ނައިފަރުގައި ކުރިޔަށްގެންދިޔަ ޓާޓަލް ފެސްޓިވަލް އަކީ ވަރަށް ކާމިޔާބު އަދި އުންމީދީ ފެސްޓިވަލްއެއް ކަމަށް ފެސްޓިވަލްގެ ބައިވެރިން ބުނެފިއެވެ.

ޅ. ނައިފަރުގައި ހިންގާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ޖުވެނައިލް އިން އިންތިޒާމުކޮށްގެންވާ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޓާޓަލް ފެސްޓިވަލް ހުކުރު ދުވަހު ނައިފަރުގައި ކުރިޔަށްދިޔަ އިރު އެތައް ސަތޭކަ ބަޔަކު ވަނީ މި ފެސްޓިވަލްގައި ބައިވެރިވެފައެވެ.

ތިން ސްކޫލެއްގެ އިތުރުން ފަސް ޖަމިއްޔާ އަކާއި މޯލްޑިވްސް ޕޮލިސް އާއި ނ. އަތޮޅާއި ބ. އަތޮޅުގެ ގެ ބަޔެއް ރިސޯޓްތަކުގެ އިތުރުން ޅ. އަތޮޅުގެ ހުރިހާ ރިސޯޓަކުން މި ފެސްޓިވަލްގައި ވަނީ ބައިވެރިވެފައެވެ.

ފެސްޓިވަލްގައި ބައިވެރި ޖަމިއްޔާ ތަކުގެ ތެރޭގައި ލަނޑާ ގިރާވަރާއި ހުރުވަޅީގައި ގާއިމްވެފައިވާ އެންމަޑި ހިމާޔަތް ކުރުމުގެ މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މަންތާ ޓްރަސްޓް އާއި ވެލާ ހިމާތް ކުރުމަށް ކޮކޯޕާމް ދުނިކޮޅުގައި ގާއިމް ވެފައިވާ އޮލިވް ރެޑްލީ އާއި މުރަކަ އަދި ވެލާ ހިމާޔަތް ކުރުމަށް ލަނޑާ ގިރާވަރުގައި މަސައްކަތް ކުރާ މެރިން ސޭވަރ އާއި އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިމެނެއެވެ.