ބ. ތުޅާދޫ އަކީ ހުނަރުވެރި އުފެއްދުންތެރި މަސައްކަތްތެރިންތަކެއް ދިރިއުޅޭ ރަށެކެވެ. ގިނަ ބަޔަކަށް ތުޅާދޫ އެނގެނީ ލިޔެލާޖެހުމުގައި ރާއްޖެއަށް މަޝްހޫރު ރަށެއްގެ ގޮތުގަ އެވެ. މިއަދު އެރަށުގެ ވަށައިގެން ރިސޯޓްތައް ހަދައި ހުޅުވަމުންދާއިރު ފަތުރުވެރިކަމުގެ ދާއިރާއަކީ ތުޅާދޫގެ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާ ދާއިރާ އެކެވެ. އެގޮތުން މިއަދުގެ މެހްމާނަކީ ވެސް އޭނާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅު ވަގުތުގައި ހިފައި، ދިރިއުޅުމުގައި ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ތުޅާދޫ މީހެކެވެ.

އޭނާ އަކީ ބޮޑު އާއިލާއަކަށް ނިސްބަތްވާ އެއްބަނޑުއެއްބަފާ ނުވަ ކުދިންގެ ތެރެއިން ފަސްވަނަ މީހާ އެވެ. ސުކޫލު ދައުރުގައި ވެސް އޭނާ އަކީ އިލްމީ ގޮތުން މޮޅު ދަރިވަރެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ ބައެއް މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވި އެވެ. ތައުލީމީ ދުވަސްވަރު އަދަބީ ކަންކަމުގައި ބައިވެރިވެ ކުރުވާހަކަ ލިޔުމުން ބ. އަތޮޅުން އެއްވަނަ އަދި ލަވަކިޔުމުގެ އަތޮޅު މުބާރާތުން ދެވަނަ ހޯދާފައިވެ އެވެ. އޭނާގެ އެންމެ ޒުވާން ދުވަސްވަރު ތުޅާދޫގެ އިޖުތިމާއީ ކަންކަމުގައި ވަރަށް ހަރަކާތްތެރި ދައުރެއް އަދާކޮށްފައިވެ އެވެ. މިއަދުވެސް ވަގުތު ލިބޭ ވަރަކުން އެފަދަ ކަންކަމުގައި ބައިވެރިވެ އެވެ. މިއަދު އޭނާގެ ހިދުމަތް އެންމެ ބޮޑަށް ފާހަގަކުރެވިގެން ދަނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ.