(20 މެއި 2017 އާ ގުޅޭ)
"އަންހެންވެރިންނަށް ނޯންނާނެ ހެޔޮ އެއްގޮތް ވެސް.. ދަރިފުޅު ނުރޮއުނަސް ވާނީ މައްސަލައަކަށް. ރޮންޏާވެސް މައްސަލައަކަށް" ނަސީމު ކޮށްލީ ސަމާސާއެވެ.
"ދެން ނަސީމު. ސީރިއަސްވެ ބަލަ. މި ދަރިފުޅު މިގޮތަށް ހަމަ ބާއްވާއިރަށް އިރުކޮޅެއް ނުވެ އޮންނާނީ އުއްޑުން" ރާމިޒާގެ އުނގައި އޮތް ދަރިފުޅު އެއް އަރިއަކަށް ބާއްވަމުން ބުނެލިއެވެ. ތެދެކެވެ. އެ ބޭއްވި ގޮތަށް އޮތީ އިރުކޮޅަކުއެވެ. ހިނދުކޮޅެއް ނުވެ އޮތީ އުއްޑުންނެވެ.
"ކޮބާ މަ ބުނީމެއްނު އެ މަންޖެ އެ ގޮތަކަށް ނޯންނާނެޔޭ" ރާމިޒާ ބޭނުންވީ އެއީ މައްސަލައެއްކަން ނަސީމަށް ދައްކާށެވެ.
"ބަލަ އެ ގޮތަށް އޮންނަން އެ މަންޖެ ބޭނުން ނުވަންޏާ ނޯންނާނެއެއްނު" ނަސީމު ބުނެލިއެވެ.
"އެއިއްޔޭ މައްސަލައަކީ. އެގޮތަށް ނޯންނާނީ ކަމެއް ވެގެންނެއްނު. އަބަދު މައްޗަށް ބަލަހައްޓައިގެން އޮންނާނީ ކަމެއް ވެގެންހެން އަހަރެންނަށް ހީވަނީ. ހިނގާބަލަ ޑޮކްޓަރަށް ދައްކަން. އޭރުން އެނގިދާނެއްނު" ރާމިޒާ އެދުނެވެ.
"ތިކަހަލަ ކުދިކުދި ކަންތަކުގައި ޑޮކްޓަރަށް ދާނަމަ ޖެހޭނީ އަބަދު ވެސް ދާން. ރާމިޒާ ބުނީމެއްނު ޑޮކްޓަރުގެ ވާހަކަ. އޭނާއަށް ގުޅަންވީނު" ނަސީމަށް ބުނެވުނެވެ.
"އޭނާއަށް ގުޅާނަމޭ ހިތާ މި އުޅެނީ. އޭނާ ބުނާ މީހަކަށް ދޯ ދައްކާނީ" ރާމިޒާ ހޯދަން ބޭނުންވީ ނަސީމުގެ ޚިޔާލެކެވެ.
"އާނ.. ޑޮކްޓަރު ބުނާ މީހަކަށް ދައްކަން ވާނީ. އެހެންވީމާ ގުޅާމާ ހިނގާ. ވާ ގޮތް ކިޔައި ދިނީމާ އެނގިދާނެއްނު ބުނާ ވާހަކައެއް" ނަސީމަށް ފެންނަގޮތް އޭނާ ބުންޏެވެ.
ޑޮކްޓަރަށް ގުޅުމުން ޑޮކްޓަރުގެ ވާހަކަތަކުން ރާމިޒާއަށް ލިބުނީ ހިތްހަމަ ޖެހުމެވެ. ނަސީމަށް ވެސް އެ ހިތްހަމަޖެހުން ލިބިގެންދިޔައެވެ.
"ޑޮކްޓަރު ބުނީ ބޭނުންވާނަމަ މި ގެއަށް އާދެވިދާނެ ކަމަށް. އޭނާ ބަލާފައި އިތުރު މީހަކަށް ދައްކަން ޖެހޭނަމަ ބުނާނަމޯ. އަހަރެން ބުނީ ދަރިފުޅު ބޭރަށް ނެރެން އަދި ބޭނުން ނުވާކަމަށް. އެހެންވީމާ ޑޮކްޓަރަށް އާދެވޭނަމަ ގެއަށް އައިސްދިނުމަށް އެދުނިން. ޑޮކްޓަރު ބުނީ މައްސަލައެއްނެތޭ. އަގަކާ ނުލައި ވެސް އެކަން ކޮށްދެވިދާނެކަމަށް. ކިހައި ރަނގަޅު" ރާމިޒާ ހިއްސާކުރީ ޑޮކްޓަރު ދެއްކި ވާހަކަތަކެވެ.
"ތިޔައީ ހަމަ ދަރިފުޅުގެ ނަސީބު. ތިކަހަލަ ރަނގަޅު ޑޮކްޓަރަކު ނުލިބޭނެ. ކާކު އައިސްދޭނީ ގެއަށް. ނާންނާނެ. އަހަރެމެން ކަހަލަ ނިކެމެތި ބަޔަކާ އަޅާލާނެ މީހަކު ނުހުންނާނެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް" ނަސީމަށް ޝުކުރު އަދާކުރެވުނީ ހެއްދެވި ފަރާތަށެވެ.
ނަސީމާއި ރާމިޒާ އިނީ ޑޮކްޓަރު އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ދަރިފުޅު ރީތިކުރުވައި ދެ މީހުން ތިބީ ތައްޔާރުވެގެންނެވެ.
ހަތަރުގަޑި ބައި ނުވަނީސް ގޭގެ ބެލްޖަހާ އަޑު އިވުނެވެ. ދޮރު ހުޅުވީ ނަސީމެވެ. ޑޮކްޓަރު ފެނުމާއެކު އެތެރެއަށް ވަނުމަށް ނަސީމު ދައުވަތު ދިނެވެ.
"ކޮބާ ކިހިނެއް ކަންތައްތައް؟" ސުވާލު ކުރީ ޑޮކްޓަރެވެ.
"އިރާދަކުރެއްވިއްޔާ ރަނގަޅު. މާބޮޑު ގޯހެއް އުޅޭހެނެއް ހިއެއްނުވޭ. ރާމިޒާއަށް ޝައްކުވާތީ ޑޮކްޓަރާ ގުޅަން ޖެހުނީ" ކަންތައް ވާގޮތް ނަސީމު ބުނެދިނީ ހަގީގަތަށެވެ.
"އަޅުގަނޑަށް ޝައްކުވާހެން ނަސީމަށް ވެސް ޝައްކުވޭ އިނގޭތޯ" ކުޑަ ހިނިތުންވުމަކާއެކު ރާމިޒާ ބުނެލިއެވެ.
"އެނގޭ ދެ މީހުން ވެސް ކަންބޮޑުވާނެކަން. ކިރިޔާ ކަމެއް ދިމާވިޔަސް ހާސްވާނެކަން. އެއީ ކޮންމެ މަންމައަކާއި ބައްޕައަކަށް ވެސް ވާނެ ގޮތް" ޑޮކްޓަރުގެ ޝަކުވާއެއް ނެތެވެ.
ޑޮކްޓަރު ބެލީ ރައިޝާގެ ލޮލެވެ. ވަރަށް ފަރުވާތެރިކަމާއެކު އެކަން ކުރިއެވެ. އެއަށް ފަހު ކުރީ ސުވާލެކެވެ.
"ދަރިފުޅު ރޯއިރު ކަޅި ފެހިވޭތަ؟"
"ފާހަގައެއް ނުކުރެވޭ" ރާމިޒާ ޖަވާބުދިނެވެ.
"އެގޮތަށް ބެލިފައެއް ވެސް ނެތް ދޯ. ރައިޝާއަކީ އެހައި ރޯކުއްޖެއް ނޫން" ނަސީމު ބުނެލިއެވެ.
"ކަޅީގައި މައްސަލައެއް އެބަ ހުރި. ނިދަން އުނގޫވާނެހެން ހީވަނީ. ބޮޑުވާވަރަކަށް އެކަން އިތުރުވާނެ. އެކަމަކު ކޮންމެ ކޮންމެ މީހަކަށް ދައްކާކަށް އަހަރެންނަކަށް ނުފެނޭ" ޑޮކްޓަރަށް ފާހަގަކުރެވުނު މައްސަލައާއެކު ކަންކުރަން ފެންނަ ގޮތުގެ ލަފައެއް ވެސް ޑޮކްޓަރު ދިނެވެ.
"ވަރަށް ބޮޑު މައްސަލައެއް ތޯ؟ މިހާރުން މިހާރަށް ހައްލުކުރަން ޖެހޭނެތޯ؟" ލިބުނު ޚަބަރާއެކު ވީހާސްކަންމަތީ ނަސީމަށް އަހައިލެވުނެވެ.
"ކުޑަ މައްސަލައެކޭ ނުބުނާނަން. އެކަމަކު ޔަގީނުން ވެސް ރަނގަޅު ކުރެވޭނެ. މިކަން ކުރެވޭވަރު މީހަކު އަޅުގަނޑު ދަންނަން. އެމީހުންނާ ގުޅުވާދޭނަން" ޑޮކްޓަރުގެ ވާހަކަތަކުން ރާމިޒާ ފެންކަޅިވިއެވެ. ލިބުނު ހިތާމައަށްވުރެ ލިބިގެންދިޔަ އުފާ ބޮޑުވިކަހަލައެވެ.
"ޔަގީންތޯ ރަނގަޅު ކުރެވޭނެކަން" ރާމިޒާއަށް އަހައިލެވުނެވެ.
"ޔަގީން. އިރާދަކުރެއްވިއްޔާ ރަނގަޅު ކުރެވޭނެ" ވަރަށް އިތުބާރާއެކު ޑޮކްޓަރު ވާހަކަދެއްކިއެވެ.
"ކޮންތާކަށް؟ ކާކަށްތޯ ދާންޖެހެނީ؟" ނަސީމު ސުވާލުކުރިއެވެ.
"ޕާކިސްތާނަށް. އެތަނުގައި ހުންނަނާ ތިކަމަށް ވަރަށް މޮޅު މީހަކު. އެއީ އަހަރެމެންނާއެކު ޑޮކްޓަރުކަން ކިޔެވި މީހެއް. އެހެން ނޫނަސް އެ ތަނަކީ އެހައި ގިނައިން ދިވެހިން ދާތަނެއް ވެސް ނޫން. އެހެންވީމާ އެއްގޮތަކުން ރަނގަޅުދޯ" ޑޮކްޓަރު ބުނެލިއެވެ.
"ޕާކިސްތާނުގައި ތިބޭތަ އެހައި މޮޅު ޑޮކްޓަރުން" ނަސީމަށް އަހައިލެވުނެވެ.
"އެތަނުގައި ވެސް ތިބޭނެ ވަރަށް މޮޅުމީހުން. އަހަރެން މި ބުނާ މީހަކީ ލޮލުގެ ކަޅިއާ ގުޅޭ ކަންކަމަށް ވަރަށް މޮޅު ޑޮކްޓަރެއް. އޭނާގެ ގަތަށް ދާނީ. އެއީ އަހަރެންގެ އެކުވެރިއެއް" ނަސީމުގެ ސުވާލަށް ޑޮކްޓަރު އިތުރު މަޢުލޫމާތު ދެއްވީ ހިނިތުންވުމާއެކުއެވެ.
"ހާދަ ރަނގަޅޭ ޑޮކްޓަރު. ތިޔަ ދެއްވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތި އަގު އަދާކޮށްދޭނެ ގޮތެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގެ" ރާމިޒާ ޝުކުރުއަދާކުރިއެވެ.
"މިއީ އަހަރެމެންގެ ޒިންމާއެއް. އެހެން ނޫނަސް ރައިޝާއަކީ ޚާއްޞަ ކުއްޖެއް" ޑޮކްޓަރުގެ ދެ ޖުމުލަ ނުނިމެނީސް ހިނިތުންވެ ހުރެ ނަސީމު ސުވާލުކުރިއެވެ.
(ނުނިމޭ)