އޭނާ އަކީ ޑޮކްޓަރެއް ނޫނެވެ. އަދި ނަރުހެއް ވެސް ނޫނެވެ. ނަމަވެސް އޭނާގެ އިންސާނީ ހިދުމަތް އެތައް މީހަކަށް ލިބިފައިވެ އެވެ. އެނާ އަކީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ރޮނގުން ރާއްޖޭގައި ފާހަގަކޮށްލެވޭ މީހެކެވެ.

މިއީ ފިލްމީ ދާއިރާއިން ފެންނަ ހުސައިން ނަދުވީގެ ވާހަކަ އެވެ. ނަމަވެސް މިފަހަރު ނަދުވީގެ ވާހަކަ ފާހަގަކޮށްލަން މިއުޅެނީ އެ ދާއިރާ އަކުން ނޫނެވެ. ނަދުވީ ވަނީ މިހާތަނަށް 120 މީހަކަށް ލޭ ހަދިޔާ ކޮށްފަ އެވެ. އެންމެ ގިނަ ދުވަސްވަންދެން އަދި އެންމެ ގިނަ ފަހަރު މެދުކެނޑުމެއް ނެތި ލޭ ހަދިޔާ ކުރި ދިވެއްސަކީވެސް ނަދުވީ އެވެ. ޝުކުރު ހައްގު ނަމޫނާ ދިވެއްސެކެވެ.

ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށް ބާޣީން އަރާ ދިން އުދުވާނީ ހަމަލާގައި އެތައް ދިވެހިންގެ ލޭ މި ބިންމައްޗަށް އޮހޮރުވާލި ނާމާން ދުވަހު އޭރު އުމުރުން 13 އަހަރުގެ ނަދުވީ އުޅުނީ މީހުން ހޮސްޕޮޓަލަށް ގެންދިއުމުގެ މަސައްކަތުގަ އެވެ. އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ޝައުގުވެރިކަމުގައި ހުރި ނަދުވީ ކަންފަތުގައި ޖެހުނީ ލޭ ދޭނެ މީހަކަށް ގޮވާލި އަޑެވެ. އޭނާއަށް ވުރެ އުމުރުގެ ގޮތުން ދޮށީ މީހުން އެކަމަށް ފަސްޖެހުނު ނަމަވެސް ލޭ ދޭނީ ތިމަންނާ ކަމަށް ބުނެ އެ ހިތްވަރު ދައްކާލާ އޭނާގެ ގައިން ލޭ ނެގުމަށް އެދުނެވެ. އެއީ އޭރު އުމުރުން ހަގު ނަދުވީ މީހަކަށް ލޭ ދިން ފުރަތަމަ ފަހަރެވެ. އެދުވަހުގެ ހަނދާންތައް އިއްޔެވީ ކަމެއްހެން އޭނާގެ ހަނދާނުގައި އެބަހުއްޓެވެ.