އަހަރެންގެ އުމުރުން މިވީ 24 އަހަރު ދުވަހު އުޅެން ޖެހިފައިމިވަނީ ރާޚައިން ސްޓޭޓޭ ކިޔުނު މާސިންގާ ބިޔަ ޖަލުގައި އަސީރެއްގެގޮތުގައެވެ.

އަހަރެން އުފަންވީ މިޔަންމާއަށެވެ. އަހަރެންގެ މައިންބަފައިން އުފަންވީވެސް މިޔަންމާއަށެވެ. އެކަމަކު އަހަރެން އުފަންވުމުގެ ކުރިންވެސް ރައްޔިތެއްގެ ދަރަޖަ އަހަރެންގެ ކިބައިންވަނީ ނިގުޅައިގެންފައެވެ.

މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅުމާއި، ތައުލީމު ހާސިލްކުރުމާއި، ސިއްހީ ޚިދުމަތް ލިބިދިގަތުމުން އަހަރެންވަނީ މަހްރޫމް ކޮށްފައެވެ. ހަމައެކަނި ސަބަބަކީ އަހަރެން ވަކި ނަސްލަކަށް ނިސްބަތްވުމެވެ.

ސަރުކާރުގެ ވަޒީފާއެއް އަދާކުރުން އަހަރެންނަށް މަނައެވެ. މަތީ ތައުލީމު ހާސިލްކުރުމުގެ ހައްގު އަހަރެންގެ ކިބައިންވަނީ ނިގުޅައިގެންފައެވެ. ވެރިރަށް ޔަންގޫންއަށް ޒިޔާރަތް ކުރުންވެސް ވަނީ މަނާކޮށްފައެވެ. ނުވިތާކަށް ރާޚައިން ސްޓޭޓްގެ އުތުރަށް ދަތުރުކުރުންވެސް އޮންނަނީ ހުއްޓުވާފައެވެ.

މިއީ، ދުނިޔެމަތީގައި ބަޔަކަށް ކުރިމަތިވާނެ އެންމެބޮޑު ތަފާތުކުރުމެވެ. މިހުރިހާކަމެއް ކުރިމަތިވެފައި މިވަނީ އަހަންނަކީ ރޮހިންގާ ދަރިކޮޅުގެ މީހަކަށްވުމުންނެވެ. ރޮހިންގާ މުސްލިމަކަށްވާތީއެވެ.

އިންސާނުންނަށް ބޭނުންވާނެ އެންމެ އަސާސީ ޚިދުމަތްވެސް މިޔަންމާގައި އަހަރެމެންނަށް ނުލިބޭތާނގައި، ކޮންމެ ދުވަހަކުހެން ރޮހިންގާ ނަސްލުގެ މީހުން މިޔަންމާގައި ގެންދަނީ މަރަމުންނެވެ. އެންމެންގެ ކުރިމަތީގައި ރެއާއި ދުވާލު ގެންދަނީ ބަޑިޖަހައި މުސްލިމުން މަރަމުންނެވެ. އެމީހުންގެ ގެދޮރުގައި ހުޅުޖަހައި އަންދައި، ގެންދަނީ މަގުމަތި ކުރަމުންނެވެ. އަހަރެމެންނަކީ އަނިޔާވެރި ޖައްބާރު ދައުލަތެއްގެ ޝިކާރައަކަށް ވެފައިވާ ބައެކެވެ.