އެއީ އެމީހުން އުފަންވި އަމިއްލަ ފަސްގަނޑު ދޫކޮށް ނިކަމެތިކަމާއެކު ފިލައިގެން ދާންޖެހިފައިވާ ބައެކެވެ. އެމީހުންގެ އުފަން އަމިއްލަ ވަޒަނުގައި ރައްޔިތެއްގެ ދަރަޖަވެސް ދޭން ސަރުކާރުން ދެކޮޅުހަދާ ބައެކެވެ. އެއީ، ދުނިޔެއަށް އައި ބައެއްކަން ނުވަތަ ދުނިޔޭގައި އުޅޭ ބައެއްކަންވެސް ގަބޫލުކުރަން ބަޔަކު ދެކޮޅު ހަދަމުންދާ، ނާމާންކަމާއި ބިރުވެރިކަމާއި ނިކަމެތި ކަމުގައި އުޅެމުންދާ ދަރިކޮޅެއްގެ ބައެކެވެ. އެމީހުންގެ ތާރީޚެއް ވާކަންވެސް ގަބޫލުކުރަން ބަޔަކު ދެކޮޅުހަދާ ބައެކެވެ.

މީހުންނާއިނދެ ދަރިން ހޯދުމުގެ ހައްގުވެސް އެމީހުންގެ ކިބައިންވަނީ ނިގުޅައިގެންފައެވެ. ތައުލީމާއި ބޭސްފަރުވާ ލިބުމާއި، ދިރިހުރުމުގެ ހައްގުންވެސް އެމީހުންވަނީ މަހްރޫމް ކޮށްފައެވެ. އޮތީ ހަމަ އެންމެ މަގްސަދެކެވެ. ރޮހިންގާ ދަރިކޮޅުގެ ވަސް މިޔަންމާގެ ބިމުންވެސް ފޮހެލުމެވެ.

މިއީ، މިޔަންމާއޭ ކިއުނު ގައުމުގެ ދެކުނުގައި އާބާދުވެފައިވާ ރޮހިންގާ ދަރިކޮޅުގެ މީހުންގެ ވާހަކައެވެ. މިއީ، މިޔަންމާގެ ބުދިސްޓުންގެ އިންތިހާ ދަރަޖައިގެ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހިފައިވާ މުސްލިމު އަޚުންގެ ވާހަކައެވެ.