ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދުގެ ކޮއްކޮ އާދަމް ޒާލިފް ހައްޔަރުކޮށް ސުވާލުކޮށްފައިވަނީ ހެކި ނައްތާލުމުގެ ތުހުމަތުގައި ކަމަށް އޭނާގެ ގާނޫނީ ވަކީލް ވިދާޅުވެއްޖެ އެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޒާލިފްގެ ގާނޫނީ ވަކީލް ވިދާޅުވީ ފުލުހުން މީގެ ހަފްތާއެއް ކުރިން ޒާލިފްއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަަމަށެވެ.

ވަކީލް ވިދާޅުވީ ފުލުހުން ޒާލިފްއާ ސުވާލުކޮށް ބަޔާން ނެގީ ގާނޫނުއުގޫބާތުގެ 530 ވަނަ މާއްދާއާއި 533 ވަނަ މާއްދާގައި ބުނާ ފަދަ ކުށެއް ކުރުމުގެ ތުހުމަތުގައި ކަމަށާއި ނަމަވެސް ފުލުހުން ބުނާ ފަދަ ކުށެއް ކުރައްވާފައި ނުވާ ކަމަށް ޒާލިފް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

"ޒާލިފް ވަނީ ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައި. ނަަމަވެސް ފުލުހުން ކުރާ ތުހުމަތަށް ޒާލިފް އިންކާރުކުރައްވާ،" ވަކީލް ވިދާޅުވި އެވެ.

ހެކި ނައްތާލުމުގެ ތުހުމަތު ފުލުހުން ޒާލިފްގެ މައްޗަށް ކުރަނީ ޒާލިފްގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ގެންގުޅުއްވާ މޯބައިލް ފޯނެއް ފުލުހުންނަށް ފެނިފައިވާތީ ނުވާތީ ކަމަށްވެސް ވަކީލް ވަނީ ވިދާޅުވެފަ އެވެ.

އިލްހާމްގެ އަނބިކަނބަލުން މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިކުރުމުން އޭނާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ޒާލިފް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން އެ ދުވަހު ފުލުހުން ވަނީ ޒާލިފްގެ ފޯން އަތުލާފަ އެވެ. އަދި އޭގެ ފަހުން ފުލުހުން ޒާލިފް ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ފުލުހުން މީގެ ކުރިން ވަނީ އިލްހާމްގެ ފޯން ހޯދުމަށްޓަކައި އިލްހާމް ދިރިއުޅުއްވާ ގެއާއި ޒާލިފް ދިރިއުޅުއްވާ ގެ ވެސް ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް މި ދެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެ އެވެ.

ފުލުހުން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަަނަ ދުވަހު އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުން އެ ދުވަހު އިލްހާމް ހައްޔަރުކޮށް، ރިޝްވަތުގެ ތުހުމަތާއި، ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުކޮށްފަ އެވެ.

އިލްހާމާއި ޒާލިފް ހައްޔަރުކުރި ދުވަހުން ފެށިގެން މި ދެ ބޭފުޅުން ވެސް ތިއްބެވީ ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފަ އެވެ.