ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިދައުވަތާ ގުޅިގެން ރައީސް ޔޫއޭއީ ފުރާވަޑައިގެންނެވީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި ޔޫއޭއީއަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަޑައިގެންނެވި އެވެ.

ރައީސް ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި ޔޫއޭއީގައި އިސްވެރިންނާ އެކު މުހިއްމު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްފަހު ހަތަރު ދާއިރާއަކުން އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާފައިވެ އެވެ.

ޔޫއޭއީ އަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންދާ ގައުމެކެވެ. އެގޮތުން ރާއްޖޭގެ ތަރައްގީއަށް އެގައުމުން މިހާތަނަށް 400 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

މީގެއިތުރުން މިހާރު ތަަރައްގީކުރަމުން ގެންދާ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ކޮށްފައިވަނީ ދުބާއީގެ ކުންފުންޏަކުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔޫއޭއީ އެކު ދިވެހި ސަރުކާރުން ސިޔާސީ ގުޅުން ގާއިމުކުރީ 1978 ވަަނަ އަހަރު އެވެ.