މިޔަންމާގެ ސަލާމަތީ ބާރުތަކުގެ ހިމާޔަތުގައި ތިބެ ހަރުކަށި ބުދިސްޓުން 2012 ވަނަ އަހަރުގެ ފަހުކޮޅު އެތައްހާސް ރޮހިންގާ މުސްލިމުން ކަތިލިއެވެ. މިއީ، މިޔަންމާގެ ބުދިސްޓުން އެގައުމުގެ މުސްލިމުންނާ ދެކޮޅަށް މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ގަތުލުއާންމެވެ. އެކަމުގެ ތެރޭގައި 140،000 މުސްލިމުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ފިލައިގެން ދާން ޖެހުނެވެ.

ނިމިގެންދިޔަ 2016 ވަނަ އަހަރުވެސް ރޮހިންގާ މުސްލިމުންނަށް ބުދިސްޓުންގެ މިފަދަ ލާއިންސާނީ އަމަލުތަކާ ކުރިމަތިލާން ޖެހުނެވެ. މިފަހަރު ބުދިސްޓުންނާއެކު މިޔަންމާ ސިފައިންނާއި ފުލުހުންވެސް ބައިވެރިވިއެވެ. މުސްލިމް ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ނުބަލައި މުސްލިމުންގެ ގަޔަށް ބަޑިޖެހުމާއި، ޅަދަރިންނާއެކު އާއިލާތައް ކަތިލުމާއި، ޅަދަރިންގެ ކުރިމަތީގައި އެކުދިންގެ މައިންބަފައިންނާއި އާއިލާތައް ބޯ ކަނދުރާއިން ވަކިކުރުމާއި، ކަނޑިއާއި ހަންޖަރުފަދަ ތަކެތި ބޭނުންކޮށްގެން މުސްލިމުން ކޮށައި، ދިރިތިއްބައި އަންދައި ހެދިއެވެ.

"އަރަކާން ރޮހިންގާ ސެލްވޭޝަން އާރމީ، އޭ.އާރް.އެސް.އޭ" ގެ ނަމުގައި ރޮހިންގާ މުސްލިމް ކުޑަ ގްރޫޕަކުން މިދިޔަ އަހަރު ތެދުވީ އަމިއްލަ ނަފުސާއި، އާއިލާއާއި، ރޮހިންގާ މުސްލިމް ނިކަމެތީންގެ ފުރާނައިގެ ދިފާއުގައި މިޔަންމާގެ ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށެވެ. އެނޫން އެހެން އެއްވެސް ބޭނުމެއްގައެއް ނޫނެވެ. މިގްރޫޕްގެ ލީޑަރަކަށް ހުންނަނީ އަތާއުﷲ ނަމަކަށްކިޔާ މީހެއް ކަމަށް ވެއެވެ.