(15 މެއި 2017 އާ ގުޅޭ)

"އާނ.. ވަރަށް ތަފާތު. ހާދަ ލޯތްބޭ... އަލްޙަމްދު ލިﷲ.." ދަރިފުޅުގެ ނޫ ކަޅި ފެނުމާއެކު ނަސީމަށް ހިތުގެ ހަމްދެއް އެޅުނެވެ. އެ ރީތިކަމަށް ޝުކުރު ކުރެވުނެވެ.

"ޑޮކްޓަރު ބުނީ ލޮލުގެ ވާހަކަ އެހައި ބޮޑަށް އާއްމު ކުރުން ރަނގަޅެއް ނޫނޭ. ގިނަ ބަޔަކަށް ދަރިފުޅުގެ ލޯ ފެންނައިރަށް އެ ޚަބަރު މީޑިއާ އަރާނޭ. އެހެންވީމާ ހޮސްޕިޓަލްގައި މަޑުކުރަން އަހަރެން ބޭނުންނުވީ" ރާމިޒާ ވިސްނިގޮތް އޭނާ ކިޔައިދިނެވެ.

"ހާދަ ތަފާތޭ. އެހެން އެ ހުރީ ކީއްވެގެންނޯ؟" ނަސީމަށް ކޮށްލެވުނީ އިތުރު ސުވާލެކެވެ.

"ޑޮކްޓަރު ބުނީ އެއްވެސް މައްސަލައެއް ނެތޯ. އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ލޮލެކޯ. ދަރިފުޅު ރަނގަޅަށް ބެލުމަށް ވެސް ބުނި" ޑޮކްޓަރު ބުނި ބައެއް ވާހަކަތައް ރާމިޒާ ހިއްސާކުރީ ނަސީމަށެވެ.

"އެކަމަކު ބޮޑު ވާވަރަކަށް ތިކަން އެހެން މީހުންނަށް ވެސް އެނގޭނެއްނު. އަބަދަކު ސިއްރުން ފޮރުވައި ގެނެއް ނުގެންގުޅެވޭނެއްނު" ރާމިޒާގެ ވާހަކަތަކުން ނަސީމު ކަންބޮޑުވިއެވެ. އެއީ ރާމިޒާގެ ވެސް ހިތުގެ ކަންބޮޑުވުމެވެ. އެއީ ވާނެ ކަމެއް ނޫންކަން އޭނާ ވެސް ގަބޫލުކުރެއެވެ. އެކަމަކު ޑޮކްޓަރުގެ ވާހަކަތަކުން އޭނާ ޖެހިލުންވީއެވެ. ހިއްސާކުރި ބައެއް މަޢުލޫމާތުން ބިރުގަތީއެވެ.

"ކޮންމެ ވެސް ދުވަހަކުން ދަރިފުޅުގެ ލޮލުގެ ވާހަކަ މީސްމީހުން ދައްކާނެ. އަހަރެމެންނަށް އޮތީ އެ ދަރިފުޅާމެދު ސަމާލުވުން. އެހެން މީހުންގެ އެސްފީނާއިން ސަލާމަތްކުރުން" ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން އިނދެ ރާމިޒާ ދެއްކީ އެ ދެމަފިރިން ކުރަންޖެހޭ ކަންތަކުގެ ވާހަކައެވެ.

"އެހެން މީހުންނަށް މިކަން އެނގުމުން ކީއްތަ ވަނީ؟" މާ ބޮޑު ފިކުރުކުރުމަކާ ނުލައި އަނެއްކާ ވެސް ނަސީމު ސުވާލުކުރިއެވެ.

"އެސްފީނާ ޖެހެނީނު" ރާމިޒާ ޖަވާބުދިނީ އޭނާއަށް އެނގޭ ބައެއް މަޢުލޫމާތު ސިއްރުކުރަމުންނެވެ. އެކަމަކު އެ ސިއްރުކުރުމުގެ މާނައެއް ނެތެވެ. ކޮންގެން ވާނެ ފައިދާއެއް ވެސް ނެތެވެ.

"ނަސީމު ނިކަން ނެޓް ސަރޗް ކޮށްބަލަ؟" އެންމެ ފަހުން ރާމިޒާއަކަށް ނުއިނދެވުނެވެ.

"ކިހިނެއްހޭ ވީ؟ ކޮން ކަމެއްތަ ސިއްރުކުރަން ތި އުޅެނީ؟" ނަސީމު ހިތްހަމަ ނުޖެހުނެވެ.

"ކަމެއް ސިއްރުކުރާކަށް އަހަރެންނެއް ނޫޅެން. އެކަމަކު ކަންކަން ވެފައި ހުރި ގޮތުން އަހަރެން ޖެހިލުންވަނީ؟" ރާމިޒާގެ ވާހަކަތަކުން ނަސީމުގެ ހާސްކަން އިތުރުވިއެވެ.

"ކޮން ގޮތެއްވީ؟ ކިހިނެއްވީ؟ ދަރިފުޅުގެ މައްސަލައެއް ހުރީތަ؟" ނަސީމު އަނެއްކާ ވެސް ސުވާލު ފައްޗެއް އަމުނާލިއެވެ.

"ނޫން... ތިކަހަލަ ކަމެއް އިރާދަކުރެއްވިއްޔާ ނެތް" ރާމިޒާ ޖަވާބުދިނެވެ.

"ދެނޯ؟ ދެން ކޮން ވާހަކައެއް ތި ދައްކަނީ؟ ރީއްޗަށް ބުނެބަލަ؟" ހިތްހަމަ ނުޖެހިގެން ހުރެ ނަސީމު އަނެއްކާ ވެސް އެދުނެވެ.

ދެ މީހުން ދައްކަމުން ދިޔަ ވާހަކައަށް ހުރަސް އެޅީ ދަރިފުޅެވެ. ދަރިފުޅު ރޮއިގަތީއެވެ. އެ ދަރިފުޅުގެ ވާހަކަދައްކާކަން އެ ދަރިފުޅަށް އެނގުނީ ތޯއްޗެވެ. ރާމިޒާ ގޮސް ދަރިފުޅު ނަގައި ގަޔާ ލައްކޮށްލިއެވެ. މައިވަންތަކަމުގެ އެ ހޫނާއެކު ދަރިފުޅުގެ ރުއިން ހުއްޓާލިއެވެ. ދެ މީހުންގެ ނަޒަރު ވެސް ހުއްޓިފައި ހުރީ ދަރިފުޅުގެ ލޮލަށެވެ.

"މާޝާ ﷲ. ހާދަ ރީތި ލޮލެކޭ. ހާދަ ތަފާތު ލޮލެކޭ" ނަސީމަށް ބުނެވުނެވެ.

"ވަރަށް ރީތި. އަހަރެންނަށް ވެސް ހަމަ ބެލެނީ. އެކަމަކު މައްސަލައަކީ އެ ރީތިކަމަށް ހަސަދަވެރިވާނެ މީހުން ތިބޭނެތީ. ދަރިފުޅުގެ ލޮލުގެ ވާހަކަ އިވިއްޖެ ނަމަ އެ ވާހަކަ ފަތުރާނެ މީހުން ތިބޭނެތީ" ރާމިޒާ ފެށީ އަނެއްކާ ވެސް އެ ވާހަކައެވެ.

"ކީއްވެތަ ތިގޮތަށް ތި ވިސްނަނީ؟" ނަސީމު ސުވާލުކުރިއެވެ.

"ވިސްނޭނެއްނު. ޑޮކްޓަރު ބުނީ އެންމެ ފަހުން މި ކަހަލަ ކުއްޖަކު ލިބުނީ ބަނގުލަދޭޝް މީހަކަށޯ. އެ ކުއްޖާގެ ޢުމުރުން 10 އަހަރު ނުވަނީސް އެ ކުއްޖާގެ މަރާލީ ބަޔަކު ހަމަލާދީގެންނޯ. އެ ކުއްޖާއަކީ ބޮޑުވެގެން އެހެން މީހުންގެ ހިތްތަކަށް އުނދަގޫ ކުރާނެ ކުއްޖަކަށް ވެދާނެތީޔޯ" ރާމިޒާ ކިޔައިދިނީ ޑޮކްޓަރު ދައްކާފައި ހުރި ވާހަކަތަކެވެ.

" ތިއީ ދެން ހާދަ ހެއްވާ ކަމެކޭ. ބޮޑުވެގެން ވާނެ ގޮތެއް ކާކަށް އެނގޭނީ؟" ނަސީމަށް ބުނެވުނެވެ.

(ނުނިމޭ)