ދިވެހީންނަކީ ރަނގަޅު ބައެކެވެ. މެހުމާނުންނަށް ކަމޭހިތާ ބައެކެވެ. މިއީ ދިވެހީން ސިފަކޮށްދިނުމަށް ބައެއް މީހުން ބުނެ އުޅޭ ޖުމުލަތަކެކެވެ. މިކަން ސައިފުލް އިސްލާމު ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟

މި ރާއްޖޭގައި ސައިފު އުޅޭތާ އަހަރެއް ވަނީއެވެ. މި ތަނަށް އޭނާއަށް އާދެވުނީ އޮޅުމަކުންނެއް ނޫނެވެ. އޭނާ މިތަނަށް އައީ ގަސްތުގައެވެ. އެކުވެރިއެއްގެ ފަރާތުން ލިބުނު މަޢުލޫމާތުތަކެއްގެ އެހީގައެވެ. ރަނގަޅު ޢާމްދަނީއެއް ލިބޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ. އޭގެ އިތުރުން ބޭނުން ވަރަކަށް ފައިސާ ހޯދުމުގެ ފުރުޞަތުތައް އޮންނާނެކަމަށް ބުނުމުންނެވެ.

ނަމަވެސް މިތަނުން ސައިފަށް ފެނުނީ އޭނާގެ ސިކުނޑީގައި ކުރެހިފައިވާ ތަސްވީރެއް ނޫނެވެ. އެންމެ ކުޑަމިނުން އެ ތަސްވީރު ފެނުނީ ކުލަ މަންޒަރެއްގެ ގޮތުގައެއް ވެސް ނޫނެވެ.

ސައިފު އައީ ބޯކޮށާ މީހެއްގެ ވަޒީފާއަށެވެ. ނަމަވެސް ދާންޖެހުނީ ކޮންސްޓަރްކްޝަން ސައިޓަކަށެވެ. އެކަމާމެދު ޝަކުވާކުރުމުން ބުނީ އަދި އެ ވަޒީފާ ހަމަ ނުޖެހޭތީ އެހެން ވަޒީފާއެއް އަދާކުރުވަނީ ކަމަށެވެ. ކޮންސްޓަރަކްޝަން ސައިޓުގައި ވަޒީފާ އަދާކުރާތާ ތިން މަސް ވީއިރު ވެސް އެކަމަކުން ސަލާމަތެއް ނުވިއެވެ. އެ ޝަކުވާ އެތައް ފަހަރަކު ކުރުމުން ވެރިމީހާ އައީ ރުޅިއެވެ. ހިތްހަމަ ނުޖެހުނީއެވެ. ފޮނުވާލާނެކަމަށް ބުނީއެވެ.

"ފޮނުވާލިޔަސް މައްސަލަ ނެތީ. ބޯކޮށާ މީހާގެ ވަޒީފާ ނުލިބެނީ. އަހަރެން ދަނީ" ބޮޑު މީހާއާ ވާހަކަދައްކަމުން ސައިފުގެ ބަހުރުވައިން އޭނާ ބުންޏެވެ.

"ކަލެއަށް ދެވޭނީ މަސައްކަތް ކޮށްފައި. ބޭނުންހާ ގޮތަކަށް ނޫޅެވޭނެ" ވަރަށް ހިތްހަމަ ނުޖެހި ހުރެ ބޮޑު މީހާ ބުންޏެވެ. ސައިފަށް ޖެހުނީ މަޑުކުރާށެވެ. ބޮޑުމީހާ ބުނާކަމެއް ކޮށްގެން އުޅޭށެވެ.

ރަށުގެ އެހެންމީހަކާ ވާހަކަދައްކާލުމުން އެނގުނީ ބޮޑު މީހާއަކީ ވަރަށް ނުފޫޒު ގަދަ މީހެއްކަމެވެ. އޭނާގެ ގާތުން ވަގަށް ފިލައިގެން އެހެން ތަނެއްގެ މަސައްކަތަށް ދެވޭނެ ގޮތެއް ނޯންނާނެކަމެވެ.

ބައެއް މީހުން ބޮޑު މީހާއާ ސިއްރުން ފިލައިގެން ދިޔަ ނަމަވެސް އެ މީހުން ހޯދައި ގެނެސް، އެއަށްވުރެ ގިނަ މަސައްކަތް ޖައްސުވާކަމެވެ.

ސައިފު މަޑުކުރިއެވެ. ބޮޑު މީހާ ބުނަންދެން އޭނާ ބުނާ މަސައްކަތެއް ކުރަމުން ދިޔައެވެ. މަސައްކަތުގައި ފަރުވާތެރިވެސް ވިއެވެ. މިގޮތުގައި ހުއްޓައި ރަމަޟާން މަސް ބައްދަލުކުރިއެވެ.

ނަމަވެސް ބޮޑު މީހާގެ ވިސްނުން ބަދަލުވެފައިވާތީ ސައިފާމެދު ކަންތައްތައް ކުރީ ތަފާތުކޮށެވެ. އެހެން މީހުންގެ މުސާރަ ބޮޑުކުރި ނަމަވެސް ސައިފުގެ މުސާރަ ބޮޑެއް ނުކުރިއެވެ. ރަމަޟާން އިނާޔަތެއް އެހެން މީހުންނަށް ދިން ނަމަވެސް އެ އިނާޔަތެއް ސައިފަކަށް ނުދިނެވެ. ސައިފު ކެތްތެރިވިއެވެ. ޝަކުވާނުކޮށް ހުއްޓެވެ.

ސައިފުގެ ހިތުގެ ޝަކުވާއަކީ ފާއިތުވީ މަހު އުޅެންޖެހުނުލެއް ބުރަކަމެވެ. ރޯދަމަހަށް ނިންމަންޖެހުނު އެތައް އިމާރާތެއް ނިންމުމުގައި ރޭގަނޑު ވެސް ވަޒީފާއަށް ނުކުންނަން ޖެހުނެވެ. ދުވާލުދާ ހަތަރުދަމު ކަހަލަ ގޮތަކަށް އުޅެންޖެހުނީ މަސައްކަތުގައެވެ. އެ ވަރުބަލިކަމާއި ބުރަކަމުގައެވެ. ނަމަވެސް މުސާރައަށް އިތުރު ބަދަލެއް ނާދެއެވެ. ލިބޭ އިނާޔަތް ބޮޑެއް ނުވެއެވެ. އެހެން މީހުންނަށް ބޮޑު މުސާރަ ލިބޭކަން ސައިފަށް އެނގެއެވެ. ނަމަވެސް އެ ޝަކުވާ ކުރަކަށް ބޭނުމެއް ނުވިއެވެ. އެފަދަ ޝަކުވާއެއް ކުރުމަށް ބޮޑު މީހާގެ ގާތަށް ދާކަށް ވެސް އޭނާގެ ހިތެއް ނޭދުނެވެ.

ރޯދަމަހު ސައިފު ބޭނުންވީ އަޅުކަމުގައި އުޅޭ ވަގުތު އިތުރުކުރާށެވެ. އެ ނިޔަތާއެކު މަސައްކަތް ކުރާނެ ގޮތް އޭނާ ރާވާލިއެވެ. އަޅުކަމުގައި ވަގުތު ހޭދަކުރާނެ ގޮތްވެސް ތާވަލުކޮށްލިއެވެ. ރޯދަމަހު މަސައްކަތް މަދުވާނެކަމަށް ބަލައިގެންނެވެ. ނަމަވެސް ކަންތައްވީ ހީކުރިގޮތާ ޚިލާފަށެވެ.

ރޯދަމަސްވުމުން ވަކި ފަސޭހައެއް ނުވިއެވެ. ހެނދުނު 10 ޖަހާއިރު މަސައްކައްކަތަށް ނުކުންނަން ޖެހެއެވެ. އިރުއޮއްސި 7 ޖަހާއިރު ވެސް މަސައްކަތަށް ނުކުންނަން ޖެހެއެވެ. ސައިފުގެ ޝަކުވާއަކަށްވީ ތަރާވީހު ނަމާދު ނުކުރެވޭތީއެވެ. އެނަމާދަށް ނުފޮނުވާތީއެވެ. އެއީ އެތައް ބައެއްގެ ޝަކުވާއެކެވެ. ދިވެހީންނަށް ތަރާވީހު ނަމާދަށް ދެވޭއިރު އެ މީހުންނަށް ނުދެވޭތީ އެ ކަންބޮޑުވުން އެ މީހުންގެ ތެރޭގައި އޮތެވެ. އެ ޝަކުވާ އުފުލަން ސައިފަށް ޖެހުނީ އެހެން މީހުންގެ އެދުމުގެ މަތިންނެވެ. މިހާރުވެސް ނުފުއްސަވާ ފާފައެއް ކުރެވިފައި ހުރީ އޭނާކަމަށް ވާތީއެވެ. އޭނާއަށް ލިބޭ ހިތްދަތިކަން އެހެން މީހަކަށް ލިބެން ސައިފު ބޭނުން ނުވާތީއެވެ.

ބޮޑު މީހާގެ ވާހަކައަކަށްވީ އެ ނަމާދަށް ސައިފު ފޮނުވާނަމަ އެހެން މީހުން ވެސް ފޮނުވަން ޖެހޭކަށެވެ. ސައިފުގެ ވާހަކައަކީ އެންމެން ވެސް ތަރާވީސް ނަމާދަށް ފޮނުވަން ޖެހޭކަމަށެވެ.

"ކުރަންޖެހޭ ކަންތަކާ ކުރަންނުޖެހޭ ކަންތައް އެނގޭނީ ކަލެއަކަށް ނޫން" ބޮޑުމީހާ ޖަވާބުދިނީ ނުރުހުންވެ ހުރެއެވެ.

"ބޮޑު މީހާ ސަވާބު ހޯދަނީ.. އަހަރެމެން މަސައްކަތް ކުރަނީ؟ ކޮން ވައްތަރު ތިބޭ" ބޮޑު މީހާއާ ޒުވާބުކުރަން ޖެހުނު ދެވަނަ ފަހަރު ރުޅިއައިސްގެން ސައިފު ބުންޏެވެ.

"މަގޭ ކުރިމަތީ ފާޑުފާޑުގެ ވާހަކަ ނުދައްކާތި. މިތަނުން މިހާރު ރައްކާވޭ" ބޮޑު މީހާގެ އަތުގައި އޮތް ފޮތްގަނޑު އަހަރެންނާ ދިމާއަށް ހޫރާލަމުން ހަޅޭއްލަވައި ގަތެވެ. އޭރު އޮފީހުގައި ތިބި ބައެއް މީހުންވެސް ތިބީ ބިރުންނެވެ.

(ނުނިމޭ)