އިނގިރޭސި އަމީރާ ޑަޔާނާ އަވަހާރަވީ 31 އޮގަސްޓް 1997 ގައެވެ. އެކަމަނާ އަވަހާރަވީ ފަރަންސޭސިވިލާތުގެ ޕެރިހުގެ ބިންގަރާސް މަގަކުން އެކަމަނާ ދަތުރުކުރެއްވި ކާރުކޮޅު ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްވެގެންނެވެ. ވަރަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރުކޮޅު އެކްސިޑެންޓްވިއިރު އެކާރުކޮޅުގައި އެކަމަނާގެ ރަހްމަތްތެރިޔާ، މިސްރުގެ މުއްސަނދި މަހުޖަނު ޑޯޑީ އަލްފައިދުވެސް އިންނެވިއެވެ. މިހާދިސާގައި ޑޯޑީ ފައިދުވެސް އަވަހާރަވިއެވެ.

އަމީރާ ޑަޔާނާ ވެވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން ވަރަށް ލޯބިވާ ބޭކަނބަލަކަށެވެ. އެކަމަނާއަށް މުޚާތަބު ކުރެވޭ ނަމަކީވެސް "ރައްޔިތުންގެ އަމީރާ" އެވެ. އެހެންކަމުން، އަމީރު ޗާލްސް ޑަޔާނާ ވަރިކުރެއްވުމާއި އަދި އޭގެފަހުން މާގިނަ ދުވަހެއްނުވެ ކާރުކޮޅު އެކްސިޑެންޓްވެ ޑަޔާނާ އަވަހާރަވުމުން އިނގިރޭސިވިލާތުގެ ރައްޔިތުންގެ ރުޅިވެރިކަން ޝާހީ އާއިލާއަށް ވަރަށް ބޮޑަށް ކުރިމަތިވެގެންދިޔައެވެ.

ގިނަބައެއްގެ ނުރުހުން ޝާހީ އާއިލާއަށް އެންމެބޮޑަށް އަމާޒުވި އެއް ސަބަބަކީ ޑަޔާނާ އަވަހާރަވި ހާދިސާއަށް އެތައް ދުވަހެއް ވީއިރުވެސް އަމީރު ޗާލްސްވެސް އަދި ރާނީ އެލިޒަބަތުވެސް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވުމުންނެވެ.

ޑަޔާނާ އަވަހާރަވި ހާދިސާއާ ގުޅޭގޮތުން އިނގިރޭސި ރާނީ އެންމެ ފުރަތަމަވެސް ވާހަކަފުޅު ދެއްކެވީ، ޑަޔާނާ ފަސްދާނުވެޑުވުމުގެ ތެރޭގައެވެ. އެއީ، ދުނިޔޭގެ އެތައްމިލިއަން ބަޔަކު ޓީވީ މެދުވެރިކޮށް ވަގުތުން ބެލި ޖަނާޒާއެކެވެ.