ދަރިންނަކީ ލިބޭ ނިޢުމަތެކެވެ. އެ ނިޢުމަތް އެކި މީހުންނަށް ލިބެނީ އެކި ވަގުތުގައެވެ. އެ ނިޢުމަތުން އެކި މީހުންނަށް އުފާވެރިކަން ލިބެނީ ވެސް އެކި މިންވަރަށެވެ. ނަމަވެސް އެ އުފާވެރިކަމުގެ މިންވަރު އިތުވުމާއި ނުވުން ގުޅެނީ އެ މީހެއްގެ ހިތާއެވެ. އެ ހިތުން ހިތްހަމަޖެހުން ހޯދަން އެނގެނީ އެކަން ކުރަން އެނގޭ މީހަކަށެވެ. ނަސީމަކީ އެފަދަ ބައްޕައެކެވެ. ރާމިޒާއަކީ އެފަދަ މަންމައެކެވެ. ދެ މީހުންނަށް ދަރިއަކު ލިބުމުގެ އުފާވެރި ވަގުތު ކޮޅު، ބައްދަލު އެ ކުރަނީ ހަޔާތުގެ ދަތުރު ފެށިތާ 12 އަހަރު ފަހުންނެވެ. އިހަށް ދުވަހު ވެސް، އިއްޔެ ވެސް އަދި މިއަދު ވެސް އެ ދެމަފިރިން އެ ތިބީ އުފަލުންނެވެ. ލިބުނު ނިޢުމަތަށް ޝުކުރުވެރި ވެގެންނެވެ.
ނަސީމު ގަބޫލުކުރާ ގޮތުގައި އޭނާއަށް ލިބޭ ދަރިފުޅަކީ އޭނާގެ ޝަކުވާއެއް ނެތް ދިރިއުޅުމުގެ ފޮނި މޭވާއެވެ. ތަގުދީރަށް ރުހިގެން ހުރުމުން ދެއްވާ ހަދިޔާއެކެވެ. ރާމިޒާ ގަބޫލުކުރަނީ އެއީ ދުޢާގެ މަތިވެރިކަމެވެ. ކޮންމެ ވަގުތަކު ނަމާދަށްފަހު ކުރަމުން ދިޔަ ދުޢާގެ ބަރަކާތެވެ.
"ރާމިޒާ ވިހައިފި. އަންހެން ކުއްޖެއް. އިރާދަކުރެއްވިއްޔާ ދަރިފުޅުގެ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅު" ރާމިޒާ ވިހޭ ޚަބަރު ނަސީމަށް ދިނީ ޑޮކްޓަރެވެ. ނަސީމަށް އޭނާގެ ދެ އަތުން މޫނުގައި ހަމްދު އެޅުނެވެ. ހެއްދެވި ފަރާތަށް ޝުކުރު އަދާކުރެވުނެވެ. ފުން ނޭވާއެއް ލައި ހަމަޖެހިލެވުނެވެ.
"ރާމިޒާގެ ހާލު ކިހިނެއް" ނަސީމަށް އަހައި ލެވުނެވެ.
"ރާމިޒާގެ ހާލު ވެސް ވަރަށް ރަނގަޅު. އިރުކޮޅަކުން އެތެރެއަށް ވަދެވޭނެ" ޑޮކްޓަރު ދިން ޚަބަރާއެކު ނަސީމަށް ހުރެވެނީކީ ނޫނެވެ. އޭނާ އިންތިޒާރު ކުރަމުންދިޔައީ ދަރިފުޅާ ބައްދަލުވާނެ ވަގުތަކަށެވެ. ރާމިޒާއާ ބައްދަލުކޮށްލެވޭނެ ވަގުތަކަށެވެ.
މާ ގިނައިރުތަކެއް ނުވެ ރާމިޒާ އޮތް ރޫމަށް ނަސީމަށް ވަދެވުނެވެ. އަވަސް ފިޔަވަޅުތަކުގައި ވަން ނަސީމަށް ފުރަތަމަ ވެސް ބަލައިލެވުނީ ދަރިފުޅާ ދިމާއަށެވެ. ރާމިޒާ އޮތް އެނދާ ކައިރީގައި ބަހައްޓާފައި ހުރި ކުޑަ ކުޑަ އެނދެއްގައި ބާއްވާފައި އޮތް ދަރިފުޅާ ދިމާއަށް ނަސީމަށް ބަލައިލެވުނީ ކަރުނައިގެ ފުސްކަމާއެކުއެވެ. ނަމަވެސް އެ ފުސްކަމުގައި ވަނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ.
"ދަރިފުޅު... ދަރިފުޅާ... ބައްޕަގެ ދޫންޏާ...." ފެންކަޅިވެފައިވާ ނަސީމަށް ވާހަކަދައްކަން އުދަނގޫވި ނަމަވެސް އެ ދަރިފުޅަށް ފުރަތަމަ ފަހަރަށް ދޫންޏާއޭ ކިޔައި ގޮވާލިއެވެ.
"ވަރަށް ލޯބި ކުއްޖެއް" ދަރިފުޅަށް އިޝާރާތްކޮށް ނަރުސް ކުއްޖާ ބުނެލިއެވެ.
"މިއީ ހަމަ މަންމަ... އެއްވެސް ތަފާތެއް ނެތް" ދަރިފުޅުގެ ސިފައާމެދު ނަސީމު ޚިޔާޅުފާޅުކުރަމުން ރާމިޒާ އޮތް އެނދާ ކައިރިވެލިއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ ރާމިޒާ... އަހަރެންގެ ހަޔާތް ބާއްޖަވެރިކޮށްދިނުމަށް ތިޔަވީ ގުރުބާނީގެ އަގު އަހަރެން ދޭނެ ގޮތެއް ވެސް ނޭނގެ. އަހަރެން ވަރަށް އުފާވެއްޖެ" ނަސީމު ވާހަކަދެއްކީ އޭނާގެ ހިތުންނެވެ. ރާމިޒާގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ.
"ދަރިފުޅު ނާސަރީއަށް ގެންގޮސްލަން އެބަ. އިރުކޮޅެއް ފަހުން ދޫކޮށްލާނަން. ޑިސްޗާޖް ކޮށްލުމުގެ ކަންކަން ފުރިހަމަކުރައްވާ" ނަރުސް ކުއްކާ އެދުނީ ނަސީމުގެ ގާތުގައެވެ.
"ހާދަ އަވަހަކަށް؟" ނަސީމަށް އަހައިލެވުނެވެ.
"ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް. އެއްވެސް މައްސަލައެއް ނެތް. ދެ މައިންގެ ހާލު ވެސް ވަރަށް ރަނގަޅު. އެހެންވީމާ ޑޮކްޓަރު ވިދާޅުވީ ވީ އެންމެ އަވަހަކަށް ގެއަށް ބަދަލުކޮށްދެއްވުމަށް" ނަރުސް ކުއްޖާ ޖަވާބު ދިނެވެ.
"އަހަރެންނަށް ހީވަނީ ވިހާ ދުވަހު ފޮނުވައެއް ނުލާނެހެން. ކުއްލި ކަމެއް ދިމާ ވިޔަސް އަވަސް ހައްލެއް ހޯދޭނީ މި ތަނުގައި އޮވެގެންނެއްނު" ނަސީމު ބޭނުންވީ ހޮސްޕިޓަލުގައި މަޑުކޮށްލާށެވެ.
"ނޫން.. އަހަރެންވެސް ބޭނުންވަނީ އަވަހަށް ގެއަށް ދާން" އެނދުގައި އޮތް ރާމިޒާ ބޭނުންވާ ގޮތް އޭނާ ވެސް ހާމަކުރިއެވެ.
"އެއީ ކީއްވެ؟ އަހަރެންނަށް ފެންނަނީ އަދި މަޑުކޮށްލަން" ނަސީމު އުފެއްދި ސުވާލަށްފަހު އޭނާއަށް ފެންނަގޮތް އޭނާ ހާމަކުރިއެވެ.
"ނޫން. ނަސީމު. އަހަރެންގާތުގައި ޑޮކްޓަރު ދެއްކި ވާހަކަތަކުން އަހަރެން ވެސް ބޭނުންވަނީ އަވަހަށް ގެއަށްދާން. މިތަނަށް މާގިނަ ބަޔަކު ނުވައްދަން" ރާމިޒާ ގާތުގައި ޑޮކްޓަރު ވާހަކަތަކެއް ދައްކާފައިވަކަން ނަސީމަށް މޭރުންވާނެ ގޮތަކަށް ރާމިޒާ ވާހަކަދެއްކިއެވެ.
"އެއީ ކީއްވެ؟ އަނެއްކާ ކަމެއް ގޯސްވީތަ؟" ނަސީމަށް އަހައިލެވުނެވެ.
"އެ ވާހަކަތައް އަހަރެން ކިޔައިދޭނަން ގެއަށް ގޮސް. އެއީ އުފާވެރިކަމެއް" ނަސީމުގެ ހާސްކަން ފިލާނެ ފަދަ ގޮތަކަށް ރާމިޒާ ޖަވާބު ދިނެވެ. އެ ވާހަކަތަކާއެކު ރާމިޒާ ގެއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސިއެވެ. ރާމިޒާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމައިދިނެވެ.
ދަރިފުޅާއެކު ނަސީމާއި ރާމިޒާ ގެއަށް ވަނެވެ. ގެއިން މަރުހަބާކީ ނަސީމުގެ މަންމައާއި ބައްޕައެވެ. އެ މަންމައާއި ބައްޕަ ދުވަސްކޮޅަކަށް މާލެ ބަދަލުވީ ނަސީމުގެ އެދުމުގެ މަތީންނެވެ. ރާމިޒާއަށް އެހީތެރިވުމުގެ ގޮތުންނެވެ.
"ޑޮކްޓަރު ބުނީ ކީކޭ؟ ކޮން ވާހަކައެއް؟" ކޮޓަރިއަށް ވަދެވުމާއެކު ނަސީމު ސުވާލުކުރިއެވެ.
"ބަލާބަލަ ދަރިފުޅުގެ ލޯ؟" ރާމިޒާ އެދުނީ ދަރިފުޅުގެ ލޮލަށް ބެލުމަށެވެ.
"ކިހިނެއްވީ؟" ނަސީމަށް ކޮށްލެވުނީ ހައިރާނުގެ ސުވާލެކެވެ. އެ ސުވާލާއެކު ނަސީމުގެ ހިތުގެ ވިންދު އަވަސްވިއެވެ. އެ އަވަސްވުމާއެކު ދަރިފުޅާ ކައިރިވެލެވުނެވެ.
"ތަފާތު ލޮލެއް. ނޫ ކަޅިއެއް" ރާމިޒާ އޮޅުން ފިލުވައި ދެމުންދިޔައެވެ.
"އާނ.. ވަރަށް ތަފާތު. ހާދަ ލޯތްބޭ... އަލްޙަމްދު ލިﷲ.." ދަރިފުޅުގެ ނޫ ކަޅި ފެނުމާއެކު ނަސީމަށް ހިތުގެ ހަމްދެއް އެޅުނެވެ. އެ ރީތިކަމަށް ޝުކުރު ކުރެވުނެވެ.
(ނުނިމޭ)