މިޔަންމާގެ ރޮހިންގްޔާ މުސްލިމް ދަރިކޮޅުގެ ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ނުބަލައި އެމީހުން ކަތިލައި، އެމީހުންގެ ގެދޮރުގައި ހުޅުޖަހައި އަންދައި ނަސްލު އެއްކޮށް

ނައްތާލުމަށް މިޔަންމާ ސިފައިންނާއި، ބުދިސްޓުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފް ބޮޑު ޖަރީމާތަކާ ގުޅިގެން، ދުނިޔޭގެ ސުލްހައިގެ އިނާމު ލިބިފައިވާ އަންހެނާ އަންގް ސަން ސޫކީއާއި އޭނާ އިސްވެހުރެ ހިންގާ ސަރުކާރަށް ދުނިޔޭގެ މުސްލިމުންގެ ނުރުހުމާއި ނަފްރަތާއި ދެކޮޅުވެރިކަން ވަރަށް ބޮޑަށް ކުރިމަތިވަމުން އެބަދެއެވެ.

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމަށް ފިލައިގެން ފާއިތުވީ ދެހަފްތާ ތެރޭގައި އެކަނިވެސް 164،000 އަށްވުރެ ގިނަ މުސްލިމުން އަވަށްޓެރި ބަނގްލަދޭޝްއަށް އެތެރެވެފައިވާ ކަމަށް އދއިން ބުނެއެވެ. އދއިން ބުނެފައިވަނީ، ރޮހިންގްޔާ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ރާހައިން ސްޓޭޓަށް މިޔަންމާ ސިފައިން އަރައި މިހާރު ހިންގަމުންދާ އަނިޔާވެރިކަމުގައި މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހުން ފެށިގެން ބަނގްލަދޭޝްއަށް އެތެރެވާ މުސްލިމުން ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހަކީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން އެތެރެވި ދުވަސް ކަމަށެވެ. އެ ދުވަހު އެކަނިވެސް 37،000 މީހުން އެތެރެވެފައިވާ ކަމަށް ބުނެފައި ވެއެވެ.