މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުން ވެފައިވަނީ މުޅި ދުނިޔޭގައިވެސް އެންމެބޮޑު އަނިޔާވެރި ކަމަކާ ކުރިމަތިލާންޖެހިފައިވާ ނަސްލަށެވެ. އަދި އެއީ، ދުނިޔޭގައި ދިރިތިބީންގެ ތެރެއިން ގައުމަކަށް ނިސްބަތް ނުވާކަމަށްބުނެ ދުނިޔޭގައި އެކަހެރިކޮށް ނިކަމެތިކޮށްފައިވާ އެންމެ ބައިގިނަ ނަސްލުގެ މީހުންވެސްމެއެވެ.

ރޮހިންގާ މުސްލިމުންނާމެދު މިޔަންމާއިން ހިންގަމުން ގެންދާ ކަތިލުމާއި، މުސްލިމުން ދިރިއުޅޭ އަވަށްތައް އެކަށް އެންދުމާއި، ޖަމައީގޮތެއްގައި އަންހެނުންގެ އިއްފަތް ފޭރުމާއި، ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރިކަން ހުއްޓާލުމަށް މުޅި ދުނިޔެއިން ގޮވާލަމުންދާ ގޮވާލުންތައް އިތުރުވެ އޭގެ އަޑުތައް ގަދަވެފައި ވީނަމަވެސް، މުސްލިމުންގެ ހާލަތަށް އެއްވެސް ބަދަލެއް އަންނަމުންދާ ތަނެއް ނުފެނެއެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު ރޮހިންގާ މުސްލިމުންގެ ހާލަތު ހައްތަހާ ދަނީ ގޯސްވަމުންނެވެ.

ސަބަބަކީ، ހަތިޔާރު އެޅި ކުޑަ ގްރޫޕަކުން މިޔަންމާގެ ސަލާމަތީ ބާރުތަކަށް ހަމަލާ ދިންކަމަށްބުނެ އޭގެ ބަދަލު ހިފުމުގެގޮތުން މިޔަންމާ ސިފައިން ރާހައިން ސްޓޭޓަށް އަރައި އެއްވެސް ގޮތެއްފޮތެއް ނުބަލައި މުސްލިމުން މަރައި، ގެދޮރު އަންދަމުން ގެންދާތީއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވެސް ގެންދަނީ މިކަން މިގޮތަށް ހާމަކުރަމުންނެވެ.