މާލޭގެ މަގުތައް ހެދުމަށް ހައުސިން މިނިސްޓްރީން ފެށި މަޝްރޫއު ނުނިމި ދިގުލާފައިވާއިރު އެކަމާއި ގުޅިގެން ނުކުންނަމުންދާ އެއްމައްސަލަ އަކީ ކާނުތަކުން އާއްމުންނަށް އަނިޔާ ލިބެމުންދާ މައްސަލަ އެވެ.

މާބަނޑު އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާވެ މީޑިއާގައި ރިޕޯޓް ކޮށްފައި ވާއިރު މިކަމަކީ ހައުސިން މިނިސްޓްރީއަށް މާބޮޑު ކަމެއް ނޫންކަން މަގުމަތިން ފެންނަ މަންޒަރުތަކުން ހާމަވެ އެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުފެށުމާއި އެކުވެސް ކާނުތަކުގެ މަތީގައި ޕްލައިވުޑް ފިލާ ހައުސިން މިނިސްޓްރީން އަޅަމުން ދިޔުމުން އެކަމުގެ ކަންބޮޑުވުންތައް ސިޔާސީ މީހުންނާއި އާއްމުންވެސް ސޯޝަލް މީޑިއާގައި ފާޅުކުރި އެވެ. އޭރުވެސް މީހުން ކަންބޮޑުވި ގޮތަށް ހައުސިން މިނިސްޓްރީން އެޅި ފިލާތައް ފީވެ މީހުންނަށް އަނިޔާތައް ވަނީ ލިބެންފަށާފަ އެވެ. އެގޮތުން މާބަނޑު އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާވެފައިވާކަން މީޑިއާތަކުން ރިޕޯޓް ކުރި އިރު މީޑިއާތަކާއި ހަމައަށް މީހުން ނުގެންނަ މިފަދަ އެތައް ހާދިސާއެއްވެސް ހިމެނެ އެވެ.