(06 މެއި 2017 އާ ގުޅޭ)

"އެހެންވެޔޭ އެ ވާހަކަ ނުފަށަން އުޅުނީ" އަހަރެން ބުނީމެވެ.

"އެ ވާހަކަ ނުފަށާ މިހެން ތިބޭތީއޭ މައްސަލައަކީ. ކޮންމެވެސް ބަޔަކު މި ވާހަކަ ދައްކަން ވެއްޖެއެއްނު. މި ރަށަކީ ހަމައެކަނި މާޒީއަށް ގެންދަން އޮތް ތަސްވީރެއް ނޫނިއްޔަ. ގައިމު މިއީ އެތައް ބަޔަކު ދިރިއުޅުނު އެތައް ހަނދާންތަކެއް ވަޅުލެވިފައިވާ ލޮބުވެތި ފަސްގަނޑެއް. ކީއްވެތަ އަހަރެމެންނަށް ނުވިސްނުނިގެން މި އުޅެނީ؟" ހަސަންބެގެ ޝަކުވާ ވީ އިތުރެވެ.

"މައްސަލައަކީ އަހަރެމެން ބޭނުންވާ ގޮތް އަހަރެމެންނަށް ނޭނގުން. އެ އިޚުތިޔާރު އަހަރެމެން ދޫކޮށްލުން. އަހަރެމެންގެ ކަންކަން އެހެން ބަޔަކު ބޭނުންވާ ގޮތަށް ނިންމުމަށް ފުރުޞަތު ދިނުން" އަހަރެންނަށް ގަބޫލުކުރެވުނު ގޮތް އަހަރެން ހިއްސާކުރީމެވެ.

"ތިއީ ވެސް މައްސަލައެއް. އެކަމަކު މަށަށް ގަބޫލުކުރެވެނީ ގިނަ ބަޔަކު ވަކި ފިކުރެއް ދަށުވެފައި ތިބިތިބުން. އެ މީހުން ބުނެފިއްޔާ ހެޔޮ ކޮންމެ ކަމެއްވެސް. ހަމަ ކުރަންވީ" ހަސަންބެގެ ޚިޔާލު ތަފާތުވި ނަމަވެސް އަހަރެންގެ ވާހަކަތަކާ ދެކޮޅެއް ނުހަދައެވެ. އެ ޖޯލިފަތީ އިނދެ އެތައް ވާހަކައެއް ދެއްކުމަށްފަހު އަހަރެން ހިނގައިގަތީ ގެއާ ދިމާއަށެވެ. އެއީ ހައްލެއް އޮތް ކަމެއް ނޫންކަމަށް ބުނެފައެވެ.

ގެއަށް އައިސް ވަންތަނާ ކާފަ ދަރިފުޅު ދުވެފައި އައިސް އަހަރެންނާ ވާހަކަދައްކަން ފެށިއެވެ.

"މި އޮތީ ކާފައަށް އައިސްފައި އޮތް ދައުވަތެއް" ތޭރަ އަހަރަށްދާ އަންހެން ދަރިފުޅު އޭނާގެ އަތުގައި އޮތް ފޯނު ދިއްކޮށްލަމުން ބުންޏެވެ.

"ކީކޭތަ ތީގައި އޮތީ؟ ދަރިފުޅު ކިޔައިދީބަލަ ކާފައަށް" އަހަރެން ޖެއްސީ ދަރިފުޅަށް އިތުރު މަސައްކަތެކެވެ.

"މީގައި އޮތީ.. ޒުވާނުންގެ ގޮފިން ބާއްވާ ވަރަށް ޚާއްޞަ ބައްދަލުވުމަކަށް ރަށުގެ ދޮށީ ޢުމުރުގެ ހުރިހާ ބޭފުޅުން ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. ތަން. ސުކޫލު ގޯތިތެރެ. ގަޑި ފޯ ތަރޓީ" ގަނޑުކޮޅުގައިވާ ލިޔުން ކޮޅު ކޮށަމުން ކަހަލަ ގޮތަކަށް ދަރިފުޅު ކިޔައިދިނެވެ.

"ދަރިފުޅު މިހާރު އެބަ މޮޅުވޭ. ތާނަ ކިޔަން ވެސް އެބަ ފަރިތަވޭ" ދިވެހި ކިޔުން ކޮށި، ދަރިފުޅަށް އަހަރެން ހިތްވަރުލައިދިނީމެވެ.

"ކާފަ ދާނަންތަ ހަވީރު؟" ދަރިފުޅު ސުވާލުކުރީ އަހަރެންނާއެވެ.

"ދާންވާނެއްނު ކާފަ ވެސް" އަހަރެން ޖަވާބުދިނީ ދެ ފިކުރެއްގައި ހުރެއެވެ. ނުދާނެވާހަކަ ބުނެފިނަމަ އިތުރު ސުވާލުތަކެއް ދަރިފުޅު ކުރާނެކަން އެނގޭތީއެވެ.

"އެންމެ ފަހުން ދުވަހަކު ވެސް ކާފަ ދާނަމޭ ބުނީމެއްނު. އެކަމަކު އެދުވަހު ވެސް ކާފައެއް ނުދަމެއްނު" އެންމެފަހުން ޒުވާނުގެ ގޮފިން ބޭއްވި ބައްދަލުވުމަށް އަހަރެން ނުދާކަން ދަރިފުޅު ހަނދާން ކޮށްދިނެވެ.

"އެ ދުވަހު ވީގޮތަކީ ކާފަ ކުޑަކޮށް ބަލިވީ. އެހެންވީމާ ނުދެވުނީ" އެ ބައްދަލުވުމަށް ނުދެވުނު ސަބަބު އަހަރެން ބުނީމެވެ.

"ކާފަ ބުނަމެއްނު އެ ކަހަލަ ބައްދަލުވުންތަކަށް ކާފަ ދާހިތެއް ނުވެޔޭ. ދެން ކީއްވެ ކާފަ ދާން ތި ބުނަނީ؟" ދަރިފުޅު އަނެއްކާ ވެސް ކުރީ ސުވާލެކެވެ. ޖަވާބެއް ނުދީފިނަމަ އިތުރު ސުވާލުތަކެއް ދަރިފުޅުކުރާނެއެވެ. އެހެންވެ އަހަރެން ޖަވާބުދިނީ ވަރަށް ވިސްނާފައެވެ.

"ރަށުގެ ފައިދާއަށްޓަކައި ކުރާ ކަންކަމުގައި ކޮންމެ މީހަކުވެސް ބައިވެރިވާން ވާނެ. އެހެން ނޫންނަމަ ރަށަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ"

"އެއް ކަހަލަ ދުވަހެއްނު ކާފަމެން ދެއްކީ ޒުވާނުންގެ ޖަމިއްޔާއިން ކުރާ ކަންތައްތައް ރަނގަޅު ނޫން ވާހަކަ. އެ މީހުން ވެސް ރަށާމެދު ނުވިސްނާ ވާހަކަ. ދެން ކީއްކުރަން އެ ތަނަށް ކާފަ ދަނީ؟" ދަރިފުޅު ކުރި ސުވާލުން އެ ދަރިފުޅު އެތައް ވާހަކައެއް އަޑުއަހާފައި ހުރިކަން ޔަގީންވިއެވެ. އަދި އެ ވާހަކަތައް ހަނދާނުގައި ހުރިކަން ވެސް ޔަގީންކުރެވުނެވެ.

"ދަރިފުޅު ވެސް މިހާރު އެ ކަހަލަ ވާހަކަތައް އަޑުއަހަނީ ދޯ؟ އެއީ ބޮޑެތި މީހުން ދައްކާ ޒާތުގެ ވާހަކަތައް. ދަރިފުޅުމެން އެ ކަހަލަ ވާހަކަތައް އަޑުއަހާކަށް ނުވާނެ" ހިނިތުންވުމަކާއެކު އަހަރެން ބުނީމެވެ.

"އެ މީހުންވެސް ރަނގަޅު ކަންކަން ކުރޭ. އެކަންކަމަށް ކާފަމެން އެއްބާރުލުން ދޭންޖެހޭނެ. އެހެން ނޫންނަމަ އެއްވެސް ކަމެއް ރަނގަޅަކަށް ކުރިއަކަށް ނުދާނެ" އަހަރެނަށް ދެއްކިފައިވާ ވާހަކަތަކުގައި މަތިޖެހުމަށް އިތުރު ވާހަކައެއް ބުނަމުން އަހަރެން ހިނގައިގަތީ ކޮޓަރިއަށެވެ.

(ނުނިމޭ)