(24 މެއި 2017 އާ ގުޅޭ)

ރާމިޒާއަށް ހޭލެވުނީ ދަރިފުޅު ރޮއިގަން އަޑަށެވެ. ސިއްސައިގެން ތެދުވި ރާމިޒާ، ދަރިފުޅު ނެގިއެވެ. ނަމަވެސް އެ ދަރިފުޅުގެ ރުއިން ހުއްޓައެއް ނުލިއެވެ. އެ ރުއިން ދިޔައީ ހައްތަހާ ބާރުވަމުންނެވެ. ހަމަ ހިތުގައި ޖެހިޖެހިފައި ރޮނީއެވެ. އެ އަޑަށް ނަސީމަށް ވެސް ހޭލެވުނެވެ.

"ކިހިނެއްވީ އަނެއްކާ؟" އެނދުން ތެދުވަމުން ނަސީމަށް އަހައިލެވުނެވެ.

"ނޭނގެ. ދަރިފުޅު ރޯ އަޑަށް މަށަށް ވެސް ހޭލެވުނީ. ބަނޑުހައިވީ ކަންނޭނގެ" ރާމިޒާ ޖަވާބުދިނެވެ.

"ދަރިފުޅުގެ ކަޅި ހާދަ ފެއްސޭ. ހިތްހަމަ ނުޖެހޭ ނުވަތަ ހާސްވާ ކަމެއް ދިމާވީ ކަންނޭނގެ. ނޫނީ ހުވަފެނެއް ފެނުނީ ކަންނޭނގެ" ނަސީމު ވާހަކަދެއްކީ އޭނާއަށް ހީވި ގޮތަށެވެ.

"ވެދާނެ ތިހެން ވެސް. އެކަމަކު މިއީ އެހެންޏާ ވާ ގޮތެއް ނޫން. މާހައުލު ބަދަލުވީމާ ކަންނޭނގެ" ރާމިޒާއަށް ވިސްނުނުގޮތް އޭނާ ވެސް ފާޅުކުރިއެވެ.

ދަރިފުޅުގެ ރުއިން ހުއްޓާނުލުމުން އެންމެފަހުން ދަރިފުޅަށް ބުއްޖެއްސިއެވެ. އެއާއެކު ދަރިފުޅުގެ އަޑު ކެނޑުނެވެ. ގޭތެރެއަށް ހިމޭންކަން ވެރިވިއެވެ.

"އަހަރެން ހާދަ ބިރެއް އެބަ ގަނޭ. މި ދަރިފުޅު އެގޮތަށް ރޮއިގަތީމާ މަގޭ މޭގަނޑު ހީވީ ހަމަ ނުކުތްހެން" ރާމިޒާގެ އިހުސާސްތައް އޭނާ ފާޅުކުރީ ދަރިފުޅަށް ނިދި ޖެހުނުކަން ޔަގީންވުމުންނެވެ.

"އަހަރެންވެސް ބިރުގަތް. އެ މަންޖެ ރޮއިގަތް ގޮތުން ހީވީ ވަރަށް ބޮޑު ކަމެއް ވީހެން" ނަސީމަށް ކުރެވުނު އިހުސާސް ވައިއަޑުން އޭނާ ވެސް ހިއްސާކުރިއެވެ.

ގޭތެރޭގައި އޮތް ހިމޭންކަން ފަޅައިގެން ދިޔައީ ގޭގެ ދޮރުގައި ބަންކިޔާފައި އެއްޗަކުން ޖެހިއަޑަށެވެ. އެ އަޑާއެކު މުޅި ގެއިން ކަރަންޓް ދިޔައެވެ. ނަސީމަށް ކުއްލިއަކަށް ތެޅިގަނެވުނެވެ. ރާމިޒާއަށް ދެ ލޯ ބޮޑުކޮށްލެވުނީއެވެ. އެއަޑާއެކު ދަރިފުޅު ފެށީ ރޯށެވެ. ވީނުވީއެއް ނަސީމަކަށް ނޭނގުނެވެ. ހުއްޓުން އަރާފައި އިން ރާމިޒާއަށް ހަޅޭއްލަވައިގަނެވުނީއެވެ. އެ އަޑު ރަނގަޅަށް ބޭރު ނުވަނީސް އޭނާގެ އަނގަމަތީ ބާރު ކޮށްލީ ބޯ ފޮތިގަނޑެކެވެ. އަތުގައި އޮތް ދަރިފުޅު ގަޔާލާ ބޮނޑިކޮށްލަމުން ރާމިޒާ ތެޅިގަތެވެ. ފައިބުޑަށް ވެއްޓުނީ ނަސީމެވެ. ފުއްކިބައިގައި ޖެހި ޖެހީނުން ދަންމާލާފައެވެ. އެ މަންޒަރާއެކު ރާމިޒާގެ ލޯ ވެސް މަޑުމަޑުން މެރެމުން ދިޔައެވެ. މޭ މައްޗަށް އެރި ތޫނު ހަމަލާގައި ރާމިޒާގެ އެންމެ ފަހު ނޭވާ އެ ހަށިގަނޑުން ނުކުތެވެ. އަތުގައި އޮތް ދަރިފުޅުގެ ގިސްލުން އިތުވިއެވެ. ނަމަވެސް އެ އަޑު އެހީ ކާކުކަން ނޭނގޭ، ހަށިގަނޑު މުޅިން ނިވާވެފައިވާ ބައެކެވެ. އެ މީހުންގެ ބޭނުމަކީ އެ ދަރިފުޅެވެ.

ގޭތެރޭގައި އެ މީހުން ހޭދަކުރީ ކުޑަ ވަގުތު ކޮޅެކެވެ. އެ މީހުން އެތަނުން ނުކުމެގެން ދިޔައިރު ބަޔަކު އުޅެފައި ނުވާ ތަނެކޭ އެއްފަދައެވެ. ކަމެއް ހިނގާފައި ވެސް ނުވާފަދައެވެ. މީހެއްގެ ހިލަމެއް ނިޝާނެއް ވެސް ނެތް ފަދައެވެ. ވީކަމެއް ވެގެން ދިޔައީ އެކަން ކުރި މީހުންނަށް ފިޔަވާ އެހެން އެއްވެސް މީހަށް ނޭނގޭނެ ހެންނެވެ.

ރާމިޒާއާއި ނަސީމު މި ދުނިޔެއާ ވަކިވީއެވެ. ކާކުކަން ނޭނގޭ ބައެއްގެ އަތްދަށުވީއެވެ. ކުއްލި ހަމަލާއެއްގައި ޝަހީދުވީއެވެ. އަނިޔާވެރި އަތެއްގެ ތޫނު ހަމަލާއަކުން މި ދުނިޔެއާ އަލްވަދާޢުކީއެވެ. ހިތާމައަކީ އެކަން އެނގޭ މީހަކު ނެތުމެވެ. އެ މީހުން ވީތަނެއް، ވީގޮތެއް ވެސް އެނގޭ މީހަކު ނެތުމެވެ. އެނގޭކަމަކީ ކުޑަކުޑަ ރައިޝާ ދުނިޔޭގައި ހުރިކަމެވެ. އެކަމަކު އެކަން ވެސް އެނގެނީ އެ ދަރިފުޅު ވަގަށް ނެގިބަޔަކަށެވެ. އެ ބަޔަކު އުފާކުރިއެވެ. ހިތްހަމަޖެހުން ހޯދިއެވެ. އެތައް ފައިސާއެއް ބައިއެޅިއެވެ. އެބަޔަކު ބޭނުންވީ ރައިޝާގެ މުސްތަގުބަލެވެ. އޭނާއަށް ލިބިފައިވާ ނޫ ކަޅިއެވެ.

އެތައް އަހަރެއް ފާއިތުވީއިރު ވެސް ނަސީމާއި ރާމިޒާއާއި ރައިޝާގެ ޚަބަރެއް ނުވިއެވެ. އެ މީހުން ހޯދަން ކުރި މަސައްކަތްތައް ވެސް ކާމިޔާބެއް ނުވިއެވެ. ޕާކިސްތާނު ފުލުހުން ކުރި މަސައްކަތުން ވެސް ވީނުވީއެއް ނުހޯދުނެވެ. އެނގުނުހާ ވެސް ކަމަކީ ތިން މައިން ޕާކިސްތާނަށް ދިޔަކަމެވެ. އެ މީހުންނަށް ބަޔަކު އެހީތެރިވީކަމެވެ. އެ އެހީތެރިކަން ދިނީ ޑޮކްޓަރުކަން އެނގުނު ނަމަވެސް އެކަމުގައި ޑޮކްޓަރުގެ ނިޔަތް ރަނގަޅެވެ.

އޭނާގެ މަގުޞަދު ސާފެވެ. ޝައްކުކުރާނެ ޖަގައެއް ނެތެވެ. ޝައްކުގެ ނަޒަރުން ސުވާލު އުފައްދަން ބޭނުން މީހުން ސުވާލު އުފެއްދި ނަމަވެސް އެކަމުން ޑޮކްޓަރު ސަލާމަތްވިއެވެ. އިންސާނިއްޔަތަށްޓަކައި ވީ އެހީތެރިކަން ކުށަކަށް ހެދޭނެ ގޮތެއް ނުވިއެވެ.

މިއަދު ޑޮކްޓަރަކީ ބޮޑު މުއްސަންޖެކެވެ. ބާރާއި ނުފޫޒު ގަދަ މީހެކެވެ. އެތައް ބަޔަކަށް ފަރުވާދެމުން ގެންދާ ހޮސްޕިޓަލެއްގެ ވެރިއެކެވެ. އެ މުއްސަނދިކަމާމެދު ސުވާލު ކުރާނެ މީހަކު ނެތެވެ. އެ އިޚުލާސްތެރިކަމާމެދު ޝައްކު އުފައްދާ މީހަކު ވެސް ނެތެވެ. އެ ޝައްކު އުފެދޭނަމަ އުފެދޭނީ ޑޮކްޓަރުގެ ހިތުގައެވެ. އެ ނޫ ލޯ ޖަވާހިރަކަށްވާނެ ނަމަ އެކަން އެނގޭނީ ހަމައެކަނި އެ ޑޮކްޓަރަށެވެ. އޭނާ ވެދިން އެހީތަކުގެ ފަހަތުގައި އޮތީ މަހުޖަނަކަށް ވުން ކަމަށް ވަނަމަ އެކަން ވެސް އެނގޭނީ ހަމަ އެ ޑޮކްޓަރަށެވެ.

ނަސީމާއި ރާމިޒާ ދުނިޔޭގައި ނެތްކަމަށް ނިންމީ އެމީހުންގެ ޚަބަރެއް ނުވާތާ އެތައް އަހަރެއް ފަހުންނެވެ. އެ ދެ މީހުންގެ ދަރިފުޅު ރައިޝާ ވެސް ދުނިޔޭގައި ނެތްކަމަށް ނިންމީ އެ ވިސްނުމުގައެވެ. އެއީ ހަގީގަތެވެ. މިއަދު ތިން މައިން ވެސް ވަނީ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. ނަމަވެސް ރައިޝާގެ ލޯ މި ދުނިޔޭގައި އެބަ ވެއެވެ. އެ ގުނަވަނުގެ ދިރުން އެބަ ހުއްޓެވެ. އެ ނޫ ލޮލުގެ ޖާދޫގައި ޖެހިފައިވާ އެތައް ބަޔަކު އެބަ އުޅެއެވެ. އެކަން ވީގޮތް އެނގޭ މީހަކު ނެތެވެ. އެނގެނީ އެއީ ބޮޑު އަގުގައި ގަތް ލޮލެއް ކަމެވެ. އެފަދަ އެހެން ލޮލެއް ފެންނަން ނެތްކަމެވެ. އެކަމުން މުއްސަނދިވީ ބަޔަކު އުޅޭކަމެވެ. އެ ބަޔަކު ވަންހަނާވެ ތިބިކަމެވެ.

(ނިމުނީ)