މިއަދަކީ ރާއްޖޭގައި ބްރޯޑްކާސްޓް ކުރަން ލައިސަންސް ލިބުނު އަމިއްލަ ޓީވީ ޗެނަލް، ވީޓީވީގެ ނުވަވަނަ އަހަރީ ދުވަހެވެ. ވީޓީވީ އުފެދުނުތާ މިއަދަށް ނުވަ އަހަރު ވީއިރު، ވީމީޑީއާ އުފެދި ތަފާތު ހަތަރު މީޑިއަމެއްގެ ޚިދުމަތް ރައްޔިތުންނަށް ވަނީ ފޯރުކޮށްދޭން ފަށާފަ އެވެ.

ރާއްޖޭގައި އަމިއްލަ ޓީވީ ސްޓޭޝަންތައް ހިންގުމުގެ ދޮރު ހުޅުވާލުމާ ގުޅިގެން މީގެ ނުވަ އަހަރު ކުރިން ވީޓީވީ ވުޖޫދަށް އައިއިރު، ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި އެވެ. ދިވެހިރާއްޖޭގައި ޕްރައިވެޓް ޓީވީ ސްޓޭޝަންތަކަށް ފުރުސަތު ލިބިފައިވަނީ ސަރުކާރުން ޓީވީގެ ހިދުމަތް ދޭތާ ޒަމާންތަކެއް ވެފައިވަނިކޮށެވެ. އެހެންވެ އަލަށް އުފެދުނު ޓީވީ ޗެނަލްތަކާ މެދު ދިވެހިންގެ އުއްމީދު ވަނީ ވަރަށް މަތީގަ އެެވެ. އެކަމަކު އެއުއްމީދުތަކާ ހަމައަށް ވާސިލްވުމުގައި ޕްރައިވެޓް ޓީވީ ޗެނެލްތަކަށް ހުރި ހުރަސްތައް އަދިވެސް ފިލާ ނުދެ އެވެ.

ޓެރެސްޓްރިއަލްކޮށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު އަދި ހަމަޖެހިފައިނުވުމާއި، ޖާގައިގެ ގޮތުން ހުރި ދަތިތަކާއި، ތަމްރީން ލިބިފައިތިބި ގާބިލް މުވައްޒަފުންގެ މަދުކަމާއި މިހުރިހާ ކަމަކީވެސް އެހެނިހެން ޗެނަލްތަކެކޭ އެއްފަދައިން ވީޓީވީއަށް ވެސް ތަހައްމަލްކުރަން ޖެހިފައިވާ ދަތިތަކެކެވެ. ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާ ފުޅާކޮށް މިނިވަންކުރުމާއެކު އޭގެ ތެރޭގައި ޕްރައިވެޓް ބްރޯޑްކާސްޓަރުންގެ ދައުރެއް އޮތުމަކީ ވީޓީވީގެ ބާނީ ގާސިމް އިބްރާހިމް ވަރަށް ކުރީއްސުރެ ދެކެވަޑައިގެންނެވި ހުވަފެނެކެވެ. މިހުވަފެން ހަގީގަތަކަށް ހެއްދެވުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވީ ސަރުކާރުގެ ފަރާތުން މިދާއިރާ މިނިވަންކޮށް އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވައިލުމުގެ މާކުރިންނެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އެކަމެއްގެ އިލްމާއި ތަމްރީނު ލިބިފައި ތިބި މީހުން އެކަމެއްގައި ޝާމިލްކޮށްގެން ކަމަށް ގާސިމް އިބްރާހިމް ގަބޫލު ކުރައްވާތީ ޕްރައިވެޓް ބްރޯޑްކާސްޓިން މިގައުމުގައި އުފަންވުމުގެ ކުރީގައި އެމަނިކުފާނު ވަނީ މިދާއިރާއިން މީހުން ބިނާކުރެއްވުމުގެ މަސައްކަތް ފައްޓަވާފަ އެވެ. މިގޮތުން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރާއްޖެއިން ބޭރަށް މިކަމުގެ އިލްމު އުގެނުމަށްޓަކައި މީހުން ފޮނުވުމެވެ.

ބްރޯޑްކާސްޓިންގައި ސަރުކާރަށް އޮތް މޮނޮޕޮލީ ދޫކޮށްލައި މިދާއިރާ މިނިވަން ކުރުމާއެކު އެންމެ ފުރަތަމަ އުފަންވި އަމިއްލަ ސްޓޭޝަންތަކުގެ ތެރޭން އެއްތަނަކީ ވީޓީވީ އެވެ. ވީޓީވީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު 5 ގައި ލޯންޗުކުރެވުނު އިރު އެ އަހަރުގެ ރިޔާސީ އިންތިހާބު އޮތީ ވަރަށް ގާތްވެފަ އެވެ. އެހެންކަމުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޮޕަރޭޝަނުގެ އެންމެ ބޮޑު ބައެއް އަމާޒު ކުރެވުނީ ރިޔާސީ އިންތިހާބާއި އެއިންތިހާބާ ގުޅޭ ކަންކަމަށެވެ. ވީޓީވީއަކީ އެންމެ ފުރަތަމަ އަހަރުން ފެށިގެންވެސް މިއަދާ ހަމައަށް ނޫސްވެރިކަމާއި ބްރޯޑްކާސްޓިންގައި ވަކި ހަމަތަކަކާއި މިންގަޑެއް ހިފަހައްޓާ ތަނެކެވެ.

ވީޓީވީގެ ފުރަތަމަ ދެއަހަރު ސްޓޭޝަނުގެ އޮޕަރޭޝަނަލް މަސައްކަތްތައް ކުރިއަށް ދިޔައީ ތިލަފުށީގައި ގާއިމް ކުރެވިފައިވާ ސްޓޭޝަންގަ އެވެ. އެހެންކަމުން ފުރަތަމަ ދެއަހަރު ވީޓީވީގެ އޮޕަރޭޝަންތައް އޮތީ ވަކި މިނަވަރެއްގައި ހިފެހެއްޓިފަ އެވެ. އެ ހިފެހެއްޓިފައި އޮތް އޮތުމަށް ނިމުން އައީ 2011 ވަނަ އަހަރު ވީޓީވީގެ ހުރިހާ އޮޕަރޭޝަންތަކެއް މާލެއަށް ބަދަލުވި ހިސާބުންނެވެ. އޮޕަރޭޝަން ފުޅާކުރުމުގެ ތެރެއިން 2010 ވަނަ އަހަރުން ފެށިގެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކަވަރޭޖް ވަނީ ގެނެސްދީފަ އެވެ. އެޗްޑީ ކޮލިޓީގައި އެންމެ ފުރަތަމަ ވޯލްޑް ކަޕް ދެއްކީވެސް ވީޓީވީންނެވެ. އަދި މާލެއިން ބޭރުގައި ރާއްޖޭގެ އަތޮޅެއްގައި ބޭއްވުނު ފުރަތަމަ ބައިނަލްގުވާމީ ކުޅިވަރު މުބާރާތްވެސް ގެނެސްދިނީ ވީޓީވީންނެވެ. އެއީ ފުވައްމުލަކުގައި ކުޅެވުނު ސާކް ޓުވެންޓީޓުވެންޓީ ކުރިކެޓް މުބާރާތެވެ. މީގެ އިތުރުން ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ބޭއްވި އަންޑާ ވޯޓަރ ކެބިނެޓް މީޓިން ވަގުތުން ގެނެސްދިނުމުގައި ޓީވީއެމްއާ ގުޅިގެން ވީޓީވީގެ ސިގްނަލް ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވާލުމާއި، އަދި ދުނިޔޭގެ ވަރަށް ގިނަ ނޫސް އެޖެންސީތަކުން ވީޓީވީގެ ސިގްނަލް ބޭނުންކުރުން ވެގެން ދިޔައީ ޓެކްނޮލޮޖީގެ ރޮނގުން ވީޓީވީއަށް ލިބިފައިވާ މަގާމް އިތުރަށް ހަރުދަނާވި ފުރުސަތަކަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ދައުރުވަމުންދާ އޮއިވަރުގެ ބާރުމިން އެންމެ ފަސޭހައިން އެގެނީ ރައްޔިތުންގެ ބޮޑުގޭގައި ކުރެވޭ ބަހުސްތަކުންނެވެ. އެމަޖިލީހުގައި ކުރެވޭ ސައްލާތަކުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ލައިވްކޮށް ދައްކަން ފެށީ ވީޓީވީންނެވެ. ސިޔާސީ ގޮތުން ދިވެހިރާއްޖޭގެ މީޑިއާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައިވެސް ހިތްވަރާ ސާބިތުކަމާއެކު، ވީޓީވީގެ އަހުލްވެރިންނަށް އިންޞާފުވެރިކަމާއެކު ހަގީގަތް ހިއްސާ ކުރުމުގައި ވީޓީވީ އަދާކުރަމުންދާ މުހިންމު ދައުރު، ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން ބަލައިގަންނަނީ އުފަލާއެކު އެވެ.

މިއަދު ވީމީޑިއާއަކީ ބޭރުގެ އެތައް ނޫސް އެޖެންސީއަކާއި ގުޅިފައިވާ މުވައްސަސާއެކެވެ. ދޭސީންނާއި ބިދޭސީން އިތުބާރުކުރާ މުވައްސަސާއެކެވެ. މިހިސާބަށް އާދެވުނީ އެކަމަށްޓަކައި ރޭވުނު ޕްރޮގްރާމްތަކާއި އެކަށައެޅުނު ސިޔާސަތުތަކެއްގެ ސަބަބުންނެވެ.

ވީޓީވީ އުފަންވީ ސިޔާސީގޮތުން ހަލަބޮލި ދުވަސްވަރެއްގަ އެވެ. އަދި ވީޓީވީގެ ހަޔާތުން ފާއިތުވެގެންދިޔަ އަށް އަހަރަކީވެސް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ހޭދަވެގެން ދިޔަ އަހަރުތަކެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ވީޓީވީގެ މުވައްޒަފުންނަށް ދަތުރުކުރަން އޮތީ އޮމާން އަމާން މަގެއް ނޫނެވެ. މި ދުވަސްތަކުގައި ވީޓީވީ އާއި އެތަނުގެ މުވައްޒަފުންނަށް އުފުލާންޖެހުނު ތަކުލީފުތައް ގިނަގުނަ އެވެ.

ސިޔާސީ ގޮތުން ގައުމު ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިފައިވާ މިފަދަ ދަނޑިވަޅެއްގައި ސިޔާސީ ކަނޑުއޮޅީގައި ޖަހަމުންދާ ހަޅައާ ދެކޮޅަށް، ރައްޔިތުން ބޭނުންވާ ގޮތަށް އެމީހުންގެ އިޙްސާސްތަކާއެކު، ތިލަފަތް ހަމަކޮށް ޚަބަރު ފެތުރުމުގައި ކުރިމަތިވާނެ ހުރަސްތަކަކީ ކޮބައިކަން ރަނގަޅަށް އެނގިތިބެ ވީޓީވީން ކުރަމުންދާ ހިތްވަރުގެ ސަބަބުން، މިފަދަ މާހައުލެއްގައި ކުރިމަތިނުވެ ނުދާނޭ ބައެއް ކަންތައްތައް ވީޓީވީ ވަނީ ތަޖުރިބާ ކުރަންޖެހިފަ އެވެ. އަދި މިހާރުވެސް ދަނީ ތަޖްރިބާކުރެވެމުންނެވެ. އެގޮތުން ވީޓީވީގެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި އާއި، އެމާހައުލުން ބޭރުގައި ބައެއް ފަރާތްތަކުން ކުރިމަތިކުރާ ހުރަސްތަކާއި، ވީޓީވީގެ މުދަލާއި އިމާރާތަށް ގެއްލުންދޭ ދިނުން ފާހަގަކޮށްލަންޖެހެ އެވެ.

ފެބުރުއަރީ ހަވަނަ ދުވަހު ހިނގާދިޔަ ސިޔާސީ ހަލަބޮލިކަމުގައި ވީޓީވީއަށް ވަނީ ބޮޑެތި ގެއްލުންތަކެއްދީފަ އެވެ. އެރޭ ވީޓީވީގެ ދޮރުތައް ތަޅާލާ ވީޓީވީގެ ތެރޭގައި ވަނީ އަލިފާންޖަހާފަ އެވެ.

މީގެ އިތުރުން 2012 ވަނަ އަހަރު މަޖިލީސް ހުޅުވުމަށް މާޗް މަހުގެ 19 ވަނަ ދުވަހު ބޭއްވުނު ޖަލްސާ ވީޓީވީން ދުރަށް ދައްކަމުންދަނިކޮށް މަގުމަތީގައި ހަމަނުޖެހުން އުފައްދަމުންދިޔަ ބަޔަކު ވަނީ ވީޓީވީގެ މުޅި އިމާރާތުގެ ހުރިހާ ބިއްލޫރިތަކެއް ތަޅާ ސުންނާފަތިކޮށްލާފަ އެވެ. މިއީ ރާއްޖޭގެ މީޑިއާގެ ހަޔާތުގައި އޭރު ދެވުނު އެންމެ ނުރައްކާތެރި ހަމަލާ އެވެ. މިފަދަ އެތައް ކަމަކާއި ވީޓީވީން ވަނީ ކުރިމަތިލާ ރައްޔިތުންނަށް ހަގީގީ މަންޒަރު ދައްކުވައިދީފަ އެވެ.

ދެހާސް ބާރައިގެ ފަހުކޮޅާ ހަމައަށް ވީމީޑިއާ ގުރޫޕްގެ ގޮތުގައި މި ގުރޫޕެއް ނެތެވެ. އެހާތަނަށް އޮތީ ވީޓީވީ އެވެ. އެހެންނަމަވެސް އެހިސާބުން ގާސިމް އިބްރާހިމްގެ ލަފާފުޅާއިއެކު ވީމީޑިއާ ގުރޫޕް އުފަންކުރުމުގެ ހިޔާލު އުފެދި އެއަށް އަމަލީ ސިފަ ގެނައުމުގެ ގޮތުން އާއޮނިގަނޑެއް އެކުލަވާލެވި ތަފާތު އިތުރު މީޑިއަމްތައް ދާދިއަވަހަށް ތައާރަފް ކުރެވުނެވެ. އަމަލީގޮތުން ވީމީޑިއާ ގުރޫޕަށް ބަދަލުވެގެން ދިޔައީ ޓީވީގެ އިތުރަށް އެހެން މީޑިއަމްތައް މިކުޑައިގެ ދަށަށް ގެނެވުމުންނެވެ. އެގޮތުން ޓީވީގެ އިތުރަށް ވީއެފްއެމް 99 ރޭޑިއޯ އާއި، ވީނިއުސް އޮންލައިނާއި، ވީކްލީ ހަފްތާ މަޖައްލާ މިކުޑައިގެ ދަށަށް ގެނެވުނެވެ. އަދި މިއަދު ނޫހާއި މިއަދު އޮންލައިނަކީ ވެސް ވީމީޑިއާގެ މީޑިއަމްތަކެކެވެ.

މިއަދު ވީމީޑިއާާ ބްރޭންޑަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ބްރޭންޑަކަށް މިވަނީ ވެފަ އެވެ.