ދިވެހި ދައުލަތް ދުސްތޫރީ ނިޒާމެއްގެ ދަށުން ހިންގަމުން އަންނަތާ، މިއަހަރަށް 81 އަހަރު އަހަރު ފުރޭއިރު މީގެ ކުރިން ދިވެހިންނަށް ލިބިދީފައި ނުވާ ފަދަ ގިނަ ހައްގުތަކެއް މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިއަދަކީ ދިވެހިރާއްޖޭގައި އެންމެފަހުން ތަސްދީގު ކުރެވުނު ފެހި ގާނޫނުއަސާސީއަށް ނުވަ އަހަރު ފުރުނު ދުވަސް ފާހަގަކުރަމުންދާ ދުވަސް ކަމަށްވާއިރު ގާނޫނު އަސާސީ ވުޖޫދަށް އައިސްފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މޭސްތިރިކަމުގައި ހާއްސަ މަޖިލީހުގެ މެންބަރުން ކުރެއްވި މަސައްކަތުންނެވެ.

ދިވެހި ދައުލަތް ދުސްތޫރީ ވެރިކަމެއްގެ ގޮތުގައި ލިޔެވިފައިވާ ގާނޫނުއަސާސީއެއްގެ ދަށުން ހިންގަން ފެށުނީ މީލާދީން 1932 ވަނަ އަހަރު އައްސުލްޠާން މުހައްމަދު ޝަމުސުއްދީން ތިނެއްގެ ރަސްކަމުގަ އެވެ. ނަމަވެސް ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން އެ ގާނޫނުއަސާސީ ވީދާލައި، އުވާލެވުމަށްފަހު 1934 ވަނަ އަހަރު ރާއްޖޭގެ ދެވަނަ ގާނޫނުއަސާސީ އަލުން އިއުލާނު ކުރެވުނެވެ.

އޭގެފަހުން މިހާތަނަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމްތަކަށް އައިބަދަލުތަކާއި އެތައްފަހަރެއްގެ މަތިން ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތައް ގެނެވި، އިސްލާހުތަކެއް ވެސް ވަނީ ގެނެވިފަ އެވެ. އެގޮތުން މިހާތަނަށް 12 ފަހަރަށް ގާނޫނުއަސާސީ އިއުލާން ކުރެވިފައިވާއިރު 7 އޯގަސްޓު 2008 ގައި ތަސްދީގު ކުރެވުނު ފެހި ގާނޫނު އަސާސީއަކީ ރާއްޖޭގެ ދުސްތޫރީ ވެރިކަމުގައި އަމަލުކުރަން ފެށުނު 13 ވަނަ ގާނޫނުއަސާސީ އެވެ.

މިގާނޫނު އަސާސީއަކީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްޤައްޔޫމް 9 ޖޫން 2004 ގައި އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެއްކުރެވުނު ހާއްސަ މަޖިލީހުން ހަތަރު އަހަރެއްހާ ދުވަހުން އެކުލަވާލައި ނިންމި ގާނޫނު އަސާސީ އެކެވެ. ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރިޔާސަތުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އދ. އަތޮޅުގެ އޭރުގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންނަވައިގެން ތައުރީފް ހައްގު މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ.

އެގޮތުން ގާސިމް ވަނީ މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެން މެންބަރުންގެ ހިޔާލް އެއްގޮތް ކުރައްވާ، އެންމެ އަށް މަސް ދުވަހުގެ ތެރޭގައި މުޅި ގާނޫނުއަސާސީގެ މަސައްކަތް ނިންމަވާލައްވާފަ އެވެ. އަދި ހާއްސަ މަޖިލީހުގައި ހިމެނިޑައިގެންނެވި އެތައް ބޭފުޅުންނެއްގެ ބުރަ މަސައްކަތުން ރައްޔިތުންނާއި ހަމައަށް ގެނެސްދިން ފެހި ގާނޫނޫއަސާސީގައި ވަނީ، ނޫ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައި ނުވާ ގިނަ ހައްގުތަކަކާއި މިނިވަންކަމެއް ކަށަވަރުކޮށްދީފަ އެވެ.

އޭގެތެރޭގައި ދިވެހިންގެ ދީނަކީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނާއި ހިލާފަށް އެއްވެސް ގާނޫނެއް ރާއްޖޭގައި ނުހެދޭނެ ކަމަށާއި، މުސްލިކަމަށް ނޫނީ ދިވެއްސަކަށް ނުވެވޭނެ ކަމަށާއި، އިސްލާމީ އުސޫލްގެ މަތިން ނޫނީ ވެރިކަން ހިންގައިގެން ނުވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ދިވެހިންނަށް ހޯދައިދީ، 18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓްލެވޭނެ ގޮތާއި، ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް އަސާސީ ހައްގުތައް ފެހި ގާނޫންއަސާސީގައި ވަނީ ކަށަވަރުވެސް ކޮށްދީފަ އެވެ. އަދި ދިރިހުރުމުގެ ހައްގާއި، ފުރިހަމަ ބޭސްފަރުވާގެ ހިދުމަތާއި، ތައުލީމު ލިބިގަތުމާއި، ސާފު ބޯފެނާއި މި ނޫންވެސް އަސާސީ އެތައް ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ވަނީ ލާޒިމްކޮށްފަ އެވެ.

މީގެ އިތުރަށް ދައުލަތުގެ ތިންބާރު ވަކިކުރެވި، މިނިވަން މުސްތަގިއްލު އެތައް ކޮމިޝަނެއްވެސް މުޅިން އަލަށް ފެހި ގާނޫނު އަސާސީގެ ދަށުން އުފެއްދި އެވެ.

ފެހި ގާނޫނުއަސާސީއަށް މިއަދު ނުވަ އަހަރު ފުރިގެންދާއިރު، ގާނޫން އަސާސީގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބެމުންދަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދޭ ހިސާބަށް އެތައް ކަމެއް ވަނީ ބަދަލުވެފަ އެވެ. އެއްވެއުޅުމާއި ހިޔާލުފާޅުުކުރުމުގެ ހައްގު ގާނޫނުއަސާސީގައި ކަށަވަރު ކޮށްދީފައިވާ ގޮތަށް އެބައޮތްތޯ ސުވާލުކުރަންޖެހެ އެވެ. މިނިވަން މުއައްސަސާތަކަށް ގާނޫންއަސާސީން މަތިކޮށްފައިވާ ޒިންމާތަކާއިި މަސްއޫލިއްޔަތުތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު އަދާކުރަމުން ގެންދޭތޯ ސުވާލުކުރަންޖެހެ އެވެ. ދައުލަތުގެ ތިންބާރު ވަކިވެ މިނިވަން ބާރުތަކެއްގެ ގޮތުގައި ހަރަކާތްތެރިވެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރޭތޯ ސުވާލުކުރަންޖެހެ އެވެ.

މި ސުވާލުތަކުގެ ޖަވާބު ހޯދާލުމަށް ކުޑަކުޑަ މިސާލަކަށް ބަލާލާމަތޯ؟ ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދިން ފެހި ގާނޫންއަސާސީ ވުޖޫދުކުރި ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ކޮބާތޯއޭ އެމަނިކުފާނު އޮންނެވީ ސިއްހީ ފަރުވާއެއް ލިބިގަތުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދެއްވައިގެން އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ހިޔާލުފާޅުކުުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރެއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން މިނިވަން ކަމަށް ބުނާ ޕްރޮސެކިއުޓަރު ޖެނެރަލް ވަނީ ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފަ އެވެ. ކޯޓްތަކުގައި މިއަދު އެ މައްސަލަތައް ކުރިއަށްދާއިރު، ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައިވަނިކޮށް ދަނީ ޝަރީއަތްތަކަށް ޗިޓް ފޮނުވަމުންނެވެ. އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ބޮޑުވެ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވިއިރު ފަނޑިޔާރެއްގެ އިސްނެންގެވުމަކަށް ގާސިމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. މީގެ އިތުރުން ގާނޫނާ ހިލާފަށް އެމަނިކުފާނު ހައްޔަރުކުރި ކަމަށްވެސް ރާއްޖޭގެ ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މިއަދު ގާނޫން އަސާސީ އެކުލަވާލި އެ މަޖިލީހުގެ ރައީސް މި ހުރިހާ ހައްގަކުން މަހުރޫމްކޮށްފައިވާއިރު، ގާނޫން އަސާސީގެ ފޮނި މީރުކަން ދިވެހި އާންމު ރައްޔިތުންނަށް ލިބޭނީ ކިހިނަކުންތޯ މިއީ މިއަދު ވިސްނާލަން ޖެހިފައިވާ ބޮޑު ސުވާލެކެވެ.