(17 މެއި 2017 އާ ގުޅޭ)
"ތިއީ ދެން ހާދަ ހެއްވާ ކަމެކޭ. ބޮޑުވެގެން ވާނެ ގޮތެއް ކާކަށް އެނގޭނީ؟" ނަސީމަށް ބުނެވުނެވެ.
"ތިބުނީ ބަނގުލަދޭޝްއޭ. އެ ތަނުގައި ކަންތައް ހިނގާނެގޮތް އަހަރެންނަށް ސިފަކުރެވޭ. އެތަނގައި މީހަކު މަރާލާކަށް ފަހެއް ނުޖެހޭނެ" ނަސީމުގެ ވިސްނުމުން ބަނގުލަދޭޝް ސިފަކުރިއެވެ.
"އަހަރެމެން ރާއްޖޭގައި ތި ކަހަލަ ކަންކަމެއް ނުހިނގާނެ" ނަސީމަށް ގަބޫލުކުރެވޭ ގޮތް ރާމިޒާއާ އޭނާ ހިއްސާކުރިއެވެ.
"ތިއީ ނަސީމަށް ހީވާގޮތް. ކިތައް މީހުން އެ މަރުވީ އެކިއެކި އަނިޔާތަކުގައި. ކިތައް މީހުންނަށް އެއްވެސް ކުށެއް ނެތި އެ ހަމަލާދެނީ. އެހެންވީމާ މި ރާއްޖޭގައި ވެސް އެކަހަލަ ކަންކަން ހިނގާފާނެއްނު" ރާމިޒާގެ ޚިޔާލު ތަފާތެވެ.
"ޑޮކްޓަރު އެބަހުރިތާ ލައްކަ ވާހަކަދައްކާފައި" ހިނިގަނޑެއް ޖަހާލަމުން ނަސީމުބުނެލިއެވެ.
"ދައްކާނެއްނު. އެތަނުގައި 7 ގަޑިއިރު އޮންނަން ޖެހުނު. އެހެންވީމާ އަހަރެން ވެސް ވަރަށް ސުވާލުކުރިން. ޑޮކްޓަރު ވެސް ވަރަށް ހެޔޮ. ދަރިފުޅުގެ ކަންކަން ވަރަށް ގާތުން ބެލުމަށް ނަސޭހަތްދިން. އަދި އެހައި ގިނައިން ބޭރުތެރެއަށް ނުނެރުމަށާއި މީޑިއާއަށް ދަރިފުޅުގެ ވާހަކަތައް ހާމަނުކުރުމަށް ވެސް ބުނި. އަދި ބުނި ބަލިވެއްޖެނަމަ ސީދާ ޑޮކްޓަރަށް ގުޅާށޭ ވެސް. އެކަމުގައި އޭނާ އެހީތެރިވެދޭނެ ކަމަށް ވެސް ބުނި" ރާމީޒާ ހިއްސާކުރީ ޑޮކްޓަރު އޭނާ ގާތުގައި ދެއްކި ވާހަކަތަކެވެ.
"ނަސީބެއްނު ތި ކަހަލަ ޑޮކްޓަރަކާ ދިމާވިކަން. ބައެއް މީހުން އުޅޭނެ މާ ބޮޑަށް މަޝްހޫރުވަން. މިފަދަ ކުއްޖަކު ލިބުނުކަން ހާމަކޮށް އެކަމުން ނާޖާއިޒު ފައިދާ ނަގަން. ރަނގަޅު މީހަކާ ދިމާވީމާ ރަނގަޅުތާ" ނަސީމަށް ވެސް ރާމިޒާގެ ވާހަކަތަކުން ޑޮކްޓަރުގެ ހެޔޮކަން ގަބޫލުކުރެވުނެވެ.
"ދަރިފުޅުގެ ކަޅީގެ ވާހަކަ މީސް މީހުންގެ ގާތުގައި ނުދެއްކުމަށް މަންމައާއި ބައްޕަ ގާތުގައި ވެސް ބުނަންވާނެ. އަދި ޒިޔާރަތް ކުރާ މީހުންގެ ގާތުގައި ވެސް ބުނަންވާނެ. އެހެން ނޫނަސް މާގިނަ ބަޔަކު ގެންނާކަށް އަހަރެންނަކަށް ނުފެނޭ" ކަންކުރަންވީ ގޮތް ރާމިޒާ ބުނެދެމުން ދިޔައެވެ.
"އެކަމަކު ބައެއް މީހުން ބޭނުންވާނެ ދޯ ޒިޔާރަތްކޮށްލަން" ނަސީމު ވިސްނާލިއެވެ.
"އެ މީހުންނަށް ވެސް އެނގޭނެ ދޯ އަހަރެމެން އުޅެނީ ކުޑަކުޑަ ތަންކޮޅެއްގައިކަން. އެހެންމީވާ ގެއަށް ގެންނަން އުނދަގޫވާނެކަން" ނަސީމުގެ ވިސްނުމަށް ދޭނެ ޖަވާބެއް ރާމިޒާ ބުނެދިނެއެވެ.
ރާމިޒާއާއި ނަސީމު އެތައް ވަގުތެއް ހޭދަކުރީ ދަރިފުޅާއެކުއެވެ. ވިސްނީ ދަރިފުޅާމެދުއެވެ. ޚިޔާލު ބަދަލުކުރީ ދަރިފުޅާމެދު ކަންތައް ވެދާނެ ގޮތަކާމެދުއެވެ. އެންމެފަހުން ދެމީހުން އެއްބަސްވީ ޑޮކްޓަރު ދިން އިރުޝާދުތަކުގައި ހިފާށެވެ. އެގޮތަށް ޢަމަލުކުރާށެވެ.
ނަސީމާއި ރާމިޒާގެ ދަރިފުޅަށް ނަންކިޔުމުގެ ވަގުތު ޖެހުނެވެ. ދެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު ނަމަވެސް ނަންކިޔުމުގެ ކަންތައް ކުރިއަށް ގެންދަން ބޭނުންވީ ވަރަށް އާދައިގެ ގޮތަކަށެވެ. އެ ދެމަފިރިން ކަންކުރީ ވެސް އެހެންނެވެ. މާގިނަބަޔަކަށް އެކަން އާއްމެއް ނުކުރެއެވެ. ދަރިފުޅުގެ ނަމަކަށް ރައިޝާ ކިޔައި ރާއްޖޭން ބޭރުގައި ބަކަރި ކަތިލައި ބަޔަކަށް ޞަދަގާތް ކުރީއެވެ.
ދެ ހަފުތާ ފަހުން ރާމިޒާއަށް ފާހަގަކުރެވުނީ ދަރިފުޅުގެ ނިދި މަދުވާކަމެވެ. ރޭގަނޑުގެ ވަގުތުތަކުގައި ވެސް ހޭލާ އޮންނަކަމެވެ. ހޭލައި އޮންނަ ނަމަ މައްޗަށް ބަލަހައްޓައިގެން އޮންނަކަމެވެ.
"ނަސީމް. އަހަރެންނަށް ހީވަނީ މި މަންޖެ ޑޮކްޓަރަށް ދައްކަންވީހެން. މިހާރު ނިދާލެއް ވަރަށް މަދު. ނިންދެވިޔަސް އިރުކޮޅެއް ނުވާނެ އޮންނާނީ ހޭލާ" ރާމިޒާއަށް ފާހަގަކުރެވުނު ކަމެއް އޭނާ ނަސީމާ ހިއްސާކުރިއެވެ.
"އެކަމަކު ނިދައެއްނު" ރާމިޒާގެ އުނގުގައި އޮތް ދަރިފުޅާ ދިމާއަށް ގުދުވެ ބޯ ތިރިކޮށްލަމުން ނަސީމު ބުނެލިއެވެ.
"ނިދަނީ ކުޑަ ކުޑަ ވަގުތު ކޮޅަކު. ނުރޯތީ ނޭނގެނީ" ރާމިޒާ އިތުރު ތަފުސީލު ދިނެވެ.
"ނުރޮންޏާ މާނައަކީ މައްސަލައެއް ނެތޭ. ކުޑަކުދިން ތަނަކަށް ތަދުވެ ގޯހެއް އުޅެންޏާ އެކުދިން ރޯނެ. ދޯ ދަރިފުޅާ" ދަރިފުޅަށް ދޯ އަޅައިލަމުން ނަސީމު ބުނެލިއެވެ.
"ތިކަން އެނގޭ މަށަށް ވެސް. އެކަމަކު ނުރޮއެ. އަބަދު މައްޗަށް ބަލަހައްޓައިގެން އޮންނާތީ ހަމަ ހިތަށް އަރަނީ މައްސަލައެއް ނޫން ބާއޭ" ރާމިޒާގެ ހިތަށް އަރާ ޝުޢޫރުތައް އޭނާ ހިއްސާކުރިއެވެ.
"އަންހެންވެރިންނަށް ނޯންނާނެ ހެޔޮ އެއްގޮތް ވެސް.. ދަރިފުޅު ނުރޮއުނަސް ވާނީ މައްސަލައަކަށް. ރޮންޏާވެސް މައްސަލައަކަށް" ނަސީމު ކޮށްލީ ސަމާސާއެވެ.
(ނުނިމޭ)