(22 މެއި 2017 އާ ގުޅޭ)
"މިއީ އަހަރެމެންގެ ޒިންމާއެއް. އެހެން ނޫނަސް ރައިޝާއަކީ ޚާއްޞަ ކުއްޖެއް" ޑޮކްޓަރުގެ ދެ ޖުމުލަ ނުނިމެނީސް ހިނިތުންވެ ހުރެ ނަސީމު ސުވާލުކުރިއެވެ.
"ކީއްވެތޯ ޚާއްޞަވީ؟"
"ޚާއްޞަވީ އެއް ސަބަބަކީ ލޯ. އެފަދަ ލޮލެއް މި ދުނިޔެއިން އަހަރެންނެއް ނުދެކެން. އެހެންވެ އެފަދަ އާދަޔާ ޚިލާފު ލޮލެއް ލިބިފައި ނުވާތީ އެ ލޯ ރައްކާތެރި ކުރެވޭތޯ މި މަސައްކަތްކުރަނީ. އެކަން ކުރުމަކީ އަޅުގަނޑުވެސް ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެވެނީ" ޑޮކްޓަރުގެ ވާހަކައިން ނަސީމަށް އިތުރު ހިތްހަމަ ޖެހުން ލިބުނެވެ.
"އިރާދަކުރެއްވިއްޔާ ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް އަޅުގަނޑުވެސް ވާނަކަން. އެކަމަކު ޝަރުތެއް އެބައޮތް" ޑޮކްޓަރުގެ ވާހަކައިން ރާމިޒާ ބަލައިލީ ނަސީމުގެ މޫނަށެވެ. ނަސީމު ބޯޖަހައިލިއެވެ.
"ކޮބާ ޝަރުތަކީ؟" ރާމިޒާ އަހައިލިއެވެ.
"އެއީ އަހަރެން މި ކޮށްދޭ ކަންކަން އެހެން މީހަކާ ހިއްސާނުކުރުން. އަހަރެން ބޭނުމެއް ނޫން އެހެން އެއްވެސް ފަރާތަކަށް މި ކަންކަން އެނގޭކަން. އަހަރެންގެ ފަރާތުން އެއްވެސް ގެއްލުމެއް މި ކުއްޖާއަކަށް ވާކަށް" ޑޮކްޓަރުގެ ވާހަކަތަކަށް ރާމިޒާ އާއި ނަސީމު އެއްބަސްވިއެވެ.
"އިރާދަކުރެއްވިއްޔާ ތިކަން ސިއްރުކޮށްދޭނަން. ތިޔަ ވާ އެހީތެރިކަން އޮންނާނީ އަހަރެމެންގެ ހިތުގައި ދޯ ނަސީމް" ނަސީމަށް ދޯ އަޅައިލަމުން ރާމިޒާ ބުނެލިއެވެ. އެ ލިބުނު އިތުބާރާއެކު ކަންތައް ކުރަންވީ ގޮތް ޑޮކްޓަރު ހިއްސާކުރިއެވެ. ވީ އެންމެ އަވަހަކަށް ޕާކިސްތާނަށް ފުރުމަށް އޭނާ އެދުނެވެ.
ނަސީމާއި ރާމިޒާ ޕާކިސްތާނަށް ފުރިއެވެ. ޑޮކްޓަރުގެ އެހީތެރިކަމާއެކުއެވެ. ދަރިފުޅުގެ ލޮލުގެ މައްސަލަ ހައްލުކުރުމުގެ ފޮނި އުންމީދާ ވެސް އެކުއެވެ.
ނަސީމާއި ރާމިޒާ ވެސް ތިބީ ހާސްވެފައެވެ. ދުވަހަކު ވެސް އައިސްފައި ނުވާތަނަކަށް އާދެވުނީތީވެ ގަންނަ ބިރު ދެ މީހުން ވެސް ތިބީ ގަނެފައެވެ. އެ މީހުންނަށް އޮތް ހަމައެކަނި އިތުބާރަކީ ޑޮކްޓަރުގެ ބަހެވެ. ޑޮކްޓަރު ދީފައިވާ ނަންބަރެވެ.
ޑޮކްޓަރު ދީފައިވާ ނަންބަރަށް ގުޅާލުމުން އެހީތެރިވާނެ މީހަކު ހަމަޖެހުނެވެ. އެއީ ޑޮކްޓަރުގެ ރައްޓެއްސެއްކަން އެ މީހާގެ ވާހަކަތަކުން އެނގުނެވެ. ތެޅެމުން ދިޔަ ރާމިޒާގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެހީތެރިޔާގެ ސަބަބުންނެވެ.
ތިބެން ހަމަޖެހިފައިވާ ގެއާ ހަމައަށް ދެވުނީ 3 ގަޑިއިރުގެ ދަތުރަކަށް ފަހުއެވެ. ނަސީމާއި ރާމިޒާ އަދި ދަރިފުޅު ތިބެން ހަމަޖައްސާފައިވަނީ ކަރާޗީގެ މެދުތެރޭ ހިސާބެއްގެ ރީތި ކުޑަ ގެއެކެވެ. އެ ހިސާބުގައި މާ އުސް އިމާރާތްތަކެއް ފެންނަން ނެތަސް ހަލަ ބޮލި ހިސާބެއްކަން ދުއްވާ އެއްޗެތީގެ ބަރުގޮން އަޑުން އެނގެއެވެ. ނަސީމުމެން ގެއަށްލުމަށްފަހު އެހީތެރިޔާ ހިނގައިގަތީ މާދަމާ ޑޮކްޓަރަށް ދާން ތައްޔާރުވެގެން ތިބުމަށް ބުނުމަށްފަހުއެވެ.
"ޑޮކްޓަރު ކިހައި ރަނގަޅު. މި ހުރިހާ ކަމެއް އަހަރެމެންނަށް މި ކޮށްދެނީ އެއްވެސް އަގަކާ ނުލައި. ގައިމު މިތަނަށް ވެސް ޚަރަދު ހިނގާނެއްނު" ރާމިޒާއަށް ބުނެވުނެވެ.
"އަހަރެން ވެސް މި ހިތަށް އަރަނީ ތިހެން. އަހަރެމެންނަށް މިހާ ބޮޑު އެހީތެރިކަމެއް މިދެނީ ކީއްވެ ބާއޭ؟" ނަސީމުގެ ހިތުގައިވާ ސުވާލުތައް އޭނާ ވެސް ރާމިޒާއާ ހިއްސާކުރިއެވެ.
"މިއީ ހަމަ މި ކުޑަ ދަރިފުޅުގެ ނަސީބު. ދޯ މަންމަގެ ދޫންޏާ" އުރައިގެން ހުރި ކުޑަ ދަރިފުޅުގެ މޫނަށް ބަލައިލަމުން ރާމިޒާ ބުނެލިއެވެ.
"އަހަރެންނަށް ހީވަނީ ބައެއް މީހުންނަށް ޑޮކްޓަރު އިތުބާރު ނުކުރަނީހެން. އެހެން ނޫންނަމަ އަހަރެމެން މިތަނަށް އަންނާކަށް ނުޖެހުނީސް ކަންނޭނގެ." ނަސީމު ވާހަކަ ފެށީ އެހެން ނަޒަރަކުންނެވެ.
"ކީއްވެ ތިހެން ތިބުނީ؟" ރާމިޒާ ބޭނުންވީ އޮޅުންފިލުވާށެވެ.
"އެއީ.... ޑޮކްޓަރު ބޭނުމެއް ނުވޭ ރާއްޖޭގެ މީހަކަށް ދައްކާކަށް. ލަންކާ، އިންޑިއާއަށްވެސް ދާކަށް. ޑޮކްޓަރު ބޭނުންވީ ޑޮކްޓަރު އެބުނާ މޮޅު ޑޮކްޓަރަށް ދައްކަން. އޭގެ މާނައަކީ އެހެން ޑޮކްޓަރުންނަށް އިތުބާރު ނުކުރަނިއްޔެކޭނު" ނަސީމަށް ހީވާގޮތް އޭނާ ބުންޏެވެ.
"ދަރިފުޅުގެ ގޮތުން ކޮންމެ ކޮންމެ މީހަކަށް ދައްކަން ބޭނުން ނުވަނީ. ދަރިފުޅުގެ ލޮލަކީ ކޮން ކަހަލަ ލޮލެއްކަން ޑޮކްޓަރުންނަށް ހަމަ ފެންނައިރަށް އެނގޭނެ. އެކަން ނޫސްތަކަށް އަރާނެ. އެހިސާބުން ދެންވާނެ ގޮތް އަހަރެންނަށް ވެސް ވިސްނޭ" ރާމިޒާ ވާހަކަދެއްކީ ޑޮކްޓަރު އޭނާގެ ގާތުގައި ދައްކާފައި ހުރި މަޢުލޫމާތުތަކުގެ އެހީގައެވެ.
"ތިކަން މަށަށް ވެސް އިހުސާސްކުރެވޭ. އެކަމަކު އަހަރެންގެ ހިތް ހަމަ ނުތަނަވަސްވަނީ" ފުން ނޭވާއެއް ލަމުން ނަސީމު ބުނެލިއެވެ. އެ އިހުސާސްތަކާ ގުޅިފައިވާ އެތައް ވާހަކައެއް ދެމީހުން ދެއްކިއެވެ. ދަރިފުޅުގެ މުސްތަގުބަލާމެދު އެތައް ސުވާލެއް ދެ މީހުން އުފެއްދިއެވެ. ދެ މީހުންގެ ވެސް ޢަޒުމަކީ އުފާވެރި ފާގަތި މުސްތަގުބަލެއް ދަރިފުޅަށް ހޯދައިދިނުމެވެ. ކޮންމެ ގޮތެއް ހަދައިފައި ވެސް ދަރިފުޅަށް ދެވެން އޮތް ރައްކާތެރިކަމެއް ފޯރުކޮށްދިނުމެވެ.
އިރުއޮއްސި އަނދިރިކަން ވެރިވެއްޖެއެވެ. ދުނިޔެމަތީގައި އޮތް އަލިކަން ފަނޑުވެ ރޭގަނޑަށް ތަންދީފިއެވެ. ގޭތެރޭގައި ހުރި ހޫނުކަން ފިލައި ތެތްފިނިކަން ވެރިވެއްޖެއެވެ.
ރާމިޒާއަށް ހޭލެވުނީ ދަރިފުޅު ރޮއިގަން އަޑަށެވެ. ސިއްސައިގެން ތެދުވި ރާމިޒާ، ދަރިފުޅު ނެގިއެވެ. ނަމަވެސް އެ ދަރިފުޅުގެ ރުއިން ހުއްޓައެއް ނުލިއެވެ. އެ ރުއިން ދިޔައީ ހައްތަހާ ބާރުވަމުންނެވެ. ހަމަ ހިތުގައި ޖެހިޖެހިފައި ރޮނީއެވެ. އެ އަޑަށް ނަސީމަށް ވެސް ހޭލެވުނެވެ.
(ނުނިމޭ)