(10 މެއި 2017 އާ ގުޅޭ)

އަހަރެންނަކަށް ނުއިނދެވުނެވެ. ކޮޅަށް ތެދުވެވުނެވެ.

"އަޅުގަނޑަށް ހީވަނީ މި ރަށާމެދު އިތުރަށް ވިސްނާލަން ވެއްޖެހެން. މިހާރު މިއީ ކުރީގެ މި ރަށެއް ނޫން. އިހު އަޅުގަނޑުމެން އުޅުނު ރަށެއް ނޫން" އަހަރެން ވަހަކަދައްކަން ފެށުމާއެކު މުޅިތަނުގެ އަޑު މަޑުވިއެވެ. ކުދިކިޔަމުން ދިޔަ މީހުންގެ އަޑުކެނޑިގެން ދިޔައެވެ.

"ހަގީގަތުގައި މި ވާހަކަދައްކަން މާ ލަސްވެއްޖެ. އެހެން ނަމަވެސް ނުދައްކާ ނުހުރެވިގެން މި ދައްކަނީ. މި ރަށަދެކެ ލޯބިވާތީ، މި ރަށަށް ހެޔޮ އެދޭތީ ހަމަ ދައްކަނީ" ވާހަކަ ފެށުމަށްޓަކައި އަހަރެން މަގު ފަހިކުރީމެވެ.

"މިއީ ގުދަރަތީ ރީތިކަން އިންތިހާ ލިބިފައިވާ ރަށެއް. އެ ރީތިކަން މިއަދު އެބަ ފެނޭތަ؟ އެ އުފާވެރިކަން އަހަރެމެންނަށް އެބަ ލިބޭތަ؟ އެ ހިތްހަމަޖެހުން މި ރަށުގެ ރައްޔިތުންނަށް އެބަ ލިބޭތަ؟" އަހަރެން ސުވާލުކުރީމެވެ. އަޑަށް ލެވުނުހާ ބާރެއް ލާފައެވެ.

"ނުލިބޭ. ރަށުގެ ހީމޭންކަން އެ ވަނީ މަތިންދާ ބޯޓުގެ އަޑުފައްގަނޑުން ގެއްލިފައި. ރަށުގެ މަގުތަކުގެ ގުދުރަތީ ގޮތް އެވަނީ އެތުރިފައިވާ ގާތަކުން ފޮރުވިފައި. ވަށައިގެންވާ މޫދު އެވަނީ އެހެން ބަޔެއްގެ މިލްކަކަށް ހަދައިދީފައި. ދޮންވެލި ތުނޑި އެ ވަނީ އެހެން ކިރުދޫނިތަކެއްގެ ހާއްޔަކަށް ހަދައިދީފައި. އަޅުގަނޑުމެންނަށް އޮތީ ކޮން އެއްޗެއް؟ ހަމައެކަނި ފައިސާ. ފައިސާ. ފައިސާ. އަޅެ ބުނެބަލަ ގުދުރަތުގެ އުފާ އެ ފައިސާއިން ގަނެވޭނެތަ؟ ސާފު ވަޔާއި މި ވެށީގެ ހިމޭންކަން އެ ފައިސާއިން ލިބިދާނެތަ؟ އަޅުގަނޑުމެން ވެސް ވީ އެއަށް އަގު ދައްކަންތަ؟" އެ ވާހަކަތަކާއެކު އަހަރެންނާ ބައިވެރިވާނެ އެތައް ބަޔަކުވިއެވެ. އަހަރެންގެ ވާހަކަތަކަށް އެއްވެ ތިބި އެންމެން ކަހަލަ ގޮތަކަށް އަތްޖަހަން ފެށިއެވެ. އަހަރެން ދެއްކީ ތެދު ވާހަކަތަކެއްކަން ގިނަ ބަޔަކު ގަބޫލުކުރިއެވެ.

"މިއީ އަހަރެންގެ ޚިޔާލު. ގޮތް ނިންމަން މިއަދު ތިބީ ތިޔަ ޒުވާނުން. ޒުވާނުން ބޭނުން ގޮތެއް ހެދިދާނެ. އެކަމަކު މިއަދު ނުކުރިކަމެއް މާދަމާއަކު ނުކުރެވޭނެ. މިއަދު ނުވިސްނައިފިނަމަ މާދަމާ ވިސްނުނަސް އެކަންކަން ކުރަން އުނދަގޫވާނެ" އެހެން ބުނުމަށްފަހު އަހަރެން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. އަހަރެން ބޭނުންވީ އެ ތަނުގައި މަޑުނުކުރާށެވެ. އަހަރެންގެ ފަހަތުން އެތައް މީހަކު އެ ޖަމާއަތުން ނުކުތެވެ. އެ ބައްދަލުވުމަށް ވީގޮތެއް އަހަރެންނަކަށް ނޭނގެއެވެ.

ދެ ނަމާދު ދޭތެރޭ އަހަރެން ކިޔަވަން އިންދައި ދޮށީ އަންހެން ދަރިފުޅު ސިޓިންރޫމަށް ވަނެއެވެ.

"ބައްޕަ މިއަދު ހާދަ ރުޅިއައީ. މުޅި ރަށުގައި އެ ދައްކަނީ އެ ވާހަކަ. އަހަރެން މި ހުންނަނީ ބިރުން" ދަރިފުޅު ބޭނުންވީ ކަންހިނގި ގޮތް އޮޅުން ފިލުވާންކަން އަހަރެންނަށް އެނގުނެވެ.

"އެ ކަހަލަ ކަންކަން ހިނގާނެ. ދަރިފުޅު އެހައި ބޮޑަށް އަޅައިނުލައި" އަހަރެން ބުނީމެވެ.

"އެކަމަކު ބައްޕައަށް ވެސް އެނގޭނެ ދޯ ކަންތައްތައް ވާގޮތް. ތި ގޮތަށް ބައްޕަ ވާހަކަދެއްކީމާ ޒުވާނުން ހީކުރާނީ ކީކޭ؟ އެ މީހުން ކުރަން ބޭނުންވާ ކަންކަމަށް ހުރަސް އަޅާ މީހަކަށް ބައްޕަ ވީމަޔޯ؟ އަނެއްކާ ބައްޕަ ނުކުތީ އެތާ ތިބި މީހުންތައްވެސް ގޮވައިގެންނޭ ބުނާތީ އިވުނު. އެއީ ތެދެއްތަ؟" ދަރިފުޅު ސުވާލުކުރިއެވެ.

"ނޫން ބައްޕަ ނުކުތީ އެކަނި. ބައްޕަ ފަހަތުން ބަޔަކު ނުކުތީ. އެއީ ބައްޕަ ކުރާނެ ކެމެއް ނޫނެއްނު" އަހަރެން ޖަވާބުދިނީމެވެ.

"ދެން ބައްޕަ ވެސް ދޯ؟ ބުނަން ދެން އެފަދަ ބައްދަލުވުންތަކަށް ބައްޕަ ނުދާތި" ދަރިފުޅު އެދުނީ އެފަދަ ކަންކަމުގައި އަހަރެން ބައިވެރި ނުމަށެވެ.

"ބަލާނަން ނުގޮސްވޭތޯ. އެމީހުން ދައުވަތު ދެނިވިއްޔާ. ގައިމުވެސް ދައުވަތު ނުދެއްޏާ ނުދާނަން" އަހަރެން ޖަވާބުދިނީމެވެ. ދަރިފުޅުގެ ވާހަކައިން އަހަރެންނަށް ފާހަގަކުރެވުނީ އެކަމާ ދަރިފުޅު ވިސްނިވަރެވެ. އެމަންޖެ ކަންބޮޑުވިވަރެވެ. އަހަރެން ވެސް އެކަމާ ވިސްނާލީމެވެ. ކަންތައް ކުރެވުނު ގޮތާމެދު ފިކުރުކޮށްލީމެވެ.

ގަޑި ސޯނާވުމާއެކު އަހަރެން ތެދުވެ ފާޚާނާއަށް ވަދެ ރީތިވެލީމެވެ. ނަމާދަށް ދިއުމަށް މިސްކިތަށް ހިނގައިގަތީމެވެ. މަގުބައްތީގެ ފަނޑު އަލިކަމާއެކު ޖެހިގެން އޮތް ގޯޅިއަށް އަހަރެން އެޅިމެވެ. އެހިނދު ބަޔަކު އައިސް އަހަރެންގެ މޫނުގައި ފޮތިގަނޑެއް އެއްސިއެވެ. އަހަރެންގެ ދެ އަތުގައި ހިފާ ދަމަން ފެށިއެވެ. އެތަނުން މީހަކު ބުނާތީ އިވުނެވެ.

"އަދިވެސް އަނގަބާނާތި. އަހަރެމެންނާ ކުޅެން ނުހަދާތި. ދާން އޮތް ތަނަށް މިރޭ ދެވޭނެ" އެ އަޑާއެކު އަހަރެންގެ ބޮލަށް އެތިފަރެއް އެރިއެވެ. ވީތަދާއެކު އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ. އެކަމަކު އެ އަޑު ފޭދުނީ މޫނުމަތީގައިވާ ފޮތިގަނޑުގެ ތެރެއަށެވެ. އެއާއެކު ދެވަނަ ހަމަލާ މޫނުމައްޗަށް އެރިއެވެ. އަހަރެން މަރު އަހަރެންނާ ބައްދަލުވެއްޖެކަން ޔަގީންކުރެވުނެވެ. މޫނަށް ވަމުންދިޔަ ތަދާއެކު އަހަރެން ވެއްޓެން އުޅޭހެން ހީވިއެވެ. ނޭވާ ހާސްވާގޮތްވިއެވެ. މަންޒަރު ފުސްވާގޮތްވިއެވެ. މިއީ ދުނިޔެކަން ހަނދާންވިއެވެ. އަހަރެންނަށް ޝަހާދަތް ކިޔުނެވެ.

(ނިމުނީ)