އެ ތުއްތު ކުއްޖާ މިޔަންމާއިން ފިލައިގެން ބަނގްލަދޭޝްއާ ހަމައަށް ދިޔައީ، މިޔަންމާ ސިފައިންގެ އަނިޔާވެރިކަމަށް ފިލައިގެންދާ އެހެން މީހުންގެ ފަހަތުން ހިނގައި، އެހެންމީހުންދާ މަގުތައް ބަލައިގެންނެވެ.

އޭނާ ފައިމަގުގައި ދިޔައީ އޭނާ ދުވަހަކުވެސް ލޮލުން ނުދެކޭ، ނުވެސް ދަންނަ މީހުންނާއެކުގައެވެ. އެގޮތުން، ބީރަށްޓެރި އެތައް އަވަށަކާއި، އެތައް ކޯރަކާއި، ފަރުބަދަތަކާއި ބިޔަ ޖަންގަލިތައް ހުރަސްކޮށް އެކުއްޖާ ބަނގްލަދޭޝްއާއަށް ދިޔައިރު އެތާނގައި އޭނާގެ އާއިލާގެ ބަޔަކުވެސް ނެތެވެ. ދަންނަ ބަޔަކުވެސް ނެތެވެ. ނުވިތާކަށް ބަނގްލަދޭޝްއަށް އެތެރެވުމަށްފަހު ދާނޭ ދިމާއެއްވެސް އޭނާއަކަށް ނޭނގުނެވެ.

އެ ކުޑަކުއްޖާއާއެކު ފިލައިގެންދިޔަ މީހުންގެ ތެރޭގައި ހިމެނުނު ބައެއް އަންހެނުން އޭނާ ކުރެން ބައިންބަފައިން ކޮބައިތޯ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އެމީހުން ވީތަނެއް ނޭނގޭ ކަމަށެވެ. މައިންބަފައިން ވީތަނެއް ނޭނގޭ ކަމަށް އެކުއްޖާ ބުނުމުން އޭނާއާއެކު ހުރުމަށް އެތަނުން އަންހެނަކު އެދުނެވެ. އަމިއްލަ ދަރިއެއް ފަދައިން ބަލައިދޭނޭ ކަމަށްވެސް އެ އަންހެންމީހާ ބުންޏެވެ. އެހެން، އޭގެފަހުން އެ ފިރިހެން ކުއްޖާ ބަނގްލަދޭޝްއާ ހަމައަށް ދިޔައީ އެ އަންހެންމީހާއާ އެކުގައެވެ.