަތިވެވަޑައިގެންނެވިއެވެ. ސިއްހީގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިވަޑައިގެން، ދެފަހަރެއްގެ މަތިން ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގެންނެވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އިންޑިޔާއަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމަށްފަހު ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ އެނބުރި ވަޑައިގެންފައެވެ. އަދި މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަށް އިންޑިޔާގައި ބޭސްފަރުވާއަށް މަޑުކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން އަނެއްކާވެސް ޖަލަށް އެނބުރި ވަޑައިގެންނެވިއެވެ. މީގެ އިތުރަށް މާލެގެނެސް ވެސް އޭނާއަށް އެކިފަހަރުގެ މަތިން ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ. އަދި މި އަހަރުގެ މާޗް މަހު މަހުލޫފް ވަނީ އޭނާއަށް ލިބެމުންދިޔަ އަނިޔާތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނެވުމަށް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ވެސް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ދެވަނަ ދައުރު ފުރުއްވަމުން ގެންދަވާ މަހުލޫފް ޖަލަށްލެވުނުތާ ކުރީކޮޅު 40 ދުވަސް ވަންދެން އެކަހަރި ކޮށްފައި ވެސް ބެހެއްޓިއެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން ވެސް އޭނަ އެކަހެރިކުރިއެވެ. މީގެ އިތުރަށް މަހުލޫފް މިނިވަންވިއިރުވެސް އޭނާ ހުންނެވީ އެކަހެރިކޮށްފައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ޖިނާއީ ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި މަހުލޫފުގެ މައްޗަށް އިއްވި ޖަލުހުކުމްތަކާ ގުޅިގެން އޭނަ ޖަލަށް ލެވުނީ އިިދިކޮޅު މުޒާހަރާތަކުގެ ތެރެއިން ފާއިތުވެދިޔަ ދެތިން އަހަރު ތެރޭގައި އެކި ފަހަރު އޭނާ ހައްޔަރުކޮށްފައި ވަނިކޮށެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު "ކޮރަޕްޝަން ޔަގީން"ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށްބުނެ މަހްލޫފު ހައްޔަރު ކޮށްފައިވެއެވެ. އަދި އެމްޑީޕީން "ވަގު ޔަގީން"ގެ ނަމުގައި 11 މާޗް 2016 ގައި މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުން ނިންމާލި ފަހުން ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިން ވެސް މަހުލޫފް ވަނީ ހައްޔަރުކޮށްފައެވެ. އަދި 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިންވެސް އޭނަ ހައްޔަރުކޮށްފައިވާއިރު 2015 މާޗް 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލޭގައި ކުރި މުޒާހަރާގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. ނަމަވެސް މުޒާހަރާއަށް ނުދިއުމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތު ގަބޫލުނުކޮށްގެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. އޭގެ ފަހުން އޭނަ ދޫކޮށްލީ ހައި ކޯޓުގެ އަމުރަކަށެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވައި ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވި މަހްލޫފު ވަނީ ޕީޕީއެމް އުފެއްދުމުގައިވެސް އިސްކޮށް މަސައްކަތް ކުރައްވާފައެވެ. ޕީޕީއެމްގެ ތަރުޖަމާނުކަން ވެސް ކުރައްވާފައިވާ މަހްލޫފު އެ ޕާޓީން ވަކިކުރުމަށް ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމީ 24 ފެބްރުއަރީ 2015 ގައެވެ. އަދި އޭގެ ފަހުން އިދިކޮޅު ޕާޓީތަކުން އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕްޒިޝަން (އެމްޔޫއޯ)ގެ ތަރުޖަމާނަކީވެސް މަހްލޫފެވެ.

ހުކުމް ތަންފީޒުކޮށް ނިމި މަހުލޫފް މިނިވަންވެފައި މިވަނީ މަހުލޫފަށް އިއްވި ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށް ބުނެ މަހުލޫފް ވަގުތުން މިނިވަންކޮށް ލިބުނު ގެއްލުމުގެ ބަދަލުު ދިނުމަށް އދގެ ވޯކިން ގުރޫޕުން ދިވެހި ސަރުކާރަށް ގޮވާލާފައި ވަނިކޮށެވެ. މަހްލޫފު ބަންދުގައި ހުންނެވި ދުވަސްތަކުގައި އޭނާ މިނިވަން ކުރުމަށް ސިޔާސީ އެކި ބޭފުޅުން ބޮޑެތި މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެންނެވިއެވެ.

މަހްލޫފު މިނިވަންވުމުން މުޅި ސޯޝަލް މީޑިޔާގައިވެސް އެކި މީސްމީހުން ވަނީ އުފާ ފާޅުކޮށްފައެވެ. އިންތިޒާރުކުރަމުން އައި ވަގުތު ޖެހުނުއިރު މަހްލޫފުގެ އަންހެނުންނަށްވެސް ލިބުނީ ކުއްލި އުފާވެރި ކަމެކެވެ. ސިޔާސީ ލީޑަރުންނާއި އާންމުންގެ މަރުހަބާގެ މެސްޖުތަކުން މުޅި ސޯޝަލް މީޑިޔާ ފުރާލައިިފިއެވެ. މަހްލޫފު މިނިވަންވެ އޭނާގެ ހިތުގެ ޝުއޫރުތައް ބަންޑުން ކޮށްލައްވާނީ މިރޭ އޭނާއަށް ޚާއްސަކޮށް ބާއްވާ ޖަލްސާގައެެވެ.