އަހަރެންގެ ނަމަކީ ހާޝިމްއެވެ. އުމުރަކީ 12 އަހަރެވެ. މިހާރު މިހިނގަމުންދާ ކަންތައްގަނޑު ފެށުމުގެކުރިން އަހަރެން އުޅުނީ ސްކޫލްގައެވެ. އަހަރެން އެންމެ ކިޔަވާ ހިތްވާ މާއްދާއަކީ އިނގިރޭސިއެވެ. ސަބަބަކީ، އަހަންނަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގިއްޖެނަމަ ދުނިޔެއާ މުއާމަލާތްކޮށް އަހަރެމެންގެ އުދާސްތައް ދުނިޔެއާ ހިއްސާކުރުމަށް މަގުފަހިވާނެ ކަމަށް ގަބޫލުކުރެވޭތީއެވެ. ކިޔެވުމަށް އަދިވެސް ފުރުސަތު ލިބޭނޭ ކަމަށް އަހަރެން އުންމީދުކުރަމެވެ. އަހަރެން ބޭނުންވަނީ ޓީޗަރަކަށްވާށެވެ.

އަހަރެމެންގެ އަވަށަށް ސިފައިން ވަދެގަތުމުން އަހަރެމެންނަށް ޖެހުނީ ގެދޮރުދޫކޮށް ފިލައިގެންދާށެވެ. އަހަރެމެންގެ އަވަށް ވަދެގަތް ވަރަށް ގިނަ ސިފައިން އަހަރެން ދުށީމެވެ. 100 ނުވަތަ 200 ވަރަކަށް ސިފައިން އޭގެ ތެރޭގައި އުޅޭނެއެވެ. އެމީހުން ދިޔައީ ގޮތެއްފޮތެއް ނުބަލައި އަހަރެމެންނާ ދިމާއަށް ބަޑިޖަހަމުންނެވެ. އަދި ގެދޮރުގައި ހުޅުޖަހައި އަންދަމުންނެވެ. އަހަރެން ހުރީ ވަރަށް ބިރުންނެވެ.

އަހަރެމެން ފިލައިގެން ދިޔައީ ޖަންގަލި ތެރެއަށެވެ. ޖަންގަލި ތެރެއިން އަހަރެމެން ހިނގާފައި ދިޔައީ ބަނގްލަދޭޝްއާވީ ދިމާއަށެވެ. ބަނގްލަދޭޝްއާ ހަމައަށް ދިއުމަށް 13 ދުވަސް ނެގިއެވެ. ޖަންގަލީ ތެރޭ ހިނގަމުންދިޔައިރު ބައެއް ފަހަރު ނިދުމަށްޓަކައި ގަސްތަކުގެ ތެރޭގައި މަޑުވެސް ކުރީމެވެ.

އެއީ ވަރަށް އުނގޫ ދަތުރެކެވެ. އެދަތުރުގައި ކުދި ކޯރުތަކާއި ބިޔަ ފަރުބަދަތައްވެސް ހުރަސްކުރާން ޖެހުނެވެ. އަހަރެމެން ޖަންގަލި ތެރޭގައި ހިނގަމުންދިޔައިރު ސިފައިންގެ ކުރިމަތީގައި ޖެހިދާނެތީ އަބަދުވެސް ހިތުގައި ބިރުވެރިކަން އުފެދިފައިއޮތެވެ. ބަނގްލަދޭޝް އިމާ ހަމައަށް ދިއުމުގެކުރިން ވިސްނާންޖެހުނު އެހެންކަމެއްވެސް އޮތެވެ. އެއީ، ސިފައިން ބިމުގައި ބޮންތައް ވަޅުލާފައި ހުންނާތީ އެއިން ސަލާމަތްވުމެވެ. އެއިން ބޮމެއްގެ މައްޗަށް އެރިއްޖެނަމަ އޭތި ގޮވާނެތީއެވެ.

އަހަރެން ދިރިއުޅެމުންދިޔަ އަވަށާމެދު މިހާރު ވަރަށް ހިތާމަކުރަމެވެ. ސަބަބަކީ އެ އަވަށެއް މިހާރަކު ނެތެވެ. އަހަރެމެން ފިލައިގެން އަވަށުން ނުކުތްއިރު އެއްވެސް އެއްޗެއްވެސް ގެނެވޭ ގޮތެއްނުވިއެވެ. ސިފައިން އަވަށް އަންދާލުމުން އެހުރިހާ އެއްޗެއް ގެއްލުނީއެވެ.