ވީމީޑިއާ ގުރޫޕްގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު ކުޅިވަރުގެ އާއިލާ އާއި އަދި އެހެންވެސް ހެޔޮއެދޭ ފަރާތްތަކުން ދަނީ ވީމީޑިއާގެ އަހަރީ ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމުންނެވެ. މި ގޮތުން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ފާއިތުވި ނުވަ އަހަރު ކުޅިވަރުގެ ދާއިރާއަށް ވީމީޑިއާގެ ވީޓީވީގެ ފަރާތުން ލިބުނު ހިދުމަތް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އެހެން ބައެއް ފަރާތްތަކުން ވެސް ވީޓީވީގެ ހިދުމަތް ބަލައިގެންނަނީ ޝުކުރުވެރިކަމާއެކުގަ އެވެ.

ވީމީޑިއާގެ ހިދުމަތާއި ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް މައުމޫން ވިދާޅުވީ ރައްޔިތުންގެ ހިދުމަތް ދިނުމުގައި ވީމީޑިއާ ގުރޫޕުން ނުވަ އަހަރު ކޮށްފައިވާ މަސައްކަތް ބަލައިގަންނަނީ ވަރަށް އުފަލާއެކު ކަމަށެވެ. ވީމީޑިއާގެ ވީޓީވީގެ ހިދުމަތަށް ބަލާ ނަމަ ވަރަށް ގިނަ ކަންކަމުގައި އެއްވަނަ ހާސިލްކޮށްފައިވާ ކަމަށާއި މީގެތެރޭގައި މި ސަރަހައްދުގައި އިންޓަނޭޝަނަލް މުބާރާތެއް އެޗްޑީކޮށް ގެނެސްދިނުމާއި އިންޓަނޭޝަނަލް ކްރިކެޓް މުބާރާތެއް ވީޓީވީން ވަގުތުން ގެނެސްދީފައިވާ ކަމށް ރައީސް މައުމޫން ވިދާޅުވި އެވެ.