އިސްލާމް ދީނަށް ފުރައްސާރައާއި މަލާމަތްކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާ ދިވެހިންނަށް ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ ބައެއް ދިވެހިން ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ދިވެހި ބަހުން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އާންމުވަމުންދާތީ އެކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި ބައެއް މީހުން ވާހަކަދައްކަނީ ކަންކަމުގައި ދީނުގައި އޮންނަ ގޮތުގެ ހުކުމްތައް އޮޅުވާލައިގެން ކަމަށްވާތީ އެފަދަ މައްސަލަތައް ވެސް މިނިސްޓްރީން ބަލާނެ ކަމަށްވެސް ވިދާޅުވި އެވެެ.

މިނިސްޓަރު ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން އެފަދަ ފަރާތްތަކުން ހިންގާ ގުރޫޕްތަކާއި ޕޭޖްތައް ހުއްޓުވާނެ ކަމަށެވެ. އަދި އެފަދަ މީހުންނަށް ރަނގަޅު ހިއްސާކުރުމަށްޓަކައި ގޭގެއަށް ގޮސް އެމީހުންނާ ބައްދަލުކޮށް އެމީހުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.