ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމެއް ކުރީމާ އެ ޙުކުމް ސައްޙަނޫންކަމަށް ބުނެ ވާހަކަ ދެއްކުމަކީ އަޅުގަނޑު ކުރާނޭ ކަމެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު އިންނަވައިގެން ކުރާ ހުކުމެއް ރަނގަޅުނޫންކަމަށް ބުނުމުގެ އެ ޢިލްމީ ޤާބިލުކަން އަޅުގަނޑުގެ ކިބައިގަން ހުރިކަމަށް ދަޢުވާއެއްވެސް ނުކުރަމެވެ. އެހެންނަމަވެސް، ދިރާސީ ނަޒަރަކުން މިފަދަ ޙުކުމްތަކާމެދު ވިސްނުމަކީ އަޅުގަނޑު ކުރާ ކަމެކެވެ. ޤާސިމް އިބްރާހީމްގެ މައްޗަށް ކުރެވުނު ޝަރީޢަތަކީ ތަފާތު ސިފަތަކެއް ހިމެނޭ ޝަރީޢަތެކެވެ. މި ލިޔުމުގައި މިވަނީ އެ ޝަރީޢަތުން އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ކަންތައްތަކެވެ.

ކުރިމިނަލް ކޯޓުގެ ޚުލާސާ ރިޕޯޓުގެ 24 ވަނަ ނުކުތާއަށް ބެލުމުން، ޤާސިމް އިބްރާހީމްގެ ޞިއްޙީ ޙާލަތާމެދު ކޯޓުން ސުވާލު އުފައްދާފައިވާކަން ފާހަގަކުރެވެއެވެ. އެ ނަންބަރުގައި ބުނެފައިވަނީ، ޤާސިމް އިބްރާހީމްގެ ޞިއްޙީ ޙާލަތު ވަރަށް ގޯސްކަމަށް ކޯޓުގައި ބުނިނަމަވެސް، ކޯޓުގައި ވާހަކަ ދައްކާ ރާގާއި، ކޯޓުން ބޭރަށް ނުކުމެ މީޑިއާއާ ދައްކާ ވާހަކައިގެ ރާގުގައިވެސް ތަފާތުކަމެއް ހުރިކަމާއި، ޤާސިމްގެ ބަލި ޙާލަތު ބަޔާންކޮށް ދޫކޮށްފައިހުރި ލިޔުންތަކުގައިވެސް ފަރުވާއެއް ކުރަންޖެހޭ ވާހަކަ ބުނެފައިނެތްކަމަށެވެ. ތިލަކޮށް ދަންނަވާނަމަ، ކޯޓަށް ހާޟިރު ނުވުމަށްޓަކައި ޤާސިމް އިބްރާހީމް މަކަރު ހައްދަވަނީކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު އެވަނީ ތުޙުމަތުކުރައްވާފައެވެ. އަދި ޤާސިމް އިބްރާހީމްގެ ޣައިރު ހާޟިރުގައި ޝަރީޢަތް ހިންގަވަން ނިންމެވި ސަބަބަކީ އެއީ ކަމަށްވެސް އެ ނަންބަރަށް ބެލުމުން ދޭހަވެއެވެ.

މި ނުކުތާއަށް ބެލުމުން އެނގޭ ފުރަތަމަ ކަމަކީ، ކޯޓަށް ހުށަހެޅޭ ލިޔުންތަކާއި، ދެފަރާތުން ކޯޓުގައި ދައްކާ ވާހަކަތަކުގެ އިތުރުން، ދަޢުވާލިބޭފަރާތް ކޯޓުން ބޭރުގައި ޢަމަލުތައް ބަހައްޓަވާ ގޮތްވެސް ފަނޑިޔާރު، ވަރަށް ގާތުން، ތަޙްޤީޤީ ނަޒަރަކުން ބައްލަވަމުން ގެންދެވިކަމެވެ. އަދި މީޑިއާއިން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުގެ އަސަރު ފަނޑިޔާރަށް ކޮށްފައިހުރިކަން އެ ޖުމުލައަށް ބެލުމުން ސާބިތުވެއެވެ. އެހެންނަމަވެސް މިއީ ކަން އޮވެގެން ވާނޭ ގޮތެއް ނޫނެވެ. ފަނޑިޔާރު ރިޢާޔަތްކުރައްވަން ވާނީ ފަނޑިޔާރުގެ ކުރިމައްޗަށް ދެފަރާތުން ހުށަހަޅާ ހެކިތަކާ ޤަރީނާ ތަކަށެވެ. ދަޢުވާލިބޭފަރާތުން ކޯޓަށް ހާޟިރުނުވާން މަކަރު ހަދަނީކަމަށް ތުޙުމަތުކޮށް އެވާހަކަ ޝަރީޢަތުގެ މަޖިލީހުގައި ބުނާނީ ދައުލަތުންނެވެ. އެކަން ބެއްލެވުމަށް ޓީ.ވީ ޗެނަލްތަކުން ދައްކާ ޕްރޮގްރާމްތައް ބައްލަވައި ދިރާސާ ކުރައްވާކަށް ފަނޑިޔާރަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ.

ދެންއޮތީ ދަޢުވާލިބޭފަރާތުން ޙަޤީޤަތުގައިވެސް ކޯޓަށް ހާޟިރުނުވާން މަކަރު ހަދަނީތޯ ސުވާު އުފެދޭ ޙާލަތުގައި ޢަމަލުކުރަންޖެހޭ ގޮތެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ޙައްލު ބުނެދީ، އިޖުރާއަތު އެކަށައަޅާފައިވާ މައްސަލައެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 174 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ކޯޓަށް ހާޟިރުނުވެވޭފަދަ ބައްޔެއް ވުމަކީ ކޯޓަށް ހާޟިރުނުވުމަށް މަޤުބޫލު އުޒުރެކެވެ. އެ ޙާލަތުގައި އެމާއްދާގެ (ބ) ގެ ދަށުން އެކަން ސާބިތުކުރާނޭ ލިޔުންތައް ކޯޓަށް ހުށަހަޅަންޖެހެއެވެ. ޓީވީ ޗެނަލްތައް ބަލައިގެން ނަމަވެސް، އެ ލިޔުންތަކާމެދު ފަނޑިޔާރަށް ސުވާލެއް އުފެދޭނަމަ ޢަމަލުކުރަންވާނޭ އިޖުރާއަތު އެމާއްދާގެ (ޅ) ގައި ވަނީ ބަޔާންކޮށްފައެވެ. އެއީ ބަލި ޙާލަތު ބަޔާންކުރާ ލިޔުމުގައި ސޮއިކޮށްފައިވާ ފަރާތްތައް ކޯޓަށް ހާޟިރުކުރުވައި އެކަމާ ގުޅޭގޮތުން ސުވާލުކޮށް އެކަން ކަށަވަރުކުރުމެވެ. ކޯޓަށް ހާޟިރު ނުވުމަށްޓަކައި މަކަރު ހަދަނީކަމަށް ތުޙުމަތުކުރާއިރު، މި އިޖުރާއަތު އޮންނަންވާނީ ފުރިހަމަކޮށްފައެވެ. އެހެންނަމަވެސް ކޯޓުން އެކަމާ ގުޅޭގޮތުން ދަޢުވާލިބޭފަރާތާވެސް، ވަކީލުންނާވެސް އެންމެ ކުޑަމިނުން ސުވާލުވެސް ކޮށްލާފައެއް ނުވެއެވެ. އެއީ ޙުކުމުގެ ކުރިއަށް އައި ބާޠިލު އިޖުރާއަތެކެވެ.

ދެންއޮތީ ޣައިރު ހާޟިރުގައި ޙުކުމްކުރުމުގެ މަޖިލިސް ބޭއްވުމުގެ ޙުއްޖަތް ފަނޑިޔާރު ޤާއިމުކުރައްވާފައިވާ ގޮތެވެ. މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ 25 ވަނަ ނުކުތާގައި، ޣައިރު ހާޟިރުގައި ޝަރީޢަތް ހިންގުން ސައްޙަވާނޭކަން ސާބިތުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ފަނޑިޔާރު ވިދާޅުވެފައިވަނީ، ދަޢުވާލިބޭފަރާތް ކުށަށް އިޢުތިރާފްވާ ޙާލަތުގައި ޣައިރު ހާޟިރުގައި ޝަރީޢަތް ހިންގުން ހުއްދާވާނޭކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 10 ވަނަ ނަންބަރަށް ބެލުމުން އެނގޭކަމަށެވެ. ތެދުފުޅެކެވެ. އެ މާއްދާގައި އެހެން އެބައޮތެވެ. ދަޢުވާ އުފުލިފައިވާ ކުށަށް ފުރަތަމަ މަރުޙަލާގައިވެސް އިޢުތިރާފްވާ މީހާގެ ޣައިރު ހާޟިރުގައި ޝަރީޢަތް ކުރެވުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ޙުއްދަކުރާ ޙާލަތެކެވެ. އެހެންނަމަވެސް އެ މާއްދާގައި އެ ބަޔާންކުރަނީ އުފުލިފައިވާ ދަޢުވާއަށް އިޢުތިރާފްވާ މީހާގެ ވާހަކައެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ބައްލަވާށެވެ. އެ މާއްދާގައި ބުނެފައި އޮންނަނީ ވަކި އެއްޗެއްގެ ވާހަކަ ނުވަތަ ވަކި މީހެއްގެ ވާހަކަ، ކަނޑައެޅިގެން ޤާނޫނުގައި ބަޔާންކޮށްފިކަމަށްވާނަމަ، އޭގެ މާނައަކީ، އެނޫން އެހެން މީހުންނަށް ނުވަތަ އެނޫން އެހެން އެއްޗެއްސަށް އެ ޤާނޫނުގައިވާ އެ އުސޫލު ނުހިނގަނީ ކަމަށް ބަލަންވާނޭ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި، އިޢުތިރާފްވާ މީހާގެ ޣައިރު ހާޟިރުގައި ޝަރީޢަތް ހިންގުން ހުއްދަކަމަށް ބުނެފައި، އިންކާރުކުރާ މީހާއާ މެދު ޢަމަލުކުރާނޭ ގޮތް ބުނެފައި ނެތުމުން، އިޢުތިރާފްވާ މީހާގެ މައްޗަށް ހިނގާނޭކަމަށް އެ ޤާނޫނުގައި ބުނެފައި އޮތް އުޞޫލު އިންކާރު ކުރާ މީހާގެ މައްޗަށް ނުހިނގާނޭކަން ސާބިތުވެއެވެ. މިއީ ޤާނޫނު މާނަކުރުމުގައި ދެބަސްވުމެއްނެތް، ވަރަށް އަސާސީ އުޞޫލެކެވެ. އެހެންކަމުން، ޣައިރު ހާޟިރުގައި ޙުކުމް ކުރާ މަޖިލިސް ބޭއްވުމަކީ ޙުކުމް ކުރުމުގެ ކުރިއަށް އައި ބާޠިލު އިޖުރާއަތެކެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 26 ވަނަ ނަންބަރުގައި ފަނޑިޔާރު ވިދާޅުވެފައިވަނީ ޚުލާސާ ބަޔާން ހުށަހެޅުމަކީ އެހާ މުހިންމުކަމެއް ނޫންކަމުގައެވެ. ޚުސާލާ ބަޔާން ހުށަހެޅުމަކީ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތައް ޚުލާސާ ގޮތެއްގައި ޝަރީޢަތުގައި ހުށަހެޅުން ކަމަށާއި، އެ މަޖިލީހުގައި އައު ކަމެއް ހުށަހަޅަންވެސް ފުރުޞަތު ނޯންނަ ކަމަށާއި އަދި، އަދަބު ލުއި ވާނޭ ގޮތްތަކުގެ ވާހަކަ ދަޢުވާ ލިބޭ ފަރާތުން ނުދެއްކިޔަސް މައްސަލަ ބައްލަވާ ފަނޑިޔާރު އެކަމަށް ރިޢާޔަތްކުރަންޖެހޭނޭތީ، ޚުލާސާ ބަޔާން ހުށަހަޅައި އަދަބާމެދު ވާހަކަ ދައްކަން ފުރުޞަތު ނުދިނުމަކީ ދަޢުވާލިބޭފަރާތުގެ ޙައްޤަކަށް އުނިކަމެއް އަންނަކަމެއް ކަމަށް ބެލެވެން ނެތްކަމަށް ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ. މިއީ ފަނޑިޔާރުގެ ވިސްނުންފުޅެވެ. އެހެންނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހެދި މަޖިލީހުގެ ވިސްނުން މުޅިން ތަފާތެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 150 ވަނަ މާއްދާގެ (ހ) ގެ ދަށުން ހެކިންގެ ހެކިބަސް ނަގައި ނިންމުމަށްފަހު ފަނޑިޔާރަކު ޚަބީރަކު ޙާޟިރުކުރާނަމަ އެކަން ކޮށްނިމުމުން ދެން އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުމެވެ. އަދި އެ މާއްދާގެ ދަށުން ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން، ޝަރީޢަތުގެ އަޑުއެހުންތައް ނިމުނީކަމުގައި ފަނޑިޔާރު އިޢުލާނުކުރަންވާނޭ ކަމަށާއި، އަދި އެ މައްސަލައިގެ ޙުކުމް ކުރުމުގެ މަޖިލިސް އޮންނާނޭ ތާރީޚުވެސް އިޢުލާނުކުރަންވާނޭ ކަމަށް އެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ހ) އަދި (ރ) ގައި ބަޔާންކޮށްފައި އޮވެ އެވެ. ޚުލާސާ ބަޔާން އިއްވަން ފުރުޞަތު ނުދީ ވާނޭ ހަމަ އެއްވެސް ގޮތެއް އިޖުރާއަތުގެ ޤާނޫނުގައި ކިޔައިދީފައެއް ނެތެވެ. ޤާނޫނުގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް ކަނޑައަޅާފައި އޮއްވައި، އެއީ އެހާ މުހިންމު ކަމެއް ނޫންކަމަށް ފަނޑިޔާރަށް ފެނިގެން ޢަމަލުކުރުމުން މަނާވެގަނެވޭނޭ ޙާލަތެއްވެސް މި ޤާނޫނަކު ނެތެވެ. މިއީ ޤާސިމް އިބާރާހީމްގެ މައްޗަށް ހިންގުނު ޝަރީޢަތް ޚާއްސައޭ އަޅުގަނޑު ދެންނެވި ވަރަށް މުހިންމު އެއް ސަބަބެވެ.

ޤާސިމް އިބްރާހީމް 3 އަހަރާއި، 2 މަހާއި، 12 ދުވަހަށް ޖަލަށްލުމަށް ޙުކުމްކުރެވުނީ މައްސަލަ ހިންގަންޖެހޭ އިޖުރާއަތު ޤާނޫނުގެ ފޮތުގައި ބުނެފައިވާ އަކުރުން އަކުރަށް ތަންފީޒު ކުރުމެއް ނެތި އެވެ. އަދި އިޖުރާއަތު ހިންގި ގޮތުގެ ސަބަބުން މައްސަލައިގެ ޙުކުމަށް އޭގެ އަސަރުކޮށްފައިވާ ކަމަށް ބަލަންޖެހެ އެވެ. މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރުގެ ދަށުން އިސްތިއުނާފީ ކޯޓުން ރިޢާޔަތްކޮށް ޙައްލު ދޭންޖެހޭނޭ މައްސަލަތަކެކެވެ.

މި ލިޔުމުގައި މިފާހަގަކުރެވުނީ ޤާސިމް އިބްރާހީމްގެ މައްޗަށް ހިންގުނު ޝަރީޢަތުގައި ހިނގައިދިޔަ ބައެއް ކަންކަމުގެ މައްޗަށެވެ. އަދި އެކަންކަމަށް މި ބަލާލެވިފައިވަނީ ވަރަށްވެސް ޚުލާސާ ގޮތެއްގައެވެ. މިކަންކަމަށް އެކަނި ބަލާއިރުވެސް، މިއީ އިންސާފުވެރި ޝަރުއީ ނިޒާމެއްގައިނަމަ އިތުރު ލަސްކުރުންތަކެއްނެތި ބާޠިލުކުރަންޖެހޭނޭ ޙުކުމެކެވެ.