ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި އަނެއްކާވެސް މިއަދަކީ ތާރީޚީ ދުވަހެކެވެ. މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 21 ދުވަސްފަހުން ޖަލްސާއެއް މިއަދު ބޭއްވިއިރު، މެންބަރުންގެ އިހުތިޖާޖާއި އަޑުގަދަކުރުންތަކާއިއެކު މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ވަނީ ހުއްޓާލަން ޖެހިފައެވެ.

މެންބަރުންގެ އިހްތިޖާޖު މަޖިލީސް ޗެންބަރުން ފެށިގޮތަށް މަޖިލީހުގެ ސައިކޮޓަރިން މަޖިލީހުގެ އިދާރާގެ ބޭރާއި ހަމައަށް ވަނީ ގޮސްފައެވެ. ނަމަވެސް މި މަންޒަރުތައް މިފަހަރު ފެނުނީ މަޖިލީހުގެ ކެމެރާތަކަކުން ނޫނެވެ. މެންބަރެއްގެ ހިތްވަރުން އޭނާގެ ކެމެރާއިންނެވެ.

މަޖިލީހުގެ ހިނގާ ކަންކަން ރައްޔިތުންނާއި މީޑިއާތަކާއި ހަމައަށް ގެނެސްދިނުމުގައި މަޖިލީސްތެރޭގައި އެންމެ ހިތްވަރާއިއެކު މަސައްކަތް ކުރައްވާ މެންބަރަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ. މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާތަކުގެ ފީޑް މީޑިއާތަކަށް މަޖިލީސް އިދާރާއިން ދޫނުކުރުމުން ސޯޝަލް މީޑިއާ މެދުވެރިކޮށް މަހުލޫފް ވަނީ މަޖިލީހުގެ ހާލަތު ރައްޔިތުންނަށް ގެނެސްދީފައެވެ.

ހަމައެކަނި ގެނެސްދިނީއެއްވެސް ނޫނެވެ. މޮޅު ޕްރެޒެންޓަރެއްގެ ފަދައިން ނެރޭޓްކޮށް މެންބަރުންގެ އިންޓަވިއުތައްވެސް ހިމަނައިގެން ލައިވް ކަވަރޭޖެއް ގެނެސްދިނީއެވެ. އެންމެ ފަހުން މީޑިއާތަކުންވެސް ދައްކަން ޖެހުނީ މަހުލޫފްގެ ލައިވް ކަވަރޭޖެވެ.

މި ހުރިހާކަމަކާއިއެކު މަހުލޫފްގެ ނަން މަޖިލީހުގައި ވަރަށްވެސް ޚާއްސައެވެ. ނަމަވެސް މިއަދަކީ އަނެއްކާވެސް މަހުލޫފްގެ ވާހަކަދައްކާލަން ޖެހުނު ދުވަހެކެވެ.

މިފަހަރު މަހުލޫފް އެކަންޏެއް ނޫންނެވެ. މަހުލޫފްއާއިއެކު މަހުލޫފްގެ ބައްޕަ ހައްސާންގެ ވާހަކަވެސް މިއޮތީ ދައްކަންޖެހިފައެވެ.